ވިޔަފާރި / ރިޕޯޓް

މަސް ކިލޯއެއް 25ރ: ކިހާ ދުވަހަކަށް ހިފަހައްޓާލެވޭނެ؟

މިފްކޯގެ ބޯޓަކަށް މަސް ކިރުވަނީ. މަހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ސަރުކާރުން މިފްކޯއަށް ކުރާ ހޭދަ ވަނީ ދެ ގުނަ ބޮޑުވެފައި -- ފޮޓޯ: މިހާރު

މިފްކޯ އުފެދުނީއްސުރެ، އެ ކުންފުންޏަށް ލިބޭ އެންމެ ބޮޑު ލަނޑަކީ، ވިޔަފާރި ކުންފުންޏެއްގެ ސިފަތައް ގެއްލުވާލައި ނުއަގުގައި ނުވަތަ މާކެޓު ރޭޓުތައް ބޮލާލައި ޖަހައި، މަސްވެރިންނާއި ސަރުކާރު ބޭނުންވާ ރޭޓުތަކެއްގައި މަސްގަންނަން ޖެހުމެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ފެނުނީ އޭގެ ވަރަށް ނުރައްކާތެރި މިސާލެވެ. މަސް ގަންނަ އަގު ސަރުކާރުން ބޭނުންވެގެން ހަމަ ކުއްލިއަކަށް ކިލޯއެއް 17ރ. އިން 25ރ. އަށް ބޮޑުކޮށްލި އެވެ.

މިފްކޯ 1993 ގައި އުފެދުނީއްސުރެ ހިންގަން ފެށީ ވެސް ސަރުކާރުގެ އެހީގަ އެވެ. ދުވަހަކު ވެސް އަރައެއްނުގަނެ އެވެ. ސަރުކާރުގެ ނިންމުންތަކާ ހެދި، މިފްކޯ އަޑީއަޅާލިޔަ ނުދޭން ސަރުކާރުން ލޯނާއި ސަބްސިޑީ ވެސް ދެ އެވެ. އެހެންވެ، މަހުގެ އަގު ބޮޑުކޮށްލާކޮންމެ ފަހަރަކު ސަރުކާރުގެ ބަޖެޓަށް ބާރު ބޮޑުވެ އެވެ. އެކަމަކު އެއީ މި މަސައްކަތުގައި އުޅޭ އަމިއްލަ ކުންފުނިތަކަށް ކެތްވާ ވަރުގެ ހަރަދަކަށް ނުވާތީ، އެންމެ ފަހުން މަހުގެ އަގަށް ގެނައި ބަދަލާ އެކު އަމިއްލަ ކުންފުނިތަކުން މަސްގަތުން ހުއްޓާލީ އެވެ.

އެއީ މިފްކޯ އަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި މަސްވެރިންނަށް ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިގެނައި ބަދަލުގެ ސަބަބުން އަނެއްކާ ވެސް މިފްކޯ އަށް މިއޮތީ، މިހާރަށް ވުރެ ވެސް ފަހަތަށް ފިޔަވަޅު އަޅަން ޖެހިފަ އެވެ. މިހާރު ކޮންމެވެސް ވަރަކަށް ހަމަޔަށް އެޅި، މަސްވެރިންނަށް ކޮންމެ ހަފްތާއަކުން ފައިސާ ދެމުން އައި ކުންފުނީގެ މަސައްކަތްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. މި ވަގުތު ވެސް ޕެންޑިންގައި ދޮޅު މަހުގެ ބިލް އެބަހުއްޓެވެ. އެ އަދަދު 90 މިލިއަނެއްހާ ރުފިޔާ އަށް އަރަ އެވެ.

އަގަށް ގެނައި ބަދަލުތަކުގެ ސަބަބުން، މަސްވެރިކަމުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކެކޭ އެއްގޮތަށް މިފްކޯ ވެސް އޮތީ ސަރުކާރުން ފައިސާ އިތުރަށް ޕަމްޕު ކުރަން ޖެހިފަ އެވެ.

މިފްކޯ އަށް އިތުރަށް 800 މިލިއަން ބޭނުންވޭ

މިއީ ކުރިއަށް އޮތް ސަރުކާރުގެ ބޮޑު ދަރަނިތައް އަދާ ކުރުމަށާއި ޑެފިސިޓް ހަމަޖައްސަން ބަލާ އިރު މުޅި ދައުލަތަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް މައްސަލަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި މިފްކޯ އަށް ސަބްސިޑީގެ ގޮތުގައި 415 މިިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މި އަހަރު ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގައި މިފްކޯ އަށް 250 މިލިއަން ރުފިޔާ އެބައޮތެވެ. އެއީ މަހަކަށް 20 މިލިއަން ރުފިޔާ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ކިލޯއަކަށް 8ރ. އިތުރު ކުރުމުން މި އަހަރުގެ ފަހު ތިން މަހު މިފްކޯއިން އިތުރަށް 45 މިލިއަން ހޭދަކުރަން ޖެހޭނެ ކަމަށް މިފްކޯގެ މަސައްކަތްތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސެޕްޓެމްބަރު މަހުން ފެށިގެން ކޮންމެ މަހަކު 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ޖެހޭނެ ކަމަށެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް 6،000 ޓަނު ކިރުވާ ނަމަ އެވެ. އަދި މި ތިން މަހުގެ މަސްވެރިންނަށް ކުރަން ޖެހޭ ހަރަދު 200 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، 25ރ. މަސް ކިލޯއެއް ވިއްކާ ނަމަ މިހާރު ސަރުކާރުން ދޭ ސަބްސިޑީ އަހަރަކަށް 800 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

މަސް ދޯންޏަކުން ބޯޓަށް މަސް ކިރުވަނީ. މަހުގެ އަގަށް ގެނައި ބަދަލުން މަސްވެރިންނަށް ފައިދާ ވިޔަސް، ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވޭ -- ފޮޓޯ: މިހާރު

"އާންމުކޮށް ކޮންމެ މަހަކު މިފްކޯއިން އެބަ ކިރުވަން 6،000 ޓަނު. އާ ރޭޓާ އެކު މިއުޅެނީ ޓަނަކުން 8،000 ރުފިޔާ ބޮޑުވެގެން. އެހެންވެ މިފްކޯއިން ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިހާރު ވެސް މަސްވެރިންނަށް ދޭން ޖެހޭ 90 މިލިއަން ރުފިޔާ އެބަ ހުއްޓެވެ. އެހެންވެ، ކުރިއަށް އޮތް ދޮޅުމަހަށް ވެސް ގާތްގަނޑަކަށް އެ ވަރުގެ އަދަދަށް ދައްކަން ޖެހޭނެ އެވެ. އަދި މި އަހަރުގެ ފަހު ތިން މަހު 200 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭނެ އެވެެ. މިއީ މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ގާތްގަނޑަކަށް ދެ ގުނަ އަދަދެކެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މިދިޔަ އޮކްޓޫބަރު ކުރީކޮޅުން ފެށިގެން ނުދައްކާ ބިލްތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ، 25ރ. ކިލޯއެއް ކިރުމަކީ އެ ކުންފުންޏަށް މި ވަގުތު ކުޅަދާނަ ވާ ވަރުގެ ހަރަދެއް ނޫން ކަމަށެވެ. އެހެންވެ، އަގު ރިވިއު ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ހަރަދުތައް ހަމަޖައްސަން ވަރަށް އުނދަގޫވެފައި މި އޮތީ. ބިލްތައް ޕެންޑިންގައި ގިނައީ ވެސް އަގަށް ގެނައި ބަދަލުގެ ސަބަބުން. މާކެޓު ރޭޓަށް ބަލާއިރު 20ރ. އަށް ވުރެ ދަށްކޮށް އަގު ބަހައްޓައިގެން ކުރިއަށް ދެވޭނީ. މިފްކޯގެ އޮޕަރޭޝަން ވަރަށް ބޮޑުކޮށް މިދަނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ސަރުކާރުން ބުނި ގޮތަށް ކަންކަން ކުރިއަށްދާ ނަމަ، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި މައްސަލައެއް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސް ގަންނަ އަގު ބޮޑުކުރިއިރު، ސަރުކާރުން ބުނީ ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް ކުރާ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށް ދާ ކަމަށެވެ. އަދި މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓަށް ވަރަށް އަވަހަށް ބަދަލު އަންނާނެ ކަމަށް އޭރު ސަރުކާރުން ބުންޏެވެ.

"ބަޖެޓަށް އިތުރު ވުމަކީ އެފޯޑް ކުރެވޭނެ ކަމެއް ނޫން. އިތުރަށް ބޮޑު ކުރެވޭނެ ޖާގައެއް ނެތް. ހަމަޖައްސަންޏާ ޖެހޭނީ ދެން ހުރި ކަންކަމަށް ބަލައިގެން ހަރަދު ކުޑަކުރަން،" ސަރުވަޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަބްސިޑީ 415 މިލިއަން ރުފިޔާ އަށް ވުރެ ވެސް ކުޑަވެއްޖެ ނަމަ، ބަޖެޓުގެ ޖުމްލަ ހަރަދުތައް ހަމަޖައްސަން އިތުރަށް ފަސޭހަވާނެ ކަމަށެވެ.

އެހެންވެ، ކުރިއަށް އޮތްތަނުގައި މަހުގެ އަގަށް މިހާރު ކަނޑައަޅާފައި އޮތް 25ރ. ރިވިއު ކޮށްގެން ނޫން ގޮތަށް، މިފްކޯ ވެސް ހިންގަން އުނދަގޫވާނެ އެވެ.

މިފްކޯއަށް ބަޖެޓުން ކުރަން ޖެހޭ ހޭދަތައް -- ފޮޓޯ: މިހާރު

ސަބްސިޑީ ދޭންވީ ސީދާ މަސްވެރިންނަށް

ސަރުކާރުން މަހުގެ އަގު 25ރ. އަށް ބޮޑު ކުރުމުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ކުންފުންޏަކީ އެންސިސް ފިޝަރީސް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމު ވިދާޅުވީ، މަސްވެރިކަން ކުރިއަރުވަން ވޭތުވެދިޔަ 30 އަހަރު ސަރުކާރުން މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، މަސްވެރިކަން ފެންނަނީ ބޮޑު ކާރިސާއެއް ކުރިމަތިވެ، ފުޑް ސެކިއުރިޓީއާ މެދު ވިސްނާ ހާލަތްތަކުގައި އެކަނި ކަމަށެވެ. އެނޫން ހާލަތްތަކުގައި އެކަމުގައި ސަރުކާރުން ނުވިސްނާ ކަމަށާއި އެހެންވެ، އެ ދާއިރާއަކީ އަމިއްލަ ވިޔަފާރިތަކަށް ވެސް ވަންނަން އެހާ ފަސޭހަ ވިޔަފާރިތަކަށް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަސީމް ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތައް ކުރިއަރުވަން ސަބްސިޑީ ދިނުން ރަނގަޅު ކަމަށެވެ. އެކަމަކު އެ ސަބްސިޑީތައް ދޭން ވާނީ މަސްވެރިންނަށް ސީދާ ލިބޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"(އެކަމަކު) މި ރާއްޖޭގައި ވާ ގޮތަކީ ސަބްސިޑީ މިދެނީ ސަރުކާރުން ކަނޑައަޅާ ވަކި ކުންފުންޏަކުން. މިފްކޯއިން. މިފްކޯ އެ ކުރާ ވިޔަފާރި ކުރާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް އެބަހުރި. އެ މީހުންނަކަށް ސަބްސިޑީއެއް ނުދޭ. ސަރުކާރުން ކަނޑައަޅާ އަގަކަށް މަސް ގަންނަން ޖެހެނީ. އެހެންވެ ލިބޭ ގެއްލުން ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު، 572 މިލިއަން ރުފިޔާ މިފްކޯއަށް ސަރުކާރުން މާފުކޮށްދީފައި އެބަހުރި ކަމަށެވެ. މިފްކޯއިން ނުއަގުގައި މަސް ކިރުވިއަސް، އެކަން ޕްރައިވެޓް ސެކްޓަރަށް އެފޯޑެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓަރުން ވެސް ގަންނަން ޖެހެނީ ސަރުކަރުން ކަނޑައަޅާ އަގުގައި. އެކަމަކު ސަބްސިޑީއެއް ނުލިބޭ. މުޅި މާނައަކީ ޕްރައިވެޓް ސެކްޓާ ކުރުން ހުއްޓާލުންތާ،" އޭނާ ވިދާޅުވި އެެވެ.

"މަސްވެރިކަމަށް ވެލިއު އެޑްކޮށްގެން އެކަން ކުރަން ޖެހޭ. އެކަން ކުރާނެ މީހުން މަދުވެއްޖެ. މަދު މަސްވެރިން މިތިބީ ވެސް. އެމީހުންނަށް ސަބްސިޑީއެއް ދީގެން އެކަން ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ވަސީމް ވިދާޅުވީ، މިފްކޯ ހިންގަން ޖެހޭނީ ކުންފުންޏެއް ހިންގާ ގޮތަށް ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރާ ނަމަ، އަމިއްލަ ކުންފުނިތައް މަސްވެރިކަމުގެ ދާއިރާއަށް ނުވަންނާނެ ކަމަށެވެ.

ސަރުކާރުން މަސްވެރިކަމަށް ނުވަދޭ، ވިޔަފާރި ކުރަން އަމިއްލަ ފަރާތްތަކަށް ފުރުސަތުދީ

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި އެއް ވާހަކައަކީ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރާ އެއްގޮތަށް މަސްވެރިކަން ވެސް އަމިއްލަ ފަރާތްތަކަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

"މިފްކޯގެ ސަރުކާރުގެ ޝެއާ އެބަ ދޫކޮށްލަން ޖެހޭ. އެއްގޮތަކީ މަސްވެރިންނަށް ދޫކޮށްލުން ނޫނީ ޕަބްލިކަށް ދޫކޮށްލުން. އެކަން ނުކޮށެއް މަސްވެރިންނަށް ވެސް ސަރުކާރަށް ވެސް ރަނގަޅު އެއްޗެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މަސް ދޯންޏަކުން މަސް ކިރުވަނީ -- ފޮޓޯ: މިހާރު

މިފްކޯގައި މަސައްކަތް ކުރެއްވި އިސް ބޭފުޅެއް ވިދާޅުވީ، ހިއްސާ ވިއްކާލުމަކީ ދިގު މުއްދަތުގައި ކުންފުނި ކުރިއަށް ގެންދިއުމަށް ކުރެވޭނެ މުހިއްމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގެ އަމިއްލަ ކުންފުނިތަކަށް ވެސް މި ދާއިރާގައި ރަނގަޅު ވިޔަފާރިއެއް ނުކުރެވެނީ، މިފްކޯއާ ހެދި ނުވަތަ ސަރުކާރުން މިފްކޯ މެދުވެރިކޮށް އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

"މިހާރު މިވާގޮތަކީ ކުއްލި ކުއްލިއަށް އަގަށް ބަދަލު ގެނައިމަ. މިދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް އެބަ އަސަރު ކުރޭ. އެހެންވެ، އެ ވިޔަފާރިތަކަށް ވެސް ނޯވޭ ފަހި މާހައުލެއް،" އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން މަހުގެ އަގު 25ރ. އަށް ބޮޑު ކުރުމުގެ ސަބަބުން އެންމެ ފުޅާކޮށް މަސް ގަންނަ އަމިއްލަ ކުންފުނި, އެންސިސް ފިޝަރީސް އިން ވަނީ އެކުންފުނީގެ ފެކްޓްރީ ބަންދުކޮށް މަސް ގަތުން ހުއްޓާލާފަ އެވެ.

އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ވާހިދު އޭރު ވިދާޅުވީ، ކަޅުބިލަ މަސް ކިލޯއެއް 17ރ. އަށް ގަނެގެން، ހަމަޖައްސާލެވެނީ ވެސް ކިރިޔާ ކަމަށާއި، މިފްކޯ އިން މަސް ކިލޯއެއް 25ރ. އަށް ހެދުމުން، ކޮންމެ ކިލޯއަކުން 12ރ. ވަރުގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި ވިދާޅުވީ، މިފްކޯ އަށް އެހާ އަގު ބޮޑު އަގެއްގައި މަސްވެރިން އަތުން މަސް ގަނެވެނީ، ސަރުކާރުން ސަބްސިޑީ ދޭތީ ކަމަށާއި، އެކަމަކު އެ އަގުގައި އަމިއްލަ ފަރާތްތަކަށް އެ ވިޔަފާރި ކުރިއަށް ގެންދަން ވަރަށް އުނދަގޫވާނެ ކަމަށެވެ.

އެންސިސް އިން މަސްވެރިކަމުގެ ދާއިރާއަށް ވަނީ ބޮޑު ލޯނެއް ނަގައިގެންނެވެ. އަދި ސަރުކާރުން ވިޔަފާރިކުރުމަށް ފަހި ފުރުސަތެއް ބާއްވާނެ ކަމަށް ބުނެ އޭރު އެ ދިން އިތުބާރެއްގެ ސަބަބުންނެވެ. އެކަމަކު ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލުކުރަން މަހުގެ އަގަށް ގެންނަ ކުއްލި ބަދަލުގެ ސަބަބުން، ގެއްލުވެ، މި ދާއިރާއަށް އަމިއްލަ ވިޔަފާރިތަކުގެ އިތުބާރު ވަނީ ގެއްލިފަ އެވެ. މި ދާއިރާއަށް އަމިއްލަ ކުންފުނިތަކުން ވަންނަން މިހާރު ޖެހިލުންވެ އެވެ.

ރާއްޖޭގެ މަސްވެރިކަން ޓޫރިޒަމް ދާއިރާ ވަރުގެ ބިލިއަން ޑޮލަރުގެ ސިނާއަތަށް ހެދޭނެ ކަމަށް އެ ދާއިރާގެ ބޭފުޅުން އެއްބަސްވެ އެވެ. އެކަން ކުރާނެ ގޮތް އެހާ ސާފުކޮށް އެނގެން އޮތް އިރު މިކަން ނުކުރެވިގެން އުޅެނީ، ސިޔާސީ ބައެއް ސަބަބުތަކަށް ޓަކަ އެވެ. މަސްވެރިކަން ކުރިއަށް ޖައްސަން ބޭނުން ނަމަ، ޖެހޭނީ އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރަން ފުރުސަތުދީ، ސަރުކާރުން އަގު ކޮންޓްރޯލު ކުރުން ހުއްޓާލާށެވެ. އެނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަން ވޭތުވެދިޔަ 30 ވަރަކަށް އަހަރުގެ ތަޖުރިބާއިން ވަރަށް ސާފުވެއްޖެ އެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަފްރާސިޔާބު

07 November 2023

އެއީ ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ ގޮތްޕެއް. ބަޖެޓުން ސަބްސިޑީ ދީގެން ހިންގާ ކުންފުންޏެއް. އެހެންވީމާ ދިވެހިސަރުކާރު ދަރާގޮތަށް އެތަންވެސް ދަރާނެ. ދެން އެގްރިކަލްޗަރު މިނިސްޓްރީ އުފެދުނީމާ އެގްރޯނެޓްވެސް އެގޮތަށް ހިންގާނީ. އެއިރުން ސަބްސިޑީ ލިބޭނެ ހުރިހާ މީހުންނަށް. މިހާރުވެސް އެތަނުން އެބަގަނޭތާ އުފެއްދުންތައް. މާރުކޭޓު އަގު ބޮޑުކޮށްލަންވީ އެއިރުން ސަބްސިޑީވެސް ބޮޑުވާނެ.

The name is already taken The name is available. Register?

އަބޫބެއްޔާ

07 November 2023

ވެރިކަމާ ހަވާލުވީ ވޭނެތީ. ރައީސް މުއިއްޒަށް ވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

07 November 2023

މަސްވެރިންނަށް އަހަރަކު 800 މިލިއަން ސަބްސިޑީ ދެންޏާ ދަނޑުވެރިންނަށްވެސް ދޭންވާނެ. ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލީމާ ހުރިހާކަމެއް ހަމަޖެހޭނެ. މަސްވެރިންނަށް ސަބްސިޑީ މިދެނީ ވޯޓް ގިނައިން ލިބޭނެކަމަށް ބަލައިގެން. އެކަމަކު ހުރިހާ އިންތިހާބެއްގައިވެސް އޭރަކު ހުންނަ ވެރިމީހާ ބަލިމިވަނީ. އެހެންކަމުން ތިދޭ ބޭކާރު ސަބްސިޑީއަކާއި ވޯޓަކާއި ގުޅުމެއް ނެތް. ސަރުކާރުން މަސްވެރިކަން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްލަންޖެހޭ

The name is already taken The name is available. Register?

އަދުނާނު

07 November 2023

އަދި ކޮބާ މަސްދޯނިފަހަރުން ގިނައިން މިހާރު މަހަށް ދަނީ ބަންގްލަދޭޝް ކެޔޮޅުން. ސަރުކާރުގެ މިބޮޑު ސަބްސިޑީގެ ބޮޑު ބައެއް މިލިބެނީ އެވެރިންނަށް. ދުނިޔޭގެ އެއްވެސް ގައުމަކުން ބޭރު ލޭބަރ މަސައްކަތްރެރިންނަށް ސަބްސިޑީއެއް ނުދޭ މިރާއްޖެ ނޫން. މިއޮތީވާ ގައުމެއް!

The name is already taken The name is available. Register?

އަފްރާސިޔާބު

07 November 2023

މީގައުމެއްތަ؟ މީކުންފުންޏެއް. ސަބްސިޑިއަރީ ދެންހުރީ.

The name is already taken The name is available. Register?

ސްސި.

07 November 2023

ސިޔާސީ މީހުން ނިންމާ ތިޔަކަހަލަ ކަންކަމުން މުޅި ގައުމަށްލިބޭ ދެރް މި ހުންނަނީ

The name is already taken The name is available. Register?

މޮޅުކަން

07 November 2023

ބޮޑުތަނުން ގައުމު ދަރުވާލާފަ ދަމުން ކުންފުނިތައްވެސް އިތުރަށް ދަރުވާލަން ކުރި ކަމެއް. ސަބްސިޑީގެ ގޮތުގައި އޮޑީވެރިންނަށް މިލިއަނުން ފައިސާ ދޭންޖެހޭ ސަބަބެއް ނެތް!!! މަހުގެ އަގު މާކެޓަށް ދޫކޮށްލަންޖެހޭ.

The name is already taken The name is available. Register?

ބޮގޭ

07 November 2023

ސަރުކާރަށް ކުރި އެންމެ ބޮޑު އެއް ތުހުމަތަކީ މަހުގެ އަގު ބޮޑު ނުކުރުމެވެ. މުސާރަ ބޮޑުކޮށްފައި މަހުގެ އަގު ބޮޑުނުކުރުން. ދެން އަގުބޮޑުކުރީމާ މިހާރު މިއޮތީ ގޯސްވެފަ.

The name is already taken The name is available. Register?

ބައިކިލޯ

07 November 2023

ތިޔަގެނައި ބަދަލާއެކު ރާއްޖެއަށްވިއްކާ ދަޅުމަސް ބޮޑުތަނުން އަގުބޮޑުކޮށްފި. ކުރިން 680އަށް ވިއްކިމަސްކޭސް މިހާރު ވިއްކަނީ 730ރުފިޔާއަށް.ކުރިން 60ރުފިޔާއަށް ކިލޯވިއްކި ގަނޑުކުރިރޯމަސް މިހާރު ކިލޯއެއް 90ރުފިޔާ. ބޭރުކުރާ މަހަށްވެސް ރަނގަޅުއަގު ލިބޭނެކަމަށްމިބަލަނީ. އެހެންވީމާ ތިޔަބުނާފަދަ ގެއްލުމެއް އަންނަންވީ ސަބަބެއްނެތް. ތިޔަދައްކަނީ މަސްގަންނައަގުގެ ވާހަކައެކަނި. މަސްވިއްކާއަގު ބޮޑުކުރިވާހަކަވެސް ދައްކަންޖެހޭ. ނޫސްވެރިންވެސް ތިބެނީ ރޯނާވެފައި.

The name is already taken The name is available. Register?

ލޮލްކާ

07 November 2023

ކޮން އިރަކު މަސް ވިއްކާ އަގު ބޮޑުކުރީ؟ ހައްލަކީ މިފްކޯގެ ހިއްސާ ވިއްކާލުން. އޭރުން މަސްވެރިންގެ ނަމުގައި ޓެކްސްޕޭޔަރުންގެ ފައިސާ ތަޅާ ބުރުވުން ހުއްޓުވޭނީ

The name is already taken The name is available. Register?

ފަރިޔާދު

07 November 2023

މިފްކޯ ހަލާކުކޮށްލީ ހަމަ ސީދާ ކެނެރީގޭ ނަޝީދު. ފުރިހަމަ ޒިންމާ ނަޝީދު ޖެހޭނެ ނަގަން.

The name is already taken The name is available. Register?

އަގުމާ

07 November 2023

މަހުގެ އަގަކީ ސަރުކާރުން ކަނޑައަޅަންޖެހޭ އެއްޗެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454