ކޮވިޑް-19: ލަކްސްގެ ރިސޯޓުތަކުގައި ސިއްހީ ހިދުމަތްތެރިންނަށް ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު

ކޮވިޑް-19ގައި ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ދެ މީހަކަށް ހިލޭ ޗުއްޓީ ޕެކޭޖެއްގެ ކެމްޕެއިނެއް ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސް އިން ފަށައިފި އެވެ.


ފޭސްބުކްގައި ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ސިއްހީ ހިދުމްތަތެރިންނަށް ލަކްސްގެ ދެ ރިސޯޓު (ލަކްސް ސައުތު އަރި އެޓޯލްސް، ނުވަތަ ލަކްސް ނޯތު މާލެ އެޓޮލްސް) ގެ ތެރެއިން އެއް ރިސޯޓުގައި ދެ ރޭގެ ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޗުއްޓީ އަށް ސިއްހީ ހިދުމަތްތެރިން ނޮމިނޭޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކޮންމެ މީހަކު ވެސް އެ މީހަކު ދަންނަ ސިއްހީ ހިދުމަތްތެރިއަކަށް ޗުއްޓީއެއް ދޭން ބޭނުންވާ ނަމަ، ކޮވިޑް-19ގައި އެހީވުމަށް ކުރި މަސައްކަތް ހާމަކޮށްދޭ ސްޓޭޓަސްއަކާ އެކު #CollectivelyWeCare އަދި #CollectivelyWeCareLSAA ނުވަތަ #CollectivelyWeCareLNMA ޖެހުމަށް ފަހު އެ މީހެއްގެ ފޮޓޯ އާއި ޗުއްޓީ ދޭން ބޭނުންވާ ރިސޯޓު ޓެގްކޮށް، އެ މީހެއްގެ ޕްރޮފައިލްގައި ޕޯސްޓް ކުރުމުން ނޮމިނޭޓް ކުރެވޭނެ އެވެ. މި ޕޯސްޓުތަކުގެ ތެރެއިން ޗުއްޓީ ލިބޭނެ ދެ މީހުން ހޮވާނީ އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓުތަކުގެ ތެރެއިން ކަމަށް ލަކްސް އިން ބުންޏެވެ. މި ކެމްޕެއިން ކުރިއަށް ގެންދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

ލަކްސް ނޯތު މާލެ އެޓޯލްސްގެ ވިލާއެއް--

މި ކެމްޕެއިންގައި އެންމެ ގިނަަ ލައިކްސް ލިބޭ ދެ މީހުންނަށް އިތުރު މީހަކާ އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ޖޫން 5 ގައި ފާހަގ ކުރާ ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި އެ ދެ މީހުންގެ ނަމުގައި އެ ރިސޯޓެއްގައި ރުކެއް ވެސް އިންދާނެ ކަމަށް ލަކްސް އިން ބުންޏެވެ.

ލަކްސް ނޯތު މާލެ އެޓޯލްސްގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިން މިއަދު ކުރަމުން އަންނަނީ އަގުނުކުރެވޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެ ކުންފުނިން ފެށި މި ކެމްޕެއިނަކީ ރިސޯޓުގެ ޒިންމާއެއް ކަމުގައި ދެކިގެން އެފަދަ މީހުންނަށް ހައްގުވާ ޗުއްޓީ ދިނުމަށް ފެށި ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ސިއްހީ ހިދުމަތްތެރިން އެކުރާ މަސައްކަތަކީ ކިތަންމެ ބައިވަރު އެއްޗެއް ދިނަސް އަގު ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް. މި މަސައްކަތަށް އަޅުގަނޑުމެން އެންމެންގެ ފަރާތުން ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރަން،" ޖޯން ވިދާޅުވި އެވެ.