ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށް "ކެއާގިވް ޕެކޭޖް" ތަކެއް ލަކްސް ރިސޯޓުން ތައާރަފްކޮށްފި އެވެ.

ސިއްހީ އެހީތެރިންގެ ތެރެއިން ލަކްސްގެ ސައުތު އަރި އެޓޯލް އާއި ލަކްސް ނޯތު މާލެ އެޓޯލްގައި ޗުއްޓީ ހޭދަކުރާ މީހުންގެ ކޮޓަރިތަކުން 30 ޕަސެންޓް، ސްޕާ އާއި ކެއުމުން 20 ޕަސެންޓް ޑިސްކައުންޓެއް މި ޕެކޭޖުން ލިބޭނެ އެވެ.

މި މަހުން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޚާއްސަ ޕެކޭޖުގެ ދަށުން ލަކްސްގެ ވެބްސައިޓުން ކޮޓަރިތައް ބުކް ކުރެވޭނެ އެވެ.

ލަކްސްގެ ފަރާތުން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓު ކަމައްވާ ލަކްސް ނޯތު މާލެ ރިސޯޓުގެ ސްޕާ ތަކެއް: ދިވެހި ޑިޒައިނަރަކު ފަރުމާކޮށްފައިވާ ތިމާވެއްޓާ ރައްޓެހި މިރިސޯޓުގެ %55 މުވައްޒަފުންނަކީވެސް ދިވެހިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ލަކްސްގެ ފަރާތުން ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓު ކަމައްވާ ލަކްސް ނޯތު މާލެ ރިސޯޓުގެ ސްޕާ ތަކެއް: ދިވެހި ޑިޒައިނަރަކު ފަރުމާކޮށްފައިވާ ތިމާވެއްޓާ ރައްޓެހި މިރިސޯޓުގެ %55 މުވައްޒަފުންނަކީވެސް ދިވެހިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ކުންފުނީގެ ރީޖަނަލް ޑައިރެކްޓާ އޮފް ސޭލްސް، މާކެޓިން ރޯޝަން ރަދޭ ވިދާޅުވީ، މިފަދަ ޕެކޭޖެއް ސިއްހީ އެހީތެރިންނަށް ދޭން ނިންމީ، ކޮވިޑް-19 އާ ގުޅިގެން އެ މީހުން ކުރާ ބުރަ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް ކަމަށެވެ.

"އެ މީހުން އެ ކުރާ ބުރަ މަސައްކަތުން ބްރޭކެއް ބޭނުންވާ ހާލަތުގައި، ދިރިއުޅޭ ގައުމުގައި ވެސް ހިތްފަސޭހަކޮށްލާނެ ފުރުސަތެއް މި ފަހި ކޮށްދެނީ،" އޭނާ ވިދާޅުވި އެވެ.

ލަކްސް ރިސޯޓް އެންޑް ހޮޓެލްސް އިން ވަނީ ދާދި ފަހުން "ހެލްތްކެއާ ހީރޯސް" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފަ އެވެ. މި ކެމްޕެއިންގެ ދަށުން ސިއްހީ އެހީތެރިންނަށް ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ޗުއްޓީ އަށް ސިއްހީ ހިދުމަތްތެރިން ނޮމިނޭޓް ކުރުމުގެ ފުރުސަތު އޭރު ހުޅުވައިލި އެވެ.

ލަކްސް ނޯތު މާލޭ ރިސޯޓުގައި 67 ވިލާ ހުރެ އެވެ. މީގެ އިތުރުން ލަކްސް އަރި އެޓޯލުގައި 187 ޕްރައިވެޓް ވިލާ ހުރެ އެވެ.