ރެސިޑެންޝަލް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިންޓަނެޓް ޕެކޭޖު ހިލޭ އަޕްގްރޭޑް ކޮށްދޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގައި ފައިބާ 5އެމް ސްޓާޓާ އިން ފެށިގެން ފައިބާ 30އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ އެވެ.
އެ އޮފާއާ އެކު، ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އަޕްގްރޭޑް ކުރި ޕެކޭޖު މިހާރު ހުރި ޕެކޭޖުގެ އަގުގައި ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ދެ މަހަށް ފަހު، އަޕްގްރޭޑް ކުރި ޕެކޭޖު ދެމެހެއްޓުމުގެ އިހުތިޔާރާއި ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމުގެ އިހުތިޔާރު ކަސްޓަމަރުންނަށް އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިިރާގުގެ މެނޭޖަރު، މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވި ގޮތުގައި، އެ ޕްރޮމޯޝަންގެ ސަބަބުން އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ އެލަވަންސްތަކާ އެކު، ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ. އެ އޮފާގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިރާގުން ވަނީ މި ރޯދަމަހަށް މި ފަދަ ގިނަ އޮފާތަކެއް ތައާރަފުކޮށްފަ އެވެ.