ރޯދަމަހުގައި ސަރުކާރުގެ އިދާރާތަކުގެ ރަސްމީ ވަގުތަކީ ހަތަރު ގަޑިއިރު ކަނޑައަޅާފައިވަނިކޮށް، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ރަސްމީ މަސައްކަތުގެ ގަޑި ތަފާތުކޮށް، އެކި މުވައްޒަފުންނަށް ތަފާތު ވަގުތުތަކެއް ކަނޑައަޅާފައިވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ސާވިސް މުވައްޒަފުން، ނޮވެމްބަރުން އެކަކުން ފެށިގެން އާ ވަޒީފާގެ އޮނިގަނޑަކަށް އަމަލުކުރަމުން އަންނައިރު، އާ އޮނިގަނޑުތަކަށް އަމަލުކުރާ މުވައްޒަފުންގެ ވަޒީފާގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ނޭޝަނަލް ޕޭ ސްޓޭންޑާޑްސްގެ ދަށުން ކަމަށެވެ. 

އޭގައި ވަނީ ސީއެސްސީގެ ހުރިހާ މުވައްޒަފުންނަށް އެއް މިންގަނޑަކުން ވަޒީފާގެ ޝަރުތުތައް އަދި އުސޫލުތައް ބަޔާންކޮށްފައި ކަމަށެވެ.

އެކަމަކު އެގޮތަށް އޮއްވައި، މަސައްކަތްތެރިންގެ މެދުގައި އެފަދަ ތަފާތުކުރުންތަކެއް ގެންގުޅުމަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ތަފާތު ނުކުރަން ބަޔާންކޮށްފައިވާ މާއްދާގެ ރޫހާ ހިލާފު ކަމެއް ކަަމަށް އެ ޔޫނިއަނުން ދެކޭ ކަމަށް ބުންޏެވެ. 

އެ ޔޫނިއަނުން ބުނި ގޮތުގައި މެއި 1، 2022 ގައި އަމަލުކުރަން ފަށާފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގައިވާ ގޮތުން، އެ އޮނިގަނޑަށް ހިޖުރަ ކޮށްފައިވާ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައި ވަނީ ދުވާލަކު އަށް ގަޑިއިރު އަދި ހަފުތާއަކު ހަ ދުވަހުގެ މަސައްކަތު ގަޑިއަށް ކަމަށެވެ. 

އެެހެންވިޔަސް، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ސަރުކާރުން ދީފައިވާ ލުއިގެ ތެރެއިން ބައެެއް މުވައްޒަފުން މަސައްކަތް ކުރަނީ ދުވާލަކު ހަ ގަޑިއިރު އަދި ހަފުތާއަކު ފަސް ދުވަހު ކަމަށް ބުންޏެވެެ. އެކަމަކު އެއީ އެއްހަމައަަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުމެއް ކަމަށް ބުނެ އެ ޔޫނިއަނުން ކަންބޮޑުވި އެވެ. 

"އެހެން ނަމަވެސް ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތެރެއިން ވަކި ގިންތިތަކަކަށް ނިސްބަތްވާ މަސައްކަތްތެރިން ދުވާލަކު 8 ގަޑިއިރު އަދި ހަފްތާއަކު 6 ދުވަހު މަސައްކަތްކުރަމުންދާކަން ފާހަގަކުރަމެވެ. މިއީ އެއްހަމައަަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައެޅިފައިވާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ވަރަށް ބޮޑު ތަފާތުކުރުމެކެވެ،" އެ ބަޔާނުގައިވެ އެވެ. 

އެ ޔޫނިއަނުން ބުނީ ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހަތަރު ގަޑިއިރު ކަމަށް ރައީސް އޮފީހުން ކަނޑައަޅާފައިވިޔަސް ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިތަކަކަށް ނިސްބަތްވާ މުވައްޒަފުންތަކެއްގެ ތެރެއިން ބައެއް މުވައްޒަފުންގެ ރަސްމީ ގަޑިއަކީ 6-8 ގަޑިއިރާ ދެމެދު ކަމަށް ބުނެ ހޮސްޕިޓަލުތަކުގެ ވެރިން އެތަނުގެ މުވައްޒަފުން އެ ވަގުތަށް މަސައްކަތްކުރަން މަޖޫބޫރު ކޮށްފައިވާ ކަމަށެވެ. އެއީ މުވައްޒަފުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހޮސްޕިޓަލުތަކުން ކުރާ ކަމެއްކަމަށް ބުންޏެވެ. 

ހެލްތު ޔޫނިއަނުން ބުނީ ސިއްހީ މުވައްޒަފުންނަކީ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ އެތަކެއް ހިރާސްތަކެއް އެކުލެވޭ މާހައުލެއްގައި މަސައްކަތްކުރާ ބަޔަކަށްވާއިރު އެއްމިންގަނޑަކުން މުސާރަ އާއި ވަޒީފާގެ އުސޫލުތައް ކަނޑައަޅާފައިވާ މުވައްޒަފުންތަކެއްގެ މެދުގައި ބޭއިންސާފުން ތަފާތުކުރުމަކީ އެމީހުންނަށް ދެވެ ނަފްސާނީ އިތުރު ބުރައެއް ކަމަށެވެ. 

އެެހެންވެ އެ ޔޫނިއަނުން ވަނީ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގެ ވެސް ރަސްމީ ގަޑިއަކީ ހަތަރު ގަޑިއިރު ކަމަށް ރޯދަމަހު ހަމަޖެއްސުމާ އެކު، ރޯދަމަހު ހަތަރު ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރުވާ ނަމަ، އެ މީހުންނަށް އެކަށީގެންވާ އިނާޔަތެއް ދިނުމަށް ޕޭ ކޮމިޝަނަށް ގޮވާލައިފަ އެވެ.