ދިރާގުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފެށި އެޕްރެންޓިސް ޕްރޮގްރާމްގައި އިތުރު ޒުވާނުންތަކެއް ވަޒީފާގެ މާހައުލަށް ތަމްރީންކޮށްދީ، ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ދިރާގު އެޕްރެންޓިސް ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގެ ދަށުން، ބައިވެރިން އިހުތިޔާރު ކުރާ ދިރާގުގެ އެކިއެކި ދާއިރާތަކުން ތަޖުރިބާ އާއި ތަމްރީނު ލިބޭނެ އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ދިރާގު އެޕްރެންޓިސް ޕްރޮގްރާމުގެ ބައިވެރިއަކަށް ނައިބް ރައީސް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ ---ފޮޓޯ: ނީޝާން އަލީ | މިހާރު
ދިރާގު އެޕްރެންޓިސް ޕްރޮގްރާމުގެ ބައިވެރިއަކަށް ނައިބް ރައީސް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ ---ފޮޓޯ: ނީޝާން އަލީ | މިހާރު

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބޭއްވި އެ ޕްރޮގްރާމް 15 ބައިވެރިއަކު ފުރިހަމަކުރި އެވެ. އޭގެ ތެރެއިން ހަތް ބައިވެރިއަކު ދެ ވަނަ އަހަރަކަށް އެޕްރެންޓިސް ޕްރޮގްރާމާ ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. މި އަހަރު ފަށާ އެޕްރެންޓިސް ޕްރޮގްރާމްގައި ވެސް 15 ބައިވެރިއަކު ހިމެނެ އެވެ.

އެ ޕްރޮގްރާމުގެ ދަށުން އިހްތިޔާރުކުރާ ދާއިރާގެ މަސައްކަތްތައް ދިރާގުގެ މުވައްޒަފުންނެކޭ އެއްފަދައިން، އެއް ޒިންމާއެއް އަދާކުރަމުން ތަޖުރިބާ ހާސިލްކުރެވޭނެ އެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް ކޮންމެ މަހަކު އެލަވެންސެއް ލިބެ އެވެ.

ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމި ބައިވެރިންނާއެކު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން ---ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމި ބައިވެރިންނާއެކު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން ---ފޮޓޯ: ނިޝާން އަލީ | މިހާރު

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މި ޕްރޮގްރާމުގެ މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދީ އެ ފަރާތްތަކަށް ބޭނުންވާ ތަޖުރިބާއާއި ތަމްރީން، ދިރާގުގެ ތެރެއިން ފޯރުކޮށްދިނުން ކަމަށެވެ.

އެ ޕްރޮގްރާމަށް 13 އަހަރު ވެފާވާއިރު، މިހާތަނަށް 247 ބައިވެރިން ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ދިރާގުގެ މުވައްޒަފުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމި ދަރިވަރުންގެ ދަސްވެނިވުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ | މިހާރު
ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމް ނިންމި ދަރިވަރުންގެ ދަސްވެނިވުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިން މިހާރު ތިބީ ރަނގަޅަ ވަޒީފާތަކުގަ، ނޫނީ އަމިއްލަ ވިޔަފާރިއެއް ފަށައިގެން،" އިސްމާއިލް ވިދާޅުވި އެވެ.

ބައިވެރިވި ކޮންމެ އެޕްރެންޓިސްއަކަށް މެންޓާއެއް ހަމަޖައްސާފައިވާނެ ކަމަށާއި، އެ ފަރާތްތަކުގެ ޒިންމާއަކީ ބައިވެރިންގެ ކުރިއެރުން މޮނިޓަ ކުރުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މި ޕްރޮގްރާމް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދާއިރު، ޖީސީ އޭލެވެލް ނިންމާފައި ތިބި 18 އަހަރާއި 25 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް އަދި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ނައިބް ރައީސް ފައިސަލް ނަސީމް އަދި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވަނީ ބައިވެރިންނަށް މަސައްކަތް ދަސްކުރުމުށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި ސަރުކާރުން މީހުން ބިނާކުރުމަށް ދޭ ސަމާލުކަމަށް ވެސް އަލިއަޅުވާލައްވައިފައިވެ އެވެ.

ނައިބް ރައީސްއާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ރައީސްގެ ސޯޝަލް ޕޮލިސީ އެޑްވައިސަރު ޑރ. މުސްތަފާ ލުތުފީގެ އިތުރުން ދިރާގުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.