ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާ ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
"އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް 2022" ގެ ނަމުގައި އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ ކޮންފަރެންސް ބާއްވަނީ މޯލްޑިވިއަން ނާސިން އެސޯސިއޭޝަން (އެމްއެންއޭ) އާއި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެންނެވެ.
މި އަހަރުގެ ކޮންފަރެންސްގައި އެކި ގައުމުތަކުން 300 އަށް ވުރެ ގިނަ ހެލްތުކެއާ ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ސިއްހީ ތަޖުރިބާކާރުންނާއި އެކި ޔުނިވާސިޓީތަކާއި ދަރިވަރުންނާއި ރިސާޗަރުންނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުން ހިމެނެ އެވެ.
އެ ފަދަަ ބައިނަލްއަގްވާމީ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ސިއްހީ ދާއިރާ އާއި ހިދުމަތްތެރިންނާ ގުޅުން ހުރި މުހިންމު މައްސަލަތައް ދެނެގަނެ އެ ކަންކަމާއި މަޝްވަރާ ކުރުން ކަމަށް ދިރާގުން ބުންޏެވެ.
މި އަހަރުގެ ޝިއާރު 'މޫވިން ފްރޮމް ސައިލޯސް ޓު ސިނާޖީ އިން އެވިޑެންސް ބޭސްޑް ޕްރެކްޓިސް' އާ މެދު މަޝްވަރާކޮށް، ރާއްޖޭގެ ސިއްހީ ދާއިރާގެ މުސްތަގުބަލަށް ކުރެވެން ހުރި ކަންތައްތައް ދެނެގަންނާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.