ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި ހިންގާ އުތުުރު ގޭޓްވޭ ޕްރޮޖެކްޓްގެ ތެރެއިން އެކަމަށް ހާއްސަ މައި އޮފީސް ހއ. އުލިގަމުގައި މިރޭ ހުޅުވައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އުތުރު އައި.އެސް.ޕީ.އެސް ގޭޓް ހުޅުވައި ދެއްވީ އެ ރަށުގެ ރިޓަޔާޑް މެޖިސްޓްރޭޓް އިދްރީސް އާދަމެވެ.

އެ އޮފީހުން، އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ ޖާގަ ކަނޑައަޅާފައިވެ އެވެ. އަދި މައްސަލައެއް ދިމާވެއްޖެނަމަ، ޑިޓެންޝަން ރޫމެއްގެ އިތުރުން، އެ އޮފީހަށް ވަންނަ ފަރާތްތަކުން ސެކިއުރީ ސްކްރީން މެޝިން ވެސް ވަނީ ބަހައްޓާފަ އެވެ.

އުތުރު އައިއެސްޕީއެސް ގޭޓް. އެތަނުގައި އެމްޑީ ވަޖީހު ދިދަ ނަންގަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އުތުރު އައިއެސްޕީއެސް ގޭޓް. އެތަނުގައި އެމްޑީ ވަޖީހު ދިދަ ނަންގަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަންކަރިން ހިދުމަތުގެ އިތުރުން، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ކްރޫއިން ބަދަލުކުރުމާއި ޑޮކިން ހިދުމަތާއި ކުނި އުކައިދިނުމާއި ޓަގް ސާވިސަސް އަދި މެއިންޓަނެންސް ހިދުމަތްތައް ވެސް އެ ސަރަހައްދުން ފޯރުކޮށްދޭނެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، މިރޭ ހުޅުވުނު އޮފީސް މެދުވެރިކޮށް، 14 ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންގެ ކިބައިގައި އެ ހިދުމަތްތައް ދިނުމުގެ ގާބިލްކަން ހުރި ކަމަށާއި އެއް ދުވަހުން އަނެއް ދުވަހަށް ކަންކަން ރަނގަޅުކުރަމުންދާނެ ކަމަށެވެ.

ހިދުމަތް ހޯދަން އަންނަ ފަރާތްތައް ސްކްރީނު ކުރަން ހާއްސަ އޭރިއާ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ހިދުމަތް ހޯދަން އަންނަ ފަރާތްތައް ސްކްރީނު ކުރަން ހާއްސަ އޭރިއާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑުމެން އެކަން ކުރާނީ، އިންޓަނޭޝަނަލް މާކެޓެއް ކަން އެނގިތިބެ، ކޮމްޕެޓިޓިވް މާކެޓެއް ކަން އެނގި ތިބެ، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދީ، ކަސްޓަމަރުން ހިތްހަމަ ޖެހޭ ގޮތަށް، ރަނގަޅު އަގެއް ދީގެން،" އޭނާ ވިދާޅުވި އެވެ.

އުތުރު އައިއެސްޕީއެސް ގޭޓު އިމާރާތް ހުޅުވިއިރު ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށަނީ މާދަމާ އެވެ. އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

އުތުރު ގޭޓްވޭ އޮފީސް. އެ އޮފީހުން އިދާރީ ހުރިހާ ކަމެއް ބަލަހައްޓާނެ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އުތުރު ގޭޓްވޭ އޮފީސް. އެ އޮފީހުން އިދާރީ ހުރިހާ ކަމެއް ބަލަހައްޓާނެ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަހުމަދު ޝިމާދު ވިދާޅުވީ، ބަންކަރިން ހިދުމަތާއި އުތުރު ގޭޓްވޭގައި ދޭ އިތުރު ހިދުމަތްތަކާ އެކު ރާއްޖޭގެ އުތުރުގެ ސަރަހައްދު ބޮޑު މާކެޓް ޕްލޭސް އަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

ޝިމާދު ވިދާޅުވީ، އުތުރުގެ ސަރަހައްދަކީ ހުޅަނގު އިރުންނާއި އިރު ހުޅަނގުން 200 އަށް ވުރެ ގިނަ ބޯޓުތައް ދަތުރު ކުރާ ސަރަހައްދެއް ކަމަށެވެ. އެހެންވެ، އަލަށް ފަށާ ބަންކަރިން ހިދުމަތާ އެކު އެ ސްޓްރެޓެޖިކް ލޮކޭޝަންގެ ބޭނުން ކުރެވޭނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ޝިމާދު ވާހަކަދައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
މިރޭގެ ރަސްމިއްޔާތުގައި ޝިމާދު ވާހަކަދައްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"މި ގޭޓްވޭވާނީ މާކެޓް ޕްލޭސްއަކަށް. އެއީ މި ގޭޓްވޭއިން މި އޭރިއާއިން ދަތުރު ކުރާ އުޅަނދުތަކުން ހަމައެކަނި ޔޮޓްތަކެއް ނޫން، ކާގޯ ބޯޓުތަކާއި ކޮންޓެއިނާ ޝިޕްތަކަށް ހިދުމަތްތައް ދެވޭނެ. އަޅުގަނޑުމެންނަށް ނެގެން އޮތް އެންމެ ބޮޑު މަންފާއެއް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.