މި މަހު ފަހުކޮޅު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ނެގި ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑުން ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ) ބާކީކުރިއިރު، ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޖަވާމް އަލީ އާއި މުހައްމަދު މިމްރާހު ޓީމުގައި ހިމަނައިފި އެވެ.

މިއީ ފާއިތުވި 12 ވަރަކަށް އަހަރުތެރޭ އައްކަޅޭ ނުލައި ގައުމީ ވޮލީ ޓީމު މުބާރާތަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އައްކަޅޭގެ އިތުރުުން ދެން ބާކީ ކުރި ކުޅުންތެރިންނަކީ އަހުމަދު ފާޒިލް، ލުގުމާން ލަތީފްގެ އިތުރުން އެންމެ ފަހުން ކުޅުނު ގައުމީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އާދަމް ނަސީމެވެ.

ޖަވާމް، 22، ވަނީ މީގެ ކުރިން ވެސް ސީނިއާ ޓީމަށް އެއް މުބާރާތް ކުޅެފަ އެވެ. ޒުވާން ގައުމީ ޓީމުން މީގެ ކުރިން ފެނުނު ޖަވާމް އަކީ މި އަހަރު އެންމެ ބޮޑު ކުރިއެރުމެެއް ހޯދި ކުޅުންތެރިޔާ އެވެ. މި އަހަރު ކުޅުނު ގިނަ މުބާރާތްތަކުގައި ޖަވާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

އުމުރުން 18 އަހަރުގެ މިމްރާހް އަކީ ޖޫނިއާ ލެވެލްގައި ފާއިތުވި ދެ ވަރަކަށް އަހަރު އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔާ އެވެ. މިމްރާހް މި ފަހަރު ޓީމާ އެކު ލަންކާ ކޭމްޕްގައި ބައިވެރިވިއިރު، މިއީ އޭނާ ސީނިއާ ސްކޮޑަށް އެރި ފުރަތަމަ ފަހަރެވެ.

ޖަވާމް (ވ) އާއި މިމްރާހު: ދެ ކުޅުންތެރިން ވެސް ވަނީ ސީނިއާ ސްކޮޑުގައި ހިމެނިފައި.--
ޖަވާމް (ވ) އާއި މިމްރާހު: ދެ ކުޅުންތެރިން ވެސް ވަނީ ސީނިއާ ސްކޮޑުގައި ހިމެނިފައި.--

ގައުމީ ވޮލީޓީމުގައި ހިމެނެނީ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ)، އަލީ ހުޒާމް، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، ހަސަން ނިލާމް، މުހައްމަދު ޝާޢިން، އަލީ އާމިރު، އަހުމަދު އަނިލް ނަސީރު، އާދަމް ފައިރޫޒް، އަހުސަން، ހުސެއިން ވިޝާމް، އިޝާން މުހައްމަދު (ބަޓިސް)، ޖަވާމް އަދި މިމްރާހު އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އައްކަޅޭ ވަނީ ޒުވާން އުމުރުގައި ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ. އިންޓަ ސްކޫލް މުބާރާތްތަކުން ފެށިގެން ކުޅުނު ކޮންމެ ޓީމެއްގައި ވެސް ތަފާތު ދައްކަމުން އަންނަ އައްކަޅޭ އަކީ ފެށުނުއިރުއްސުރެން ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ސްރީ ލަންކާގެ ސިސިރާ ކުމާރުގެ އިރުޝާދުގެ ދަށުން މިހާރު ގައުމީ ޓީމު ދަނީ ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. ސިސިރާ ވަނީ ދިވެހި ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރިކަމަށާއި ޓީމެއްގެ ގޮތުގައި މި ކުޅުންތެރިންނަށް ތަފާތު ދެއްކޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ.

ސެންްޓްރަލް ޒޯން މުބާރާތުގައި ވާދަކުރަން ގައުމީ ޓިމު ފުރާނީ މި މަހު 19 ވަނަ ދުވަހު އެވެ.