ވިޔަފާރި

ބޮޑު އަގުގައި ގިނައިން ލުނބޯ ގަންނާނެކަމެއް ނެތް، ލުނބޯ ލިބިއްޖެ

ލުނބޯ ކޮތަޅަކަށް އަޅާފައި: ފެށޭ ހަފުތާގައި ލުނބޯ އަގުހެޔޮވާނެ ކަމަށް ލަފާ ކުރޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ބާޒާރުގައި މިއަހަރުގެ ރޯދަ މަހު އެންމެ އަގު ބޮޑު އެކައްޗަކީ އެކި ބާވަތުގެ ކާނާ ތައްޔާރުކުރުމުގައި ރަހަ ހެޔޮވަރުކޮށްދޭ ލުނބޮ އެވެ. ރޯދަ މަހަށް މީގެ ޑިމާންޑް ބޮޑުވެ ކިލޯއެއްގެ އަގު 150ރ. އަށް އަރައިގެން ދިޔަ ގޮތަށް އަދިވެސް ހުރީ މަތީގަ އެވެ. އެކަމަކު ވިޔަފާރިވެރިން މިހާރު ބުނަނީ މި އަގު ދެން ވެއްޓިދާނެ ކަމަށެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ރޯދަ މަސް ފެށުމުގެ އެއް ހަފުތާ ކުރިން ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ރޯދަޔާ ގުޅިގެން އާންމުކޮށް ޑިމާންޑަށް އަންނަ ބަދަލުތަކުގެ އަސަރު ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރު ވެސް ތަކެތި އެތެރެ ކުރަމުން އައީ އެއްވަރަކަށް ކަމަށާއި ނަމަވެސް ރާއްޖެ މުދާ ގެނައުމުގައި އެރި ތާއްޓަކުން ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވުނީ ކަމަށެވެ. އެކަން ހައްލު ކުރަން އެއާފްރެއިޓްކޮށް ލުނބޯ ގެންނަން ޖެހުމުން އަގު ބޮޑު ކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި ލުނބޯ ވިއްކަން ބަހައްޓާފައި: ކިލޯއެއްގެ އަގު އުޅެނީ 150ރ. އަށް-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން ލުނބޯ ވެސް އޯޑަރުކުރީ އެހެން އަހަރުތަކާ އެއްވަރަށް. އެކަމަކު ބައެއް ޝިޕިން ލައިނުތައް ރާއްޖެއަށް ދަތުރު ހުއްޓާލުމުން ވަރަށް ބޮޑު ޑިލޭއެއްވި. އެހެންވެ ޑިމާންޑާ އެއްވަރަށް ލުނބޯ ފޯރުކޮށްދޭން އެއާފްރެއިޓް ކޮށް ގެނައީ. އެގޮތަށް ގެންނައިރު ކަނޑުމަގުން ގެންނަވަރަށްވުރެ އަގު ބޮޑު. އެއީ ބާޒާރުގައި ލުނބޯ އެހާ އަގުބޮޑުވި ސަބަބަކީ،" އޭނާ ވިދާޅުވި އެވެ.

"ރޯދަ މަހު މީހުން މިހަދާ އެއްޗަކީ އެއްފަހަރާ ގިނަ އަދަދަކަށް ލުނބޯ ގަންނަނީ. އެއްބައި މީހުން އަށް ކިލޯގެ ކޭސްތައް ވެސް އެބަ ގަނޭ. އޭގެ ސަބަބުން ބޭނުން ނުވާ ޑިމާންޑެއް ވެސް އެބަ އާދޭ. އެއީ ވެސް ބާޒާރުގައި ލުނބޯ މަދުވެ އަގު އުފުލުނު ސަބަބެއް،"

އެސްޓީއޯއިން ލުނބޯ އަގުހެޔޮ ކުރުމުން ކިޔޫ ހަދައިގެން: މާ ގިނައިން ލުނބޯ ގަންނާތީ ބޭނުން ނުވާ ޑިމާންޑެއް އުފެދި ސަޕްލައި ދަށްވެ، އަގު އުފުލޭ ކަމަށް ވިޔަފާރިވެރިން ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވިޔަފާރިވެރިން ބުނާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ތަކެތީގެ އަގު އުފުލުނު ނަމަވެސް އޭގެ ފަހުން އަގުތައް ދަށްވެ އެވެ. އެއީ ފުރަތަމަ ހަފުތާގައި މުޅި މަހަށްވާ ވަރަށް މުދާ ގަތުމުން މާކެޓުގައި ޑިމާންޑު ދަށްވާތީ އެވެ. އެހެންވެ، ވިޔަފާރިވެރިން އެދެނީ ރޯދަ މަސް ފަދަ ތަކެތީގެ ޑިމާންޑް އިތުރުވާ ދުވަސްވަރު މަދުން ލުނބޯ ފަދަ ތަކެތި ގަތުމަށެވެ.

"ލުނބޯ މިހާރު އެއްފަހަރާ ދެތިން ކިލޯ ގަނެގެން ކީއްކުރާނީ. މަސް ނިމޭއިރު ވެސް އެ ހުންނާނެ ހުސްނުވެ. އެއަށްވުރެ ރަނގަޅީ މިއީ އަގު އުފުލޭ ދުވަސްވަރެއްކަން ދެނެގަނެގެން އެ ދުވަހަކު އެ ބޭނުންވާ ވަރަކަށް ލުނބޯ ގަތުން. މީހުން ޕެނިކް ވެގެން ކޭސްކޭހަށް ލުނބޯ ގަންނަންޏާ އަގު އުފުލޭނެ،" އެހެން ވިޔަފާރިވެރިއަކު "މިހާރު" އަށް ކިޔައިދިނެވެ.

ފެށޭ ހަފުތާގައި ލުނބޯ ކިލޯއެއްގެ އަގު 50ރ. އަށް ވެއްޓޭނެ

ކަނޑުމަގުން ރޯދަޔަށް ގެެންނަ ލުނބޯ ރާއްޖެ ގެނައުމުގައި ލަސް ވިޔަސް މިއަދު އާ ޝިޕްމަންޓުތަކެއް ރާއްޖެ އަންނާނެ އެވެ. ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި އެ ލުނބޯ ބާޒާރަށް ނެރެވޭނީ އަންނަ ހަފުތާ ފެށޭ ހިސާބުގަ އެވެ. އެއާއެކު ލުނބޯގެ އަގު ވެއްޓޭނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތަރުކާރީ އާއި މޭވާ ހޯލްސޭލް ކުރަމުން އަންނަ ފްރަންޓިއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަފީގު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނީގެ ލުނބޯ ކޮންޓެއިނަރެއް މިއަދު ރާއްޖެއަށް އަންނާނެ ކަމަށެވެ. އެ ކުންފުނިން ލުނބޯ ހޯލްސޭލްކޮށް ވިއްކާނީ އަބަދުވެސް ވިއްކަމުން އަންނަ އަގުގައި ކަމަށާއި އެ އަގުގައި ވިއްކައިގެން ބާޒާރުގައި ލުނބޯ އަގުހެޔޮ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިން ވެސް އަށް ކިލޯގެ ފޮއްޓެއް ވިއްކަނީ 350ރ. އަށް. ދެން ވެސް ދޭނީ އެ އަގުގައި. އެ އަގުގައި ދީގެން 50-60 އަށް އަގު ތިރި ކުރެވޭނެ،" ރަފީގު ވިދާޅުވި އެވެ.

އެސްޓީއޯ އެގްރިސެންޓަރުން މީހަކަށް ލުނބޯ ވިއްކަނީ: ކޮންމެ ރޯދަ މަހެއްގެ ފުރަތަމަ ހަފުތާގައި އަގު އުފުލޭ ކަމަށް ވިޔަފާރިވެރިން ބުނޭ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވީ މީގެ ދެ ހަފުތާ ކުރިން ވެސް ޝިޕްމަންޓެއް ގެނެސް އެ އަގުގައި ވިއްކި ކަމަށެވެ. ނަމަވެސް ރީޓެއިލްކޮށް ވިއްކާ ފަރާަތްތަކުން އަގު ބޮޑުކޮށް ވިއްކާކަން ފާހަގަކުރެވުނު ކަމަށް ރަފީގު ވިދާޅުވި އެވެ.

"ދެ ހަފުތާ ކުރިންވެސް 350ރ. އަށް ފޮއްޓެއް ވިއްކިން. އެކަމަކު ބައެއް ރީޓެއިލަރުން މި ހަދާ އެއްޗަކީ އެ ފޮރުވައިގެން މާކެޓުގައި އަގު މަތިކުރަނީ. އެކަން އަޅުގަނޑުމެންނަށް ފާހަގަވި މިފަހަރު،"

އެހެން ވިޔަފާރިވެރިއަކު ވެސް ބުނީ ފެށޭ ހަފުތާ އިން ފެށިގެން ލުނބޯ ކިލޯއެއްގެ އަގު 50ރ. އަށް ކުޑަ ކުރެވޭނެ ކަމަށެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ލުނބޯ އެއާ ފްރެއިޓްކޮށް ވެސް ގެނެ އެވެ. ނަމަވެސް އޭގެ ތެރެއިން ބާޒާރަށް ނެރޭނީ ވަކި ޕަސެންޓެކެވެ. އެއީ މި މަހު ރެސްޓޯރެންޓުތަކަށް ވެސް ލުނބޯ ބޭނުންވާތީ އާއި ރިސޯޓުތަކަށް ވެސް ފޮނުވަން ޖެހޭތީ އެވެ. މި މަހު ރެސްޓޯރެންޓުތަކުގައި ވެސް ލުނބޯ ބޭނުން ކުރާ ވަރު އެހެން މަސްތަކާ އަޅާ ބަލާއިރު އިތުރުވާނެ އެވެ.

ފެށޭ ހަފުތާގައި ލުނބޯގެ އަގު ވެއްޓުނު ނަމަވެސް ވިޔަފާރިވެރިން އެދެނީ އެއް ފަހަރާ ގިނަ އަދަދަކަށް ލުނބޯ ނުގަތުމަށެވެ. އެއީ އެކަމުގެ ސަބަބުން ގޯސް ޑިމާންޑެއް އުފެދި އަނެއްކާ ވެސް އަގު އުފުލިދާނެ ކަމަށް ބެލެވޭތީ އެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

09 April 2022

ދަޑުވެރިކަމާއި މަސްވެރިކަން ރާއްޖޭގައި ފުޅޭދާއިރާއެއްގައި ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް. ގައުމީވަންތަ ލޯބި ހުރި ވެރިޔަކު ބޭނުމީ

The name is already taken The name is available. Register?

ހަމް77

09 April 2022

3 ކޭސް ވިއްކާ ކައް ނުޖެހޭ. އެހައިބައިވަރު ލުނބޮލެއް ބޭނުން ނުވެސް ވާނެ. ލިމިޓުކުރަން ވާނީ ބައި ކިލޯއައް. އޭރުން ބޭނުން އެންމެންނައް ފުދޭނެ

The name is already taken The name is available. Register?

ޝަފީރު

08 April 2022

ބާވަތްތައް އެތެރެކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ރޯދަ މަސް ފެށުމުގެ އެއް ހަފުތާ ކުރިން ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ## އުފުލެނީއެއްނޫން. ސަރުކާރުގެ ޢިޚްލާޞްތެރިކަމެއް ނެތުމުން މުދާފޮރުވައިގެންތިބެ އަގުބޮޑުކޮށް މުދާ ވިއްކަނީ.

The name is already taken The name is available. Register?

ނުރަބޯ

08 April 2022

ދިވެހި ވިޔަފާރި ވެރިންނަކީ މުދަލުގެ ސަޕްލައި ދަށްވެލާއިރަށް މުދާ ފޮރުވައިގެން ބޮޑުއަގުގައި ވިއްކާ ބައެއް. ވަރަށް މަކަރުވެރި ބައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454