އއ. އަތޮޅުގެ އެންމެ ލަގްޒަރީ އެއް ރިސޯޓު، ލަކްސްގެ މަލަމަތިން ފެންނަ އެންމެ ޗާލު އެއް މަންޒަރަކީ ތަފާތު ޑިޒައިނަކަށް ކޮށާފައިވާ ކުރެދި ގަސްތަކެވެ. އެ ރިސޯޓަށް ދާ ކޮންމެ މީހެއްގެ ނަޒަރު ވެސް އެންމެ ފުރަތަމަ ގޮސް ހުއްޓެނީ އެ ގަސްތަކަށެވެ. އަދި މިއީ ޓޫރިސްޓުން ވެސް އެންމެ ގިނައިން ފޮޓޯ ނަގަން މަޑު ކުރާ ރިސޯޓުގެ ލޮކޭޝަނެވެ.
ކުރެދި އަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުގައި އާންމުކޮށް ވެސް ހެދޭ ގަހެކެވެ. ލަކްސްގައި ވެސް އެ ގަސްތައް ހެދުނީ ވަރަށް ފަސޭހައިންނެވެ. އެކަމަކު، އެހެން ރަށްތަކާ ނުވަތަ ރިސޯޓްތަކާ، ލަކްސްގައި ހުރި ގަސްތައް ތަފާތު ވަނީ ވަރަށް ރީތި ޑިޒައިނަކަށް އެ ގަސްތައް ކޮށާލައިފައިވާތީ އެވެ.
ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކޮލިޓީ އަފީފު ހުސެއިން ވިދާޅުވީ، އެ ރަށް އެންމެ ފުރަތަމަ ހުޅުވި އިރު އެ ރަށުގައި ހުރި މި ކުރެދި ގަސްތައް، އާންމުންގެ ސަމާލުކަން ލިބޭނެ ގޮތަށް ރީތި ޑިޒައިނަކަށް ކޮށި ގޮތަށް، އަދިވެސް އެކަން ދަމަހައްޓަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ގަސްތައް އެ ޑިޒައިންގައި ބެހެއްޓުމަށް ޓަކައި އެ ރިސޯޓުގެ ގާޑެނަރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.
"10 ވަރަކަށް އަހަރު މިވީ މި ގަސްތައް މި ޑިޒައިންގައި ހުންނަތާ،" އޭނާ ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ، އެ ރިސޯޓަށް ދާ ޓޫރިސްޓުން އެންމެ ގިނައިން އިންޓަގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުގައި އެންމެ ގިނައިން ޝެއާކުރަނީ ވެސް އެ ރިސޯޓުގެ ކުރެދި ގަސްތައް ކަމަށެވެ.
ލަކްސް ރިސޯޓުގައި ގާޑެނިން މަސައްކަތް ކުރަނީ ފަސް ވަރަކަށް މުވައްޒަފުންނެވެ. އެ ސަރަހައްދުގެ އެ ރީތި ޑިޒައިނަށް ބަދަލެއް ނުގެނެސް، އެގޮތަށް ބެހެއްޓުމަށް ކޮންމެ ހަފްތާއަކު ގަސްތައް ކޮށައި ރީތިކުރަން ޖެހެ އެވެ.
ގަސްގަށް ތަފާތު ސިފަތައް ގެނެސް އެކި ވައްތަރުގެ ޑިޒައިން ގެނައުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. އެހެން ނަމަވެސް ރާއްޖެ އިން މި މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ.
ލަކްސް އަރި އެޓޯލް އަކީ 187 ޕްރައިވެޓް ވިލާ އާއި އެކު ދިއްދޫފިނޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 30 މިނެޓުން ދެވޭ އެ ރިސޯޓަކީ ދެ އިންފިނިޓީ ޕޫލް، ޖިމް، ޓެނިސް ކޯޓް އަދި ދުނިޔޭގެ އެކި ކެއުންތައް މަތީ ފެންވަރުގައި ދޭ ރެސްޓޯރަންޓް ވެސް ހުންނަ ރިސޯޓެކެވެ.