20-30 މިލިއަން ރުފިޔާ ލިބޭ ވިޔަފާރިތަކުން ވެސް އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި

އަހަރަކު 20-30 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން ވެސް ޖީއެސްޓީގެ ބަޔާނާ އެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.


މީރާ އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނި ގޮތުގައި އެ ގޮތަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. ޖީއެސްޓީ ބަޔާނާ އެކު ހުށަހަޅަންޖެހޭ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓާއި އިންޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަންވާނީ، އެ އިދާރާ އިން ބުނި ގޮތުގައި، މީރާގެ އޮންލައިން ޕޯޓަލް، "މީރާކަނެކްޓް" މެދުވެރިކޮށެވެ.

ޖީއެސްޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީއެސްޓީގެ ބަޔާނާ އެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅާ ގޮތަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެކަމަކު، އެއީ އަހަރަކު 50 މިލިއަން ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުންނެވެ. އަދި މި އަަހަރުން ފެށިގެން ވަނީ އަހަރަކު 30 މިލިއަނާއި 50 މިލިއަން ރުފިޔާގެ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުން ވެސް އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަން ލާޒިމްކޮށްފަ އެވެ.

ރާއްޖޭގައި އާއްމުކޮށް ދޭ ހުރިހާ ހިދުމަތަކުންނާއި ވިއްކާ އެއްޗެހިން ހަ ޕަސެންޓުގެ ޖީއެސްޓީއެއް ނަގަ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ތަކެއްޗާއި ހިދުމަތްތަކުން ޖީއެސްޓީގެ ގޮތުގައި 12 ޕަސެންޓް ނަގަ އެވެ.