މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޭނުމަށް ފޮތިކޮތަޅު ފަހައިދޭނެ ފަރާތެއް ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
އެމްއެމްޕީއާރްސީން ބުނީ އެ ކޯޕަރޭޝަނުން ބައިވެރިވާ ފެއާތަކާއި ބޭރު ގައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރަން ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާނެ ޕްރޮމޯޝަނަލް މެޓީރިއަލް ހަދައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން އިއުލާނުކޮށްފައި ވަނީ 5000 ފޮތިކޮތަޅު ފަހައިދިނުމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ނަމަ، އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެމްއެމްޕީއާރްސީގެ އޮފީހަށް ގޮސް މައުލޫމާތު ސާފުކުރެވޭނެ އެވެ.
މައުލޫމާތު ސާފުކުރަން ދިޔަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާޔަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން އަންނަނީ ސިންގަލް ޔޫސް ޕްލާސްޓިކު ބޭނުންކުރުން ދުވަހެއް ދުވަހަކަށް މަދުކުރަމުންނެވެ. އެގޮތުން، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތިކޮތަޅު ބޭނުން ކުރުން މިހާރު ވަނީ ރިސޯޓުތަކުގައި ވަރަށް ބޮޑަށް އާންމުވެފަ އެވެ.