ރާއްޖޭގެ އުތުރުން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ ހދ. ކުޅުދުއްފުއްޓަށް ކަމަށާއި އެކަން ކުރެވޭނީ ކުރަން އެނގޭ ބަޔަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބަށް، ކުޅުދުއްފުށީ ސިޓީގެ ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ ކުޅުދުއްފުއްޓަކީ އުތުރުގެ އިގްތިސާދީ ނާރެސް ކަމަށާއި އެއީ އެންމެ ވަރުގަދަ އިގްތިސާދު އޮތް ރަށް ކަމަށެވެ. 

އުތުރުގެ ތަރައްގީގެ މަސައްކަތްތަކުން އެންމެ ގިނަ ޑޮލަރާއި ފައިސާ ލިބިގެން އޮތް ސިޓީއަކީ އެއީ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އެކަމުން މަންފާ ހޯދަން އެނގޭ ސަރުކާރަކަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބޭނުމެއް ނޫން ފިނިއަށި އަޅާ ބައެއް މިއަދަކު. މި ކުޅުދުއްފުށި ސިޓީ މިއީ ބޮޑު ސިޓީއެއް. ވަރުގަދަ އިގްތިސާދެއް. ދިވެހިރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެސް މިއީ. އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ މިސިޓީއަށް،" ޝިޔާމް ވިދާޅުވި އެވެ. 

"އެކަމަކު އެކަން ކުރަން އެނގޭ ބަޔަކަށްތާ އެކަން ކުރެވޭނީ،"

ޝިޔާމް ވިދާޅުވީ މި ސަރުކާރުން އަންނަނީ އެ ސިޓީއަށް ތަރައްގީ ގެނެވޭނެ މަގުތައް ކޮށައިދެމުން ކަމަށާއި އެކަމަކު އެ ތަރައްގީ ލިބިގަންނަ ބަޔަކަށް ރައްޔިތުން ވާންޖެހޭ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ތަރައްގީ ލިބިގަންނަ ބަޔަކަށް ވެވޭނީ އެކަން ހާސިލުކުރުމަށް މަސައްކަތްކުރާ ސަރުކާރަކާ އެކު ކުރިއަށް ގޮސްގެންނެވެ. 

"އެކަންކަން ހާސިލުކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރަކާ އެކީގައި އަތުގައި ހިފައި ކެންޑިޑޭޓަކަށް ތިބި ކައުންސިލަރުންތަކަކަށް ވޯޓު ދޭން އެބަޖެހޭ. އެއީ މި ތިއްބެވި ބޭފުޅުންނަކީ. އެއީ މި ސިޓީގެ މޭޔަރު [ޕީއެންސީ ކެންޑިޑޭޓް] އިބްރާހިމް ގަސަން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހަދީޖަތު މޫސާ އަކީ،" ކެމްޕެއިނު ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވި އެވެ.

 

ހދ. ކުޅުދުއްފުށީގައި ޕީއެންސީގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން.
ހދ. ކުޅުދުއްފުށީގައި ޕީއެންސީގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން.

ޝިޔާމް ވިދާޅުވީ އެ ބޭފުޅުންނަކީ ފިނިއަށިތަކާއި ފިނި މައިޒާންތައް އަޅާނެ ބޭފުޅުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ ޖީބުތައް ތަނަވަސްކޮށްދެއްވާނެ ބޭފުޅުން ކަމަށެވެ. އަދި އެކަމަކީ އިޖުތިމާއީ ހަމަޖެހުން އެ ސިޓީއަށް ލިބޭނެ ކަމެއްގެ ގޮތުގައި ޝިޔާމް ސިފަކުރެއްވި އެވެ. 

ޝިޔާމް ވިދާޅުވީ 2024 ގެ ބަޖެޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަޖެޓެއް ނޫން ކަމަށާއި އެހެންވެ، އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތް ކަމަށެވެ. 

"2024 ވަނަ އަހަރުވީ ވަރަށް އުނދަގޫ ހާލަތެއްގައި ވެރިކަން ހިންގަން ޖެހުނު އަހަރަކަށް." 

އެކަމަކު 2025 ވަނަ އަހަރަކީ ރައީސްގެ ފުރަތަމަ ބަޖެޓު ކަމަށާއި އެ ބަޖެޓާ އެކު ސަރުކާރުން ނުކުތީ ރައީސްގެ ތަސައްވަރުތަކުގައި ގަދައަށް ކުލަ ޖައްސަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.