ޑިޖިޓަލް ހެލްތު ކެެއާއާ ގުޅޭ ވެބިނާއެއް ދިރާގުން ބާއްވައިފި

ސިއްހީ ދާއިރާގެ މީހުންނަށް ހާއްސަކޮށްގެން "ޕެރެޑައިމް ޝިފްޓް އިން ޑިޖިޓަލް ހެލްތު ކެއާ"ގެ ނަމުގައި އޮންލައިން ސެމިނާއެއް ދިރާގުން ބާއްވައިފި އެވެ.


ދިރާގު "އެއްވުން" ޕްލެޓްފޯމު މެދުވެރިކޮށް ބެއްވި މި ސެމިނާގައި ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ގިނަ އަދަދެއްގެ ސިއްހީ ދާއިރާގެ މީހުން ވަނީ ބައިވެރިވެފަ އެވެ.

މި ސެމިނާގެ ކީނޯޓު ސްޕީކާ އަކީ ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ސްމާޓް ހެލްތު ލީޑާޝިޕް ސެންޓަރުގެ ޗީފް ޑރ. އެޑަމް ޗީ އެވެ. އޭނާއަކީ ޑިޖިޓަލް ހެލްތާއި އިޖާދީ އަދި ވިޔަފާރީގެ ދައިރާއިން 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މި ސެމިނާގައި ހެލްތު ސެކްޓާގައި މަސައްކަތް ކުރާ މީހުންނާއި ބަލިމީހުންނަށް ވެސް ޑިޖިޓަލް ހެލްތު ކެއާގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ޑރ. އަބްދުލް އަޒީޒު ޔޫސުފް އާއި ސުވާލު ކުރުމުގެ ފުރުސަތު ވެސް ދިރާގުން ވަނީ ސެމިނާގެ ބައިވެރިންނަށް ދީފަ އެވެ. އޭނާއަކީ އިންޓާނަލް މެޑިސިން ދާއިރާއިން 38 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

މި ސެމިނާގައި ދިރާގުން ވަނީ އެ ކުންފުނީގެ ހެލްތު ކެއާ އެޕްލިކޭޝަން "މަގޭ މެމޯ" ވެސް ތައާރަފު ކޮށްފަ އެވެ. މި އެޕްލިކޭޝަނުން އެކި ކްލިނިކްތަކުގެ ޑޮކްޓަރުންނަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހައްދައި އެޕް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އެވެ. އަދި އެޕޮއިންޓްމެންޓުގެ އަޕްޑޭޓު ވެސް އެޕުން ބަލައިލެވޭނެ އެވެ.

ދިރާގުން ބުނީ ކޮވިޑް-19ގެ ސަބަބުން ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ޖެހިފައިވާ މިންވަރު ހާމަވެފައިވާއިރު އެ ކުންފުނިން އަބަދަވެސް އާ އީޖާދުތަކުން ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.