13 މެއި 2025 - 11:07
ރާއްޖޭގައި އޭނާ ވަރަށް މަސައްކަތް ކުރާ ހިތްވާ ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަށީގެންވާ ވަސީލަތެއް ނެތް ކަމަށް މިއަދު ރާއްޖޭން ފުރި ވޮލީބޯޅަ ކޯޗު އަލީ ޕޫރު އަރޫޖީ ބުނެފި އެވެ.
އެފްއައިވީބީގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ އެހީގައި އެ އިދާރާއިން މުސާރާ ދޭގޮތަށް އީރާންގެ ތަޖުރިބާކާރު އަރޫޖީ ރާއްޖޭގައި މަސައްކަތް ފެށީ އަށް މަސް ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ.
އެކަމަކު ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ދެ މަސް ހޭދަކުރުމަށް ފަހު އޭނާ ވަނީ މަގާމު ދޫކޮށްލައިފަ އެވެ.
ރާއްޖޭން ފުރުމުގެ ކުރިން "މިހާރު" އާ ވާހަކަ ދައްކަމުން ތަޖުރިބާކާރު ބުނީ އޭނާ ރާއްޖެ އައީ ޒަމާނީ ވޮލީބޯޅައެއް ކުޅޭ ގައުމީ ޓީމެއް ރާއްޖޭގައި ބިނާ ކުރަން ކަމަށެވެ. އެކަމަކު އެކަމަށް އެކަށީގެންވާ ވަސީލަތެއް ރާއްޖޭގައި ނެތް ކަމަށެވެ.
"ރާއްޖޭގައި އަހަރެން ވަރަށް މަސައްކަތް ކުރާ ހިތްވޭ. އެކަމަކު އަހަރެން މިތަނުގައި ކިތަންމެ މަސައްކަތް ކުރަން ބޭނުން ވިޔަސް އެކަށީގެންވާ ވަސީލަތެއް ނެތް،" ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް ކުރިން އަދާކުރި އަރޫޖީ ބުންޏެވެ.
ރާއްޖޭގައި ވޮލީ އަށް ވެސް ވަކި ހާއްސަ އިންޑޯއެއް ނެތެވެ. ވޮލީން ވެސް ބޭނުން ކުރަނީ ހަތަރު ކުޅިވަރަކުން ވެސް ހިއްސާ ކުރާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލެވެ.
އަރުޖީ ބުނީ އޭނާ ރާއްޖެ އައިސް މަސައްކަތް ފެށި ފުރަތަމަ ދުވަސްކޮޅު އެ ހޯލްގައި ޕްރެކްޓިސް ކުރެވުނު ކަމަށެވެ. އެ ހޯލްގެ ފެންވަރާ މެދު އޭނާ ހިތްހަމަޖެހެ އެވެ.
އެކަނަކު ފަހުން ތަމްރީނުތައް ހަދަން ޖެހުނީ އައުޓްޑޯގައި ކަމަށް އޭނާ ބުންޏެވެ. އީރާންގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީ ކާމިޔާބު ހޯދައިދިން އަރޫޖީ ބުނީ ޒަމާނީ ވޮލީއެއް ކުޅޭނަމަ އިންޑޯގައި ދާއިމީކޮށް ޕްރެކްޓިސް ކުރަން ޖެހޭ ކަމަށެވެ.
"އަހަރެންގެ ކޯޗިން އެޑިއުކޭޝަންގައި އަހަރެން ހާއްސަވީ ވެސް ޒަމާނީ ވޮލީގެ ގޭމް ކުޅުވަން. އެކަމަކު އައުޓްޑޯގައި ޕްރެކްޓިސްކޮށްގެން އެ ގޭމް ނުކުޅެވޭނެ. ގޭމްގެ ފެންވަރު މައްޗަކަށް ނުޖެއްސޭނެ،" ފިޒިކަލް އެޑިއުކޭޝަން ދާއިރާއިން ޕީއެޗްޑީ ވެސް ހާސިލުކޮށްފައިވާ އަރޫޖީ ބުންޏެވެ.
"މިހާރު ހުރި [ސޯޝަލް ސެންޓަރުގެ] އިންޑޯ ވަރަށް ރަނގަޅު. އެކަމަކު ދާއިމީކޮށް އެތަން ބޭނުން ކުރެވޭކަށް ނޯވޭ. އަހަންނަށް އެނގިފައި އޮތީ އިތުރު ކުޅިވަރުތަކުން ވެސް ބޭނުން ކުރަނީ އެތަނޭ."
އީރާންގެ ޔުނިވަސިޓީ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް ކުރިން އަދާކުރި އަރޫޖީ ބުނީ މުބާރާތް ކުޅޭނެ ވަކި އިންޑޯއެއް ނެތް ނަމަވެސް ޕްރެކްޓިސް ކުރަން ހޯލެއްގެ ގޮތުގައި ހެދިފައި ހުރި އިންޑޯއެއް ވެސް ރާއްޖޭގެ ވޮލީބޯޅަ އަށް މުހިންމު ކަމަށެވެ.
"ސަޕޯޓަރުންނަށް ވަދެވޭނެ ގޮތަށް ވޮލީ އަށް ވަކި އިންޑޯއެއް ނެތަސް އަހަންނަށް އެންމެ ރަނގަޅު. އެކަމަކު ދާއިމީކޮށް ޕްރެކްޓިސްކޮށްލަން ހަމައެކަނި ހޯލެއް ގޮތަށް އިންޑޯއެއް ހަދާފައި އެ މެޓް އަޅާފައޮތް ތަނެއް ލިބުނަސް އަހަންނަށް ފުދޭ. ބޭނުންވަނީ ދާއިމީކޮށް އިންޑޯގައި ވޮލީ ޕްރެކްޓިސް ކުރެވޭނެ ތަނެއް،" އޭނާ ބުންޏެވެ.
"ބީޗް ވޮލީގައި އައުޓްޑޯގައި ޕްރެކްޓިސް ކުރަންވީ. ބީޗް ވޮލީން ރާއްޖެއަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތް. އެކަމަކު އިންޑޯ ވޮލީ ކުރިއަރުވަންޏާ އެންމެ ކުޑަމިނުން ޕްރެކްޓިސްކޮށްލާނެ ދާއިމީ ހޯލެއް ބޭނުންވާނެ."
އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވޮލީގެ ހުނަރު އެބައޮތް ކަމަށް ޔޫތު ޑިވެލޮޕްމެންޓްގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި ކޯޗު ބުންޏެވެ.
"އަހަރެން އުއްމީދު ކުރަން ޕްރެކްޓިސްކޮށްލެވޭނެ ގޮތަށް އެކަނި ނަމަވެސް ދާއިމީ އިންޑޯއެއް ރާއްޖޭގެ ވޮލީއަށް ލިބޭނެކަމަށް. އެހެންނޫނީ ރާއްޖޭގެ ވޮލީގެ ފެންވަރު މައްޗަކަށް ނުޖެއްސޭނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތާމަވެރި
15 May 2025
ރާއްޖެއަށް ބޭނުންވަނީ ކުޅިވަރު ޕުރެކްޓިސް ކޯޓުއްތަކެއްނޫން .. ބޭނުން ވަނީ އަދި 2 ރައްޔިތުންގެ މަޖްލިސް އާއި 3 ރައީސް އޮފީސް އަދި މީގެން ކޮންމެ ތާކަށް +150 ސިޔާސީ މަގާމު
ލުތުފ
15 May 2025
މީ އަހަރެމެންގެ ހާލު. ކުޅިވަރަށް ކުރާ ޚަރަދު ކުޑައެއްނޫން. މާލޭގެ ބިމުގެ ބޮޑުބައެއްވެސް ކުޅިވަރަށް ޚާއްޞަވެފަ އެބައޮތް. ނޭފަތުކުރިޔަށް ވިސްނާ ވަޒީރުން ގިނަވީމަ ވާނީ ތިހެން.
ބެލެނިވެރިން
14 May 2025
ބާސްކެޓައް ބަލަންޔާ ވަސީލަތެއްނެތް މީގެ 30 އަހަރު ކުރި އެކަމަކުވެސް ސުޕުން ކިޔާ ލަންކާ ކޯޗަކު ހުރި ބަހައްޓާފަ ވިޔަފާރި އުސޫލުން ، މާނަ އަކީ ވޮލީ ކޯޗާ ހުރިތަފާތު
އިހްސާސް
13 May 2025
އަދިވެސް ރާއްޕެ އުޅެނީ ޕުރައިވެޓް ފުޓުބޯޅަ ކުލަބުތަކަށް މިލިއަނުން ބެހުމުގަ.
އައްބާސީސް
13 May 2025
ވޮލީބޯޅަ އެސޯސިއޭޝަން ނޫނީ ނޫޅޭނެ ސަޅިބައިސާ ކަނޑަމުން ދުވާބައެއް. ވާކަމެއް ހަރާމް ސަރުކާރު ދަވާލުން ނޫން ކަމެއް ނުކުރޭ ވަޒީރު ރާއްޕެ ގެންގޮސް މެޗުތަކުގަ ޝަރަފުވެރި މެހެމާނުކަން ކުރުން ނޫނީ. ލަތީބެ އުޅެނީ ބޭކަރީ ހިންގަން. ޝަރަފު އުޅެނީ އެކަޑަމީ ހިންގައިގެން ލާރި ހޯދަން. ފައްލޯ އުޅެނީ ވޮލީކުޅޭހާ ބަޔަކު ޕޮލިހަށް ނުވެއްދިގެން. ދެންތިބި މީހުން ނިދާފަ.
ބިނާ
13 May 2025
މުޅި އޮޑީގައި ޝަރަފުގެ ދެފައި ދެއަތް ދެކަންފަތް ދެލޯ. ޥޮލީ އެސޯސިއޭޝަން ހައިޖެކްކޮއްގޮން ބަގުޑި ބައްދައިގެން ބޮޑުވަރުދޯ.
ރަދީފްއޮފިޝަލް / ވޮލީ
13 May 2025
"ވޮލީ އަށް ވެސް ވަކި ހާއްސަ އިންޑޯއެއް ނެތެވެ. ވޮލީން ވެސް ބޭނުން ކުރަނީ ހަތަރު ކުޅިވަރަކުން ވެސް ހިއްސާ ކުރާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލެވެ." ރައީސް މައުމޫންގެ މަސައްކަތް ނޫން އެއްޗެއް މިކަމުގަ ފެންނަން ނެތް.އޭގެފަހުން 4 ރައީސުން ވެރިކަންކޮށްފި.މިހާރު 5 ވަނަ ރައީސް.ކޮބާ އެއްކަލަ އައްޑޫ ލަތީ ގްރޫޕް.އިންޑޯ ކޯޓެއް ނެތި ވޮލީ ކުރިނާރާނެކަމަށް ވޮލީގެ ތަޖުރިބާހުރި ބޭކަލަކު އެބުނަނީ.
ރަދީފާއްތަ
13 May 2025
ބަލަ ރަދީފޫ ތިޔަހެން ވަންޔާ ރާއްޖޭގަ ފޫޓްސަލް ދަނޑު އެބަހުރި ކޮންމެ 100 ފޫޓަކުން. މުޅި ގައުމު ކުޅެނީ ފުޓްސަލް. ކިއްވެބާ ބޭރު ބަޔަކާ ޖެހުނީމާ ސުމަކުން ދަނީ.
އިއްޕަޓޭ
13 May 2025
އެއޯކޭއޭ. އަނެއްކާވެސް ދެންއޮންނަ ރިޔާސީ އިންތިހާބުގެ ކުރިން އިންޑޯ ކޯޓެއް އަޅާނަމޭ، ކުޅިވަރު އިތުރު ހަރުފަތަކައް ގެންގޮސްދޭނަމޭ ބުނީމަ މިގައުމުގަ ފުދޭނެ. އަމަލީ މަސައްކަތެއް ނުކޮށް ހުވަފެން ދައްކާލީމަ ހުރިހާކަމެއް ފުރިހަމަވާނެ މިތަނުގަ. މީނަވެސް މިކަހަލަ ފޮނިކަނޑާލަ ކަނޑާލަން ހުރިނަމަދޯ. މައްސަލައަކީ ޕްލޭންތަކެއް ހަދާފަ އަމަލީ މަސައްކަތް ކުރަންއުޅުނީމަ.
ޑެބީ
13 May 2025
ދިވެހިން ވޮލީކުޅެން މޮޅުވާހަކައާއި މިގެނައި އިރާނު ކޯޗުގެ ކަޑަވާހަކަ އަދި ލިޔާނެ ދިވެހި ނޫސްވެރިން. ދިވެހި ކުޅުންތެރިންގެ ހުރި ފެންވަރަށްވުރެން މާމޮޅު ކޮށްގެން މޮޅެތި އާޓިކަލްތައް ނޫހުގައި ޖަހާޖަހާ ދިވެހި ކުޅުންތެރިން ސައިޒު އޮޅެންފެށީ.
ބޯޅަބޭ،
13 May 2025
ކޯޗުގެ ވާހަކަ ސަތޭކަ. ރާއްޖޭގައި ހަފްލާއެއް ބާއްވާލަން އެތައް މިލިޔަން ހަރަދުކުރެވޭ އިރު ގިނަ ދިވެހިންތަކެއް ކުޅޭ ފުޓްސަލް އަދި ވޮލީ ކުޅެން އިންޑޯ ދަނޑެއް ނެތުމަކީ ލަދުވެތިކަމެއް. އިސްނަގައިގެން ކަމެއް ކުރާނެ ފަރާތެއް ނެތީ އަސްލު. ޓީމުތަކަށް ސްޕޮންސާ ބޯކޮށް ލިބޭ އިރު އެވަރުކަމެއް ކުރަން ބަޔަކު މަސައްކަތެއް ކޮށްފިނަމަ ނުވާންވީ ސަބަބެއްނެތް.