ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ރޭ ރަށްރަށުގެ ރައްޔިތުންނަށް ދައުވަތު ދެއްވި ނަމަވެސް އެއީ ދިވެހިންނަށް އޮތް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން 25 ބުރީގެ 62 ޓަވަރު އެޅުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ އެއީ ހުރިހާ ދިވެހިންނަށް އަމާޒުކޮށްގެން އަޅާ ފްލެޓްތަކެއް ކަމަށެވެ. ރަށްރަށުގައި ތިބި މާލެ ބަދަލުވާން ބޭނުން މީހުން އެ ފްލެޓްތަކަށް އަންނަން ރައީސް ގޮވާލެއްވި އެވެ.

ރައީސްގެ އެ ވިސްނުންފުޅާ ދެކޮޅުހައްދަވައި، ދިވެހިންނަށް ނަސޭހަތް ދެއްވަން އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އައުމުގެ ބަދަލުގައި، ނަލަ ރަށްރަށުގައި އުފާވެރި ދިރިއުޅުމެއް ހޯދޭތޯ ބެލުން މާ ރަނގަޅު ވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށާ އަޅާބަލާއިރު، ވެރިކަން ކުރާ މާލެ އަކީ، އަލީ ހުސެއިން ސިފަކުރެއްވި ގޮތުގައި، ތޮއްޖެހި ފިތިބާރުވެފައިވާ ތަނެކެވެ. އަދި މިތަނަކީ ވިހަ ވަޔާއި ކުށުގެ ވެށިން އިޖުތިމާއީ ހާލަތު ތަޣައްޔަރުވެފައިވާ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިންގެ އިތުރުން ވެސް ރައީސްގެ އެ ގޮވާލެއްވުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. މި ސަރުކާރުން ކުރިއަށް ގެންދަން އުޅުނު ރަށްރަށް އެއްފަސްކުރުމުގެ މަޝްރޫއު ހުއްޓާލީތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.