ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަނެއްކާވެސް ލޯނު ސްކީމެއް ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް ކުރިއަށްގެންދާ ލޯނު ސްކީމެއް ކަމަށެވެ. މިއީ އީއައިބީ މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނަށް ހުޅުވާލައިި ތިން ވަނަ ފަހަރެވެ.
މި ލޯނު ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ ހަތް މިލިއަން ރުފިޔާއާ ހަމައަށެވެ. ލޯނުގެ އިންޓްރަސްޓް ރޭޓަކީ 6 ޕަސެންޓެވެ. އަނބުރާ ދައްކަން ޖެހެނީ ހަތަރު އަހަރުންނެވެ މި ލޯނު ނެގުމަށް އެއްވެސް ރަހުނެއް އަދި ސެކިއުރިޓީއެއް ބަހައްޓާކަށް ނުޖެހެ އެވެ.
ފިނޭންސް އިން ބުނީ މި މަހުގެ ނިޔަލަށް ކުރިމަތިލެވޭ މި ލޯނަށް ޝަރުތު ހަމަވާނީ ވޭތުވެދިޔަ ހަ މަހު އޮަޕަރޭޝަން ކުރިއަށްދިޔަ ވިޔަފާރިތަކަށް ކަމަށެވެ. އަދި މީގެ ކުރިން އީއައިބީ ލޯނު ލިބިފައިވާ އެއްވެސް ފަރާތަކަށް ލޯނަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މި ލޯނު ނެގޭނީ ނިމިފައިވާ ޕްރޮޖެކްޓްތައް ވޯކިން ކެޕިޓަލް ބޭނުންވާ ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކޮވިޑާ ގުޅިގެން އޮޕަރޭޝަން ހުއްޓިފައިވާ ތަންތަނާއި އާ ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކަށެވެ.
އެންމެ ފަހުން އީއައިބީ މެދުވެރިކޮށް ލޯނަށް ހުޅުވާލީ މިދިޔަ އަހަރު އެވެ. އެފަހަރު ލޯނު ދޫކުރީ ކޮންމެ ވިޔަފާރިއަކަށް 10 މިލިއަން ރުފިޔާއާ ހަމައަށެވެ.
މިހާތަނަށް 184 ފަރާތަކަށް 638 މިލިއަން ރުފިޔާ އީއައިބީން ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ.