ޓީއެމްއޭގެ އޮޕަރޭޝަނަށް ބުރޫއަރައިފި ނަމަ ޓޫރިޒަމަށް ވެސް ލޮޅުން އަންނާނެ: ޑރ. މައުސޫމް

ޓީއެމްއޭއަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ އެކު އޮޕަރޭޝަނަށް ބުރޫއަރައިފި ނަމަ އެއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް އަންނާނެ ބޮޑު ލޮޅުމެއް ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.


އެކަމަކު ޑރ. މައުސޫމް ވިދާޅުވީ ޓީއެމްއޭއަށް ލޯނު ދެއްކޭ ގޮތް ނުވުމުން އެހެން ބައެއްގެ އަތްމައްޗަށް އެއާލައިން ގެންދިއަ މައްސަލަ އޭނާއަށް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެމެރިކާގެ ބޮޑު އިންވެސްޓްމެންޓް ކުންފުނި ބްލެކްސްޓޯން އަތުން 2017 ގައި، އެމެރިކާގެ ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ ގުޅިގެން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ޓީއެމްއޭ ގަތީ، އަމިއްލަ އެތައް ބަޔަކު ދިން 305 މިލިއަން ޑޮލަރުގެ އެހީގަ އެވެ. އެކަމަކު އޭގެ ތެރެއިން ގާތްގަނޑަކަށް 285 މިލިއަން ޑޮލަރު ޓީއެމްއޭ އިން ނުދައްކާ އޮތް ކަމަށް، މާލީ ދާއިރާއަށް ހާއްސަ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މިދިއަ މަހު 23ގައި ޓީއެމްއޭ ވަނީ، އެ ބޮޑު ލޯނު ދިން ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް، އޭގެ ތެރެއިން ހަ މީހުން ލާފައިވާކަން، އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ލިއުންތަކުން އެނގެ އެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ލޯނު ދެއްކުމުގައި ބައިން އާއި ލެންޑާސްއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުން އަލި މަގެއް ނުފެނުނެވެ. އެހެންކަމުން އެ ފަރާތްތަކުގެ ބާރުގެ ދަށަށް އެއާލައިން ގެންގޮސް، ދެން އޮތީ، އަލުން އެއާލައިން ގަންނާނެ ބަޔަކު ހޯދުން ކަމަށް ވެސް، ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ކޮވީޑް-19އާ ގުޅިގެން ހުއްޓިފައި އޮތް ރާއްޖޭގެ ޓޫރިޒަމް އަލުން ފެށިގެން އަންނަ އިރު ކުރިމަތިވެދާނެ ވަރަށް ބޮޑު ނުރައްކަލެކެވެ. ޓީއެމްއޭގެ އޮޕަރޭޝަންތަކަށް ބުރޫއަރާ ގޮތް ވެއްޖެ ނަމަ، ދުރު ރިސޯޓްތަކަށް ޓޫރިސްޓުން އުފުލަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް، އެ ތަޖުރިބާކާރުން ބުނެ އެވެ.

އެކަމަކު މި މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެފައިވަނީ ކިހާ ވަރަކަށްކަން، ރަސްމީ އެއްވެސް ފަރާތަކުން އަދި ނުބުނެ އެވެ. އެ ސުވާލު ދެންނެވުމުން ޑރ. މައުސޫމް ވިދާޅުވީ "އެ ކޭސްގެ ކަންތައް މުޅިއަކުން އަދި ނޭނގޭ" ކަމަށެވެ.

އޭގެ ފަހުން އޭނާ ވިދާޅުވި ގޮތުގައި އެކަހަލަ ބައެއް ކަންކަން ނިމިފައި ހުރީ "ކުރިން އަޑުއަރާ ގޮތަކަށް ނޫނެ"ވެ. އޭގެ މާނައަކީ ޓީއެމްއޭއަށް މިހާރު ދިމާވެގެން އުޅޭ މައްސަލާގައި މީޑިއާތަކުން ފަތުރާ ހަބަރުތައް މުޅިން ރަނގަޅު ނުވެދާނެ ކަމެވެ.

ނަމަވެސް ޑރ. މައުސޫމް ވިދާޅުވީ އޭނާގެ އުއްމީދަކީ ޓީއެމްއޭގެ އޮޕަރޭޝަންތަކަށް ބުރުލެއް ނައިސް، އޮމާންކޮށް ކުރިއަށް ދިއުމެވެ.

"އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް އެހާ ބޮޑު ހިދުމަތްތަކެއް ކުރި ކުންފުންޏެއް އެ ހިދުމަތުގައި ދެމިގެން ދާނެ" ކަމަށް އުއްމީދުކުރައްވާ ކަމަށް، މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓީއެމްއޭގެ މައްސަލަ ވަރަށް ކައިރިން ސަރުކާރުން ބަލަން ޖެހޭނެ އެވެ.

ޑޮމެސްޓިކް އެއާޕޯޓްތައް ގިނަވުމަކީ ފުރުސަތެއް

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ޑޮމެސްޓިކް އެއާޕޯޓްތައް ގިނަވުމަކީ، ޓޫރިސްޓުން އުފުލަން ލިބޭ އިތުރު ފުރުސަތެކެވެ. އެހެންކަމުން ސީޕްލޭން ދަތުރުތަކަށް ބުރޫއެރިޔަސް، ކުރިއަށް ވުރެ ބޮޑަށް އެކަން ހައްލުކުރުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިތްހަމަޖެހޭ މިހާރު ވަރަށް ގިނަ ޑޮމެސްޓިކް އެއާޕޯޓްތައް ހެދިއްޖެ. އެހެންވީމާ ޑޮމެސްޓިކް އެއާޕޯޓްތަކުން ވަރަށް ބޮޑު ހައްލެއް ލބިގެންދާނެ އަންނަ ލޮޅުންތަކަށް [ސީޕްލޭން ދަތުރުތަކަށް]،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ރާއްޖެ ތިން އެއާލައިން ކަމަށްވާ މޯލްޑިވިއަން އާއި ފްލައިމީ އަދި މަންތާ އެއާއިން ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރެ އެވެ.