އެނިލް ކަޕޫރުގެ މަޝްހޫރު އެކްޝަން ތުރިލާ ސީރީޒް "24" ސްޓްރީމިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން ނިންމައިފި އެވެ.

ފިލްމްފެއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަލާސް ޓީވީން ގެނެސްދިން މި ސީރީޒް ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ ޖިއޯ ހޮޓްސްޓާ އިންނެވެ. އެ ސީރީޒްގެ ފުރަތަމަ ސީޒަނާއި ދެވަނަ ސީޒަންގެ އެޕިސޯޑްތައް ސްޓްރީމް ކުރަން ފަށާނީ މި މަހު 24 އިން ފެށިގެންނެވެ. 

ކޮންމެ ހުކުރު ދުވަހަކު 8 އެޕިސޯޑް އެ ޕްލެޓްފޯމަށް އިތުރުކުރަމުން ދާނެ އެވެ. މި ސީރީޒްއަކީ ޖުމްލަ 48 އެޕިސޯޑުގެ ސީރީޒެކެވެ. 

މިއީ އެމެރިކާގެ މަޝްހޫރު ސީރީޒް "24" އަށް ބިނާކޮށް އިންޑިއާގައި އުފެއްދި ސީރީޒެކެވެ. މީގެ ފުރަތަމަ ސީޒަން 2013 ގައި ދެއްކިއިރު، ދެވަނަ ސީޒަން ދެއްކީ 2016 ގަ އެވެ.

މި ސީރީޒްގައި އަނިލް ފެންނަނީ އެންޓި ޓެރަރިސްޓް ޔުނިޓުގެ ވެރިޔާ ޖޭ ސިންގް ރާތޯޑްގެ ރޯލުންނެވެ.

މި ސީރީޒް ސްޓްރީމް ކުރަން ފަށާކަން އިއުލާންކުރުމާ އެކު، ތިންވަނަ ސީޒަނެއް އުފައްދާ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. ނަމަވެސް އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ. 

އަނިލް ބުނެފައިވާ ގޮތުގައި، "24" އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ފާހަގަކޮށްލެވޭ އަދި އޭނާގެ ހިތާ ވަރަށް ގާތް މަސައްކަތެކެވެ. އެ ސީރީޒަކީ ވަގުތުން ވަގުތަށް ހިނގާ ކަންތައްތަކެއްގެ ގޮތުގައި ގެނެސްދީފައިވާ ތުރިލާއެކެވެ.