ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި: އިތުރުގަޑީގެ ފައިސާގެ މައްސަލާގައި ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: މިހާރު
19 އެޕްރީލް 2025 - 12:16
ސިއްހީ ހިދުމަތްތެރިން ލައްވައި ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ހަމައަށް ނުދޭ ކަމަށް ބުނެ ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެޗްޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީ އާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވައި އިތުރުގަޑީގައި ކުރުވާ މަސައްކަތަށް، އިތުރުގަޑީގެ ފައިސާ ހަމައަށް ނުދީ މަސައްކަތް ކުރުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން މުސާރައިގެ އޮނިގަނޑަށް މިދިޔަ މަހު 20 ގައި ގެނައި އިސްލާހާ އެކު ވެސް އެ މައްސަލަ ހައްލުވެފައި ނުވާ ކަމަށެވެ.
އެ އިސްލާހާ މެދު، ކަމާ ގުޅޭ މުއައްސަސާތަކުން އެ އިސްލާހު މާނަކުރަމުންދާ ގޮތުގެ ސަބަބުން ރަސްމީ ބަންދު ދުވަސްތަކާއި އެހެނިހެން ދުވަސްތަކުގައި ވެސް ރަސްމީ ގަޑީގެ އިތުރުން ސިއްހީ މަސައްކަތްތެރިން ލައްވައި ކުރުވާ މަސައްކަތްތަކަށް ލިބެން ޖެހޭ ހަމަ އުޖޫރަ ލިބުމަށް ފުރިހަމަ ހައްލެއް ނުލިބޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވަނީ އާންމުކޮށް މަސައްކަތްކުރަން ޖެހޭ ދުވަހެއްގެ ގޮތުގައި ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވާ ނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ، އިތުރުގަޑީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެ މުވައްޒަފުގެ މުސާރާގައި ހިމަނައިގެން ވަޒީފާ ދޭ ފަރާތުން އެ މީހަކަށް ދޭންވާނެ ކަމަށެވެ.
ހުކުރު ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ ދުވަހާއި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައިވާ ބަންދު ދުވަސްތަކާއި ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަކީ އާންމުކޮށް ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރަން ޖެހޭ ދުވަސްތަކަކަށް ވާތީ، އެ ދުވަސްތަކުގައި އިތުރުގަޑި އަދި ބަންދު ދުވަހުގެ އެލަވަންސް ދިނުމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ.
އެ ޖަމިއްޔާއިން ބުނީ ކަނޑައެޅިފައިވާ މިންގަނޑާ ހިލާފަށް މަސައްކަތްކުރުވައިގެން ނުކުންނަ ނޭދެވޭ ނަތީޖާގެ ޒިންމާ އުފުލަން ވާނީ އެގޮތަށް މަސައްކަތްކުރުވާ ފަރާތްތަކުން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވެސް އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، ސިއްހީ މަސައްކަތްތެރިން ލައްވައި އެ މިންގަނޑާ ހިލާފަށް މަސައްކަތް ކުރަން ޖެހޭ ފަދަ ގޮތަކަށް އިދާރާތަކުން އަމަލުކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
20 April 2025
އާރާއި ބާރު ލިބިފައިވާ ބޮޑުން މިލިޔަނުން ދައުލަތް ލޫޓުވާއިރު، އޯޓީއަކީ ނުވަތަ އިތުރުގަޑިއަކީ އެންމެ ދަށުފަންތީގެ މީހާއަށްވެސް ދައުލަތް ލޫޓުވަން ހުޅުވިފައިވާ އެއްދޮރެވެ. ވަޒީފާއާ ބެހޭ ޤާނޫނުގައި ރަސްމީގަޑިއަށްވުރެ އިތުރަށް އޯޓީއަށް ފައިސާދޭން އޮތްއޮތުމާއި ބަންދު ދުވަހަށް އެއަށްވުރެ އިތުރަށް ފައިސާ ދޭންއޮތުމާއި އެއްވެސް ލިމިޓެއްނެތި ފައިސާ ދޭންޖެހޭގޮތަށް އޮތް އޮތުން ބަދަލުކުރަންޖެހެއެވެ.
އުނބުށޭމު
20 April 2025
އިތުރުގަޑީގެ މައްސަލަ ހައްލުވާނީ ޤާނޫނު އިޞްލާޙުކޮށްގެން. އެގާނޫނުގައި ރަސްމީ ގަޑިއަށްވުރެ އިތުރުގަޑީގެ މަސައްކަތަށް އިތުރަށް ލާރިދޭގޮތަށް ކަނޑައަޅާފައިވަނީ 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ނުކުރުވުމުގެ މަގްޞަދުގައިކަމަށްވީނަމަވެސް އެގޮތަށްވާނީ އަމިއްލަ ތަންތުންކަމަށްވާއިރު ދައުލަތުގެ ތަންތަނުން އެގޮތަށް އޮތުމުން ކަންހިނގަނީ ދިމާއިދިކޮޅަށެވެ. ކުރީގައި ހެން އެއްވެސް ލިމިޓެއް ކަނޑަނޭޅި އޮތުމަކީވެސް ބޮޑު މައްސަލައެއް. އެކިތަކުން އެކިގޮތަށް ހަދަނ
ކާނިޔާ
20 April 2025
އިތުރުގަޑީގަ ކުރާނެ އެއްވެސް މަސައްކަތެއްނެތް ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުން އިތުރުގަޑީގަ ނެރުން ސަރުކާރުން މަނާކުރަންޖެހޭ. މިހާރުވެސް ހުރިހާ ސިއްޙީ މަރުކަޒުތަކުގެ ނަރުހުންގެ މުސާރަ ޑޮކްޓަރަކަށްވުރެ ބޮޑު. މަސައްކަތު މީހާގެ މުސާރަ 20 ހާހަށްވުރެ މަތި. އަދިވެސް އިތުރުގަޑިއޭ ކިޔާކަށް ލަދެއް ނުގަނޭތޯ؟؟
މަސައްކަތްތެރިން
20 April 2025
އައި ޖީ އެމް ހޮސްޕިޓަލް ގަ މަސައްކަތް ކުރާ (ޓެކްނިކަލް) މުވައްޒިފުން ގެ އިތިރު ގަޑީ ފައިސާ ؟ ނުކުރާ މީހުނައް ވެސް ލިބޭ؟
ހަލޯ
20 April 2025
ޕުރައިވެޓު ކުންފުނިތަކާ ރިސޯޓުތަކުގަ އިތުރުގަޑީފައިސާ އަދި ހުކުރުދުވަހު މަސައްކަތް ކުރާތީ ދޭފައިސާ ނުދޭ ކުންފުނިތައް ވަރައް ގިނަ، ހާއްސަކޮއް ދިވެހިން ހިންގާ ކުންފުނިތަކުގަ މިކަމެއް ނުކުރޭ. މިކަން ބަލާދޭނެ ބަޔަކު މިރާއްޖެޔަކު ނެތް. މާލޭ މިނިސްޓުރީތަކުގަ ކަމެއް ނުވަޏާ، ރައްރަށު ކައުންސިލްތަކާ ހަވާލުކޮއްބަލަ. ކަންކުރާނެ ކައުސިލްތައް ގިނަވާނެ.
ސައްޙާފް
20 April 2025
ދެނެވަޑައިގަންނަވަންތޯ؟ ރައީސް މައުމޫނުގެ ދައުރުގައި ސްކޫލުތަކުގެ މުވައްޒަފުންގެ އޯޓީ 10% އަށް ކުޑަ ކުރެއްވި. އޭރު ހެސްކިޔާފަ މަސައްކަތް ކުރާ މަސައްކަތު މީހާއަށް 300، ޓީޗަރަށް 750 އަށް ވުރެ ގިނައިން އޯޓީ ނުލިބޭ. ޔާމިންގެ ވެރިކަމުގައި އެ އަދަދު 5% އަށް ތިރި ކުރި، ސޯލިހު އަލުން 10% އަށް ބަދަލުކުރި، މިހާރުގެ ހާލަތަކީ، ކިތައްމެ މަސައްކަތް ކުރިއަސް އެޑްމިންސްޓާފަކަށް 800، މަސައްކަތު މީހަކަށް 600 އަދި ޓީޗަރަަކަށް 1300 އަށްވުރެ އިތުރު އޯޓީ ނުދެވޭ.
ކޮރަލް
19 April 2025
ސިޔާސީ މަގާމް އިތުރު ވެއްޖެ އެވެ. ސަރުކާރުގެ ހަރަދު ކުޑަ އެއް ނުވެ އެވެ. ދެން މިސްރާބު މިޖަހަނީ ޓެކްސް ތައް ބޮޑު ކުރުމަށެވެ. ދެން ވަޒީފާ ތަކުގަ އުޅޭ މީހުންނަށް ލިބޭ އެތި ކޮޅުން ބައެއް ނެގުމަށެވެ.
އެކަލޯ1
19 April 2025
ހަމަ އެކަނި ސިއްހީ ހިދުމަތްތެރިންނަކަށް ނޫން ތައުލީމީ ދާއިރާގެ އިތުގަޑީގެ މައްސަލަ އަދި އޮތީ މާގޯސްކޮށް. ވަކި ޕަސަންޓެއް ކަޑައަޅައިގެން މަސައްކަތް ކުރުވަނީ ނަމަ އެ ޕަސަންޓާ އެއްވަރަށް މަސައްކަތް ކޮށްފިނަމަ އެމަހު ބާކީ ދުވަސްތަކުގައި ކިޔަވައި ނުދެވުނަސް އިތުރުގަޑީގަ ނެރެގެން ނުވާނެ. ގާނޫނުގަ ވަރަށް ސާފުކޮށް ބުނޭ ލިތުރުގަޑީގެ ފައިސާ ނުދީ އިތުރުގަޑީގެ މަސައްކަތް ކުރުވާގެން ނުވާނެކަމަށް. ހުރިހާ ބޭފުޅުންވެސަ ގާނޫނީ މަގަށް ރުޖޫއަވާން ގޮވާލަން.
ކަންގަނާ
20 April 2025
ގިނަ ޓީޗަރުން މިހާރުވެސް ކުރާކަމަކީ ސަރުކާރުން ކަނޑައަޅާފައިވާ 8 ގަޑިއިރު ނިންމާލާފަ މުޅި މާލޭގަ ޓިއުޝަންނަގަން ހިނގުން. ސްކޫލުން ކަމެއް ކުރަން ބުންޏަސް އެކަމެއް ކުރާކަށް ނާދޭ. ބަލަ ޓީޗަރުންނަށް އެނގޭތަ؟ ދުވާލަކު 8ގަޑިއިރު ރަނގަޅަށް މަސައްކަތްކޮށްފިނަމަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާފަ އަދި އެކްސްޓްރާ ކަންކަމަށް ވަގުތުލިބޭނެ.
އުނބުށޭމު
20 April 2025
މީގެ ކުރީގައި ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަށް އިތުރުގަޑިއަށްލިބޭނީ މުސާރައިގެ ތިންބައިކުޅަ އެއްބައި. މިހާރު އެއްވެސް ލިމިޓެއް ނެތީމާ އެކިތަނުން އެކިގޮތަށް ޢަމަލުކުރަނީ. އަދި ނާޖާއިޒްގޮތުގައި މަންފާލިބިގަތުމަށްވެސް މަގުފަހިވޭ. ފުރަތަމަ ކުރަންވީ ކަންތައް ބާއްވާފައި (ގާނޫނު އިޞްލާޙުނުކޮށް) ދެންކުރާކަންކަމުން ޝަކުވާ އިތުރުވުންނޫންކަމެއް ނުވާނެ.
އިތުރުގަޑި
19 April 2025
މުސާރަ ކުޑަކޮއްފަ އިތުރުގަޑީގެ ފައިސާ ދޭންޖޭހޭނީ ރައްރަށުގެ ސިއްހީ މަރުކަޒު އަދި ހޮސްޕިޓަލްތަކުގަ ޕަބްލިކް ހެލްތް ޔުނިޓުގެ މުވައްޒަފުން މިދިޔަ ރޯދަ ފަހު 10 ގެ ބަންދުގައި ހީވަނީ 2 އީދު އެއްފަހަރާ އައިސްގެން އުޅޭހެން ކުރާނެކްމެއްނެތަސް އޮފީސް ހުޅުވައިގެން އިތުރުގަޑި ޖެހުމުގައި އެކަމަކު ތި އެންގުމެއް އެންގުމުގެ ކުރިއަށް އޮފީސް ބަންދު ކުރަންޖެހޭ 2 ޖަހާއިރަށް އެހެންގަޑިތަކުގައި ކުރާނެ މަސައްކަތެއްނުހުރޭ .
ރަށުމީހާގޭ
20 April 2025
މީ އަސްލު ހަދަން ވީގޮތަކީ. ބޮޑު މުސާރަ މަޤާމުތަކަށް ކަނޑައަޅަނީ ސްޓޭބަލް އިންކަމްއެއް މުވައްޒަފުންނަށް ދޭން. ޕުރޮފެޝަނަލް މަޤާމުތަކަކީ ދުވަހު މުސާރައަށް މަސައްކަތް ކުރާބަޔަކަށް ވެގެން ނުވާނެ. ޕޭ ކޮމިޝަނުން ބޮޑު މުސާރަ ހަދާފައި ވަނީ އިތުރު ދުވަހާއި އިތުރު ގަޑީގަވެސް މަސައްކަތް ކުރަން ޖެހޭނެކަމަށް ބަލައިގެން.
ޗިލީ ސޯސް
19 April 2025
މަށަށް އޭރުވެސް އެނގޭ ނެރެއް ހާތަން ދުކޮށްލިއްޔާ ކެނބެއް ހާތަން ދަމައިގަންނާނޭކަން! ރޯދަ މަހުގެ ފަހު ދިހަޔެއްގައި އިތުރު ގަޑީކަން ކަންކަން، ރައީސްގެ ވައުދާ އެއްގޮތަށް އެލަވަންސެއް ގޮތަށް ދޫކޮށްލީމާ ބަލާބަލަ ހިފާލި ވަރު! ކެވެން އޮތްވަރާ ކެވޭވަރާ އަޅާ ކިޔާލާފާ ހައި ހޫނުކަން ހަމަ ނުފިލަނީވެސް ނޫންބާ.
ބަޑިތަކުރު
20 April 2025
ފަހު ދިހައެއް ބަންދުވީމާ އޯޓީވެސް ބަންދުދުވަހުގެ ރޭޓުން ލިބޭނަމަ އެދުވަސްތަކުގައި ކުރާނެ މަސައްކަތްތައް ތަންތާނގައި ވަރަށް ގިނަވާނެ. މިވަރުގެ ދަހިވެތި އަމިއްލަ އެދުން ބޮޑުބަޔަކަށް ރަސްމީ ގަޑިއަށްވުރެ އިތުރަށް ނުރަސްމީ ގަޑިއަށް އަދި ބަންދު ދުވަސްތަކަށް އެއަށްވުރެ އިތުރަށް ފައިސާ ލިބޭގޮތަށް ޤާނޫނު ހެދިއިރު އޭގެ ފައިދާ ނާޖާއިޒް ގޮތުގައި ނަގާނެ މީހުންތިބޭނެކަން ނޭނގޭބާ.