ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މައި ހިއްސާދާރު ކަަމަށްވާ ބެއިން ކެޕިޓަލް އިން އޮސްޓްރޭލިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ވާޖިން އޮސްޓްރޭލިއާ ގަނެފި އެވެ.
އެ ކުންފުނިން ވާޖިން އޮސްޓްރޭލިއާ ގަނެފައިވަނީ ކޮވިޑް-19ގެ ސަބަބުން އެ އެއާލައިނަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. ބެއިންގެ ދަށުން އެ އެއާލައިން ހިންގަން ފަށާނީ އޯގަސްޓު މަހުގެ ތެރޭގައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.
ބެއިން ކުންފުނިން ބުނިގޮތުގައި އެ ކުންފުނިން އެއާލައިނާ ހަވާލުވި ނަމަވެސް އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އެއާލައިންގެ ދަތުރުތައް އިތުރަށް ފުޅާކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެ އެއާލައިނުން ވަނީ އަންނަ ޖުލައި މަހު އޮސްޓްރޭލިއާގެ އެތެރޭގެ އުދުހުންތައް ގިނަކުރަން ނިންމާފަ އެވެ. އެގޮތުން އަންނަ މަހު އުދުހުންތައް 13 ޕަސެންޓް އިތުރު ކުރާނެ ކަމަށް އެ އެއާލއިނުން ބުނެފަ އެވެ.
ވާޖިން އޮސްޓްރޭލިއާއަށް ކޮވިޑް-19ގެ ކުރިން ވެސް ވަނީ ގެއްލުންވާން ފަށައިފަ އެވެ. އެހެންކަމުން އެ އެއާލައިނުން ވަނީ އޮސްޓްރޭލިއާގެ ސަރުކާރުން ލޯނަށް ވެސް އެދިފަ އެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބުމުން އެއާލައިން ވިއްކާލަން ބިޑަށް ހުޅުވާލީ މިދިޔަ މަހު އެވެ. އެ އެއާލައިން ގަތުމަށް އެމެރިކާގެ ސައިރަސް ކެޕިޓަލް ފާމުން ވެސް ބިޑުގައި ވާދަކުރި އެވެ.
ބެއިން ކުންފުނިން އެ އެއާލައިން ގަތުމުގެ ސަބަބުން ރާއްޖެއަށް ވެސް ފައިދާވާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން، ޓީއެމްއޭގެ ދަތުރުތައް ފުޅާކުރަން އޮސްޓްރޭލިއާއިން ރާއްޖެއަށް ދަތުރުތައް ގިނަ ކުރުމާއި އޮސްޓްރޭލިއާގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއާ މެދު ޝައުގުވެރިކަން ބޮޑުކުރުން ހިމެނެ އެވެ.