ސުޝްމިތާ.
30 ޖޫން 2020 - 08:01
ފިލްމީ ތަރިއަކަށްވުމަކީ ކުރިން އެއްވެސް ވަރަކަށް ބޭނުންވި ކަމެއް ނޫން ކަމަށާއި އެކަމަކު އޭނާ އެ އިންޑަސްޓްރީ އަށް ގެނެސްދިނީ މިސް ޔުނިވާސްގެ ތާޖު ކަމަށް ބަތަލާ ސުޝްމިތާ ސެން ބުނެފި އެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް، "އާރިއާ" ކިޔާ ވެބް ސީރީޒަކުން މި މަހު އެނބުރި އެކްޓިން އަށް އައި 44 އަހަރުގެ ބަތަލާ އަކީ 1994 ގެ މިސް ޔުނިވާސް އެވެ. އެ މަގާމު ހާސިލުކުރުމަށް ފަހު، ސުޝްމިތާ ބޮލީވުޑަށް ނުކުތީ މަހޭޝް ބަޓް 1996 ގައި ގެނެސްދިން "ދަސްތަކް" އިންނެވެ.
ފިލްމީ ތަރިންނަށް ކުރިމަތިވާ ޕްރެޝަރުތަކާއި ފިލްމީ ދާއިރާ އަށް ނުކުންނަ "ބީރައްޓެހިންނާ" ބެހޭ ގޮތުން ސުޝްމިތާ ބުނީ އޭނާ އަކީ ވެސް ފިލްމީ އެއްވެސް ކަމަކާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ. އެކަމަކު އޭނާ މި ދާއިރާ އަށް ނެރެ، އިންވެސްޓްކޮށްދިން މީހުންނަށް ޝުކުރުއަދާކުރާ ކަމަށް ބުންޏެވެ.
"އަހަންނަކީ ހަގީގަތުގައި މި އިންޑަސްޓްރީއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން. އަދި ފިލްމީ ތަރިއަކަށްވުމީ ކުރިން ބޭނުންވި އަދި ވިސްނި ކަމެއް ވެސް ނޫން،" ސުޝްމިތާ ބުންޏެވެ. "އަހަންނަށް މި ދާއިރާ އަށް ނުކުމެވުނީ ހޯދުނު ޓައިޓްލްއަކާ އެކު ޑިފޯލްޓަކުންނޭ ބުނާ ހިތްވަނީ."
ސުޝްމިތާ އާއިލާއާ އެކު.
އޭނާ ބުނި ގޮތުގައި އިންޑިއާގެ އެކި ތަންތަނުން ވަރަށް އާދައިގެ އާއިލާތަކަށް ނިސްބަތްވާ ހުނަރުވެރި ޒުވާނުން ފިލްމީ ދާއިރާ އަށް ނުކުމެ ކުރިއަށް ދިއުމަކީ އަބަދު ވެސް ދެކޭ ހުވަފެންތަކެވެ. އެކަމަކު ކަމަކަށް މާ ބޮޑަށް ފެންބޮވައިގަނެ، އެކަމަކާ މާ ބޮޑަށް ފިކުރުކުރަން ފަށައިފި ނަމަ އެ މީހަކު ހަލާކުވެދާނެ އެވެ. އެހެންވެ އުންމީދުތަކާއި ހުވަފެންތައް ކޮންޓްރޯލްނުވާ ހިސާބަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އެއްވެސް ކަމަކަށް މާ ބޮޑަށް ޑެސްޕަރޭޓްވާކަށް ނުވާނެ. ތަގުދީރު އެ މީހަކު ގެންދިޔަ ހިސާބަކަށް ދާނީ. މިހާރު ވާ ގޮތަކީ ސޯޝަލް މީޑިއާގެ ނުފޫޒު އަހަރެމެންގެ ތެރޭގައި ބޮޑުވީމަ، ޕްރެޝަރުތައް ވެސް ބޮޑުވަނީ." ސުޝްމިތާ ބުންޏެވެ.
"އެއްވެސް ކަމަކަށް މާ ބޮޑަށް ޑެސްޕަރޭޓްވާކަށް ނުވާނެ. ތަގުދީރު އެ މީހަކު ގެންދިޔަ ހިސާބަކަށް ދާނީ."
އޭނާ ބުނީ ދާއިރާގެ ތެރޭގައި ވާދަވެރިކަން އޮތުމަކީ ވެސް މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު މިހާރު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތަރިން ފޮލޯކުރާތީ އެ މީހުންގެ ފަރާތުން ވެސް އެތައް ޕްރެޝަރުތަކާ ފަންނާނުންނަށް ކުރިމަތިލާން ޖެހޭ ކަމަށް ބުންޏެވެ.
"މީގެ ސަބަބުން ހަގީގަތުގައި މީހާގެ ޕަފޯމަންސަށް ވެސް އަސަރުކުރޭ. ބައެއް މީހުން އެ މީހުން ސަޕޯޓްކުރާ ފޭނުން ޖަޖްކުރަނީ ހުނަރަކަށް ބަލާފައެއް ނޫން. އެ މީހެއްގެ ފޮލޯވަރުން އޮންނަ ނިސްބަތަކަށް ބަލާފައި." ސުޝްމިތާ ބުންޏެވެ.
ސުޝްމިތާ ބުނިގޮތުގައި މީހުންގެ ލޯތްބާއި އިހުތިރާމު ހޯދޭނީ އަމިއްލަ އަށް ކުރާ މަސައްކަތުންނެވެ. އަދި އެއީ ނުފޫޒާއި ބާރުން ހާސިލުކުރާ އެއްޗަކަށްވެއްޖެ ނަމަ އޭގެ އެއްވެސް އަގެއް، ބުރަދަނެއް ވެސް ނުހުންނާނެ ކަމަށް ބުންޏެވެ.
ސުޝްމިތާ ލޯބިވެރިޔާއާ އެކު.
"އަހަރެން އަބަދު ވެސް މަސައްކަތް ކުރަނީ އެ ވިސްނުން ސިކުނޑީގައި ބަހައްޓައިގެން. އަހަންނަށް މަސައްކަތް ލިބޭ ވަރަކުން މަސައްކަތްކުރާނަން. ހައްގު ނުވާ އެއްޗެއް ހޯދާކަށް އަހަރެން މަސައްކަތެއް ނުކުރާނަން،" އެޑޮޕްޓްކޮށްގެން ދެ އަންހެން ކުދިން ވެސް ގެންގުޅޭ ބަތަލާ ބުންޏެވެ. "އަދި އަހަރެން މަސައްކަތްކުރާނީ ވެސް އަހަންނަށް އިހުތިރާމްކުރާ ގަދަރުކުރާ މީހުންނާ އެކީ. މާ ނުފޫޒު ގަދަ މީހަކަށްވުމަކީ ތިމާ އެހެން މީހުންގެ މައްޗަށް ބާރުފޯރުވަން ލިބޭ ފުރުސަތެއް ނޫން."
ސުޝްމިތާ ބުނިގޮތުގައި އަބަދު ވެސް މީހުންގެ ފަރާތުން އެކި ކަހަލަ ބަސްތަކާ ކުތިމަތިލާން ޖެހޭނެ ކަމަށް ވެސް ގަބޫލުކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ފާޑުކިޔުންތަކާއި އެ މީހަކަށް ތައުރީފުކުރުން ވެސް ހިމެނެ އެވެ.
"އެކަމަކު އެ މީހެއްގެ ދިރިއުޅުން ބައްޓަންކުރާނެ ގޮތުގެ އިހުތިޔާރު އޮންނާނީ އެ މީހެއްގެ އަތުގައި. އަހަރެން ބޭނުމެއް ނޫން ދުވަހަކު ވެސް ވަކި ބަޔަކު، ނުވަތަ ވަކި މީހަކު ބޭނުންވާ ކަހަލަ މީހަކަށްވާކަށް،" "މޭ ހޫނާ އާއި މޭނޭ ޕިޔާރު ކިޔު ކިޔާ ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް އަހަރެން. އެއަކަށް ބަދަލަށް ނާންނާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުމާ
30 June 2020
އަހަރެން މިއީ ރާއްޖޭގެ ނަމްބަރ 1 ބަތަލާ
މަސްވެރިޔާ
30 June 2020
"އެއްވެސް ކަމަކަށް މާ ބޮޑަށް ޑެސްޕަރޭޓްވާކަށް ނުވާނެ. ތަގުދީރު އެ މީހަކު ގެންދިޔަ ހިސާބަކަށް ދާނީ." ބަރާބަރު އަދި އެހާ އިބުރަތްތެރި ވާހަކައެއް.