ތަފާތު ޑިޒައިނަކަށް ފަރުމާކޮށްފައިވާ ލަކްސްގެ އާ ރިސޯޓު އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވަން ހަމަޖައްސައިފި އެވެ.

ލަކްޒަރީ ތަފާތު ހިދުމަތްތަކާއެކު ހުޅުވާ މި ރިސޯޓުގައި 67 ޕެންޓްހައުސް ވިލާ ހިމެނެ އެވެ. މި ރިސޯޓު ހުޅުވުމުގެ ހަރަކާތްތައް ކުލަގަދަކޮށް ބާއްވާއިރު ދުނިޔޭގެ މަޝްހޫރު އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލީޝާ ޑިސަން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

ހަ ހެކްޓަރުގެ އޮޅަހަލީގައި ތަރައްގީކުރި މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެސް އޮވެ އެވެ. ދެ ބުރިއަށް ތަރައްގީކޮށްފައިވާ ކޮންމެ ވިލާއެއްގެ އެންމެ ބޮޑު ތަފާތުކަމަކީ ޑިޒައިނެވެ.

ސިންގަފޫރުގެ ޑިޒައިނަރެއް ފަރުމާކޮށްފައިވާ މި ޕެންޓްހައުސްތައް ލަގްޒަރީ ބޯޓެއްގެ ސިފަ ގެނެސްފައިވެ އެވެ. ކޮންމެ ވިލާއެއްގައި ޗުއްޓީ ހޭދަކުރާ މީހަކަށް ވެސް ޕްރައިވެސީ ވަރަށް ބޮޑަށް އޮންނާނެ އެވެ.

އެ ރިސޯޓުގައި 67 ޕެންޓްހައުސް ތަރައްގީކޮށްފައިވޭ--ފޮޓޯ:ޓްވިޓާ
އެ ރިސޯޓުގައި 67 ޕެންޓްހައުސް ތަރައްގީކޮށްފައިވޭ--ފޮޓޯ:ޓްވިޓާ

އެ ރިސޯޓުން ލަގްޒަރީ ޔޮޓްތައް ބުކްކޮށް، ކައިރި ސަރަހައްދުތައް ބަލައިލުމުގެ ފުރުސަތު ވެސް ދެ އެވެ. މީގެ އިތުރުން މޫދު ކުޅިވަރުތަކުގައި ވެސް ބައިވެރިވެވޭނެ އެވެ.

ޓޫރިޒަމްގެ ދާއިރާއަށް އާ ކަންތައްތަކެއް ގެނެސްދޭ މި ރިސޯޓުގެ ގޮނޑުދޮށްތަކާއި ސްޕާގެ އިތުރުން ރެސްޓޯރެންޓުން ވެސް އެ ރިސޯޓަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް ބޭނުންވާ ހިތްހަމަޖެހުން ލިބޭނެ ކަމަށް ލަކްސް އިން ބުންޏެވެ.

މިއީ ރާއްޖޭގައި ހުޅުވާ ލަކްސްގެ ދެވަނަ ރިސޯޓު--ފޮޓޯ:ޓްވިޓާ
މިއީ ރާއްޖޭގައި ހުޅުވާ ލަކްސްގެ ދެވަނަ ރިސޯޓު--ފޮޓޯ:ޓްވިޓާ

އެރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާ ވިދާޅުވީ، ލަކްސްގެ އާ ރިސޯޓުން ޓޫރިސްޓުންނަށް ބޭނުންވާ އެންމެ ފުރިހަމަ ނުވަތަ ވޯލްޑް ކްލާސް ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.

މިއީ ރާއްޖޭގައި ހުޅުވާ ލަކްސްގެ ދެވަނަ ރިސޯޓެވެ. ލަކްސް އަރި އެޓޯލަކީ 187 ޕްރައިވެޓް ވިލާއާ އެކު ދިއްދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ.

ލަކްސް އިން ރާއްޖޭގެ އިތުރުން މޮރިޝަސް އާއި ޗައިނާ އާއި ތުރުކީ އާއި ރީޔޫނިއަން އައިލެންޑާއި އިޓަލީ އާއި ވިއެޓްނާމްގައި ވެސް ރިސޯޓުތައް ހިންގަ އެވެ.