ދިރާގާއި މަމްސް އެއިޑް ގުޅިގެން "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، މި ރޯދަމަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ޖެނެރަލް ސެކްރެޓަރީ ފާތިމަތު ރިޔާސާ ވިދާޅުވީ، ދިރާގުގެ އެހީއާ އެކު، ރޯދަމަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގެންގުޅޭ މައިންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މި ފަދަ އެކި މީހުންނަށް އެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވިދާޅުވި އެވެ.
ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އެހީތެރިކަން ބޭނުންވެފައި ތިބި އާއިލާތަކަށް މި ރޯދަމަހު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް އަށް އެއްބާރުލުންދީ، އެ މަސައްކަތުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްގެ ކަމަށެވެ. އެހީ ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
މަމްސް އެއިޑަކީ އަންހެނުންނާއި ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
"ރަމަޟާން އެއިޑް"' އަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖައްމިއްޔާ އިން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ފަދަ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.