08 އޯގަސްޓް 2021 - 07:40
ޑައިރެކްޓަރު ނިކިލް އަދުވާނީ މިހާތަނަށް ގެނެސްދޭ އެންމެ ބޮޑު ޕްރޮޖެކްޓް "ދި އެމްޕަޔާ" ވެބް ސީރީޒްގެ ޓްރެއިލާ އާންމުކޮށް، މި މަހުގެ 27 ގައި އެ ޕްރީމިއާކުރާނެކަން އިއުލާންކޮށްފި އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭ މި ސީރީޒަކީ އެޗްބީއޯ އިން ގެނެސްދިން މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފާޑުވެރިކަން ފެންނާނެ އެއްޗެކެވެ. އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ދުވަސްވަރުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ "ދި އެމްޕަޔާ" ގައި ހަނގުރާމައިގެ ބޮޑެތި ހާދިސާތަކެއް ވެސް ގިނަ އަދަދަކަށް ހިމެނާނެ އެވެ،
މީގެ މައިގަނޑު ކާސްޓުންނަކީ ޝަބާނާ އާޒްމީ، ކުނާލް ކަޕޫރް، ޑީނޯ މޯރިއޯ، އަދިތިޔާ ސީލް އަދި ޓީވީ ބަތަލާ ދުރަޝްމީ ދާމީ އެވެ.
"ދި އެމްޕަޔާ" ހަދާފައި ވަނީ އިނގިރޭސި ލިޔުންތެރިޔާ އެލެކްސް ރަދަޕޯޑް ހަ ވޮލިއުމަކަށް ގެނެސްދިން ވާހަކަ "އެމްޕަޔާ އޮފް މޯގުލް" އަށް ބިނާކޮށެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ ބަވާނީ އައްޔަރު އެވެ.
ނިކިލްގެ އަމިއްލަ ފިލްމު ކުންފުނި އެންމޭ އެންޓަޓައިންމަންޓުން ގެނެސްދޭ ސީރީޒްއާ ބެހޭ ގޮތުން ބުނީ މިއީ ކެރިއަރުގައި މިހާތަނަށް ކުރި އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތް ކަމަށެވެ. އަދި "ދި އެމްޕަޔާ" އަލީ މިހާތަނަށް ހިންދީ އުފެއްދުމަކުން ފެނިފައި ނުވާހާ ތަފާތު މަސައްކަތެއް ކަމަށް ބުންޏެވެ.
ނިިކިލް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ބޮޑު ފިލްމަކީ ޖޯން އަބްރަހަމްގެ 2019 ގެ "ބަތުލާ ހައުސް" އެވެ. އޭނާ ހެދި ފިލްމުތަކުގެ ތެރޭގައި "ކަލް ހޯ ނަ ހޯ" އާއި "ސަމާލޭ އިޝްގް" އާއި "ޑީ-ޑޭ" އާއި "ހީރޯ" އަދި "ކައްޓީ ބައްޓީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy