މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގެސްޓްހައުސް ސިމްޕޯޒިއަމް ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ކަން މިއަދު އިއުލާންކޮށްފި އެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ގެސްޓްހައުސްތަކުގެ އެންމެ ބޮޑު ސިމްޕޯޒިއަމް އެމްއައިބީން މިއަދު ވަނީ ކްރޮސްރޯޑްސްގައި ބާއްވައިފަ އެވެ.

އެ ސިމްޕޯޒިއަމް ނިމުމުގެ ރަސްމިއްޔާތުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ ގެސްޓްހައުސް ދާއިރާގައި ހިމެނޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެމްއައިބީގެ ގެސްޓްހައުސް ސިމްޕޯޒިއަމް ކޮންމެ އަހަރަކު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން އަމިއްލަ އަށް ނިންމި ނިންމުމެއް ނޫން. މިއީ ގެސްޓްހައުސްތަކާ އެކު މަޝްވަރާކޮށް ނިންމި ނިންމުމެއް،" ރިޒާ ވިދާޅުވި އެވެ.

އެމްއައިބީން މިއަދު ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމްއަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ. މި ސިމްޕޯޒިއަމްގައި 75 އަށް ވުރެ ގިނަ ގެސްޓްހައުސްތަކުން ބައިވެރިވި އެވެ.

ސިމްޕޯޒިއަމްގެ ބައެއް ބައިވެރިން ބުނި ގޮތުގައި، ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގައި ސިމްޕޯޒިއަމް މެދުވެރިކޮށް އާ ހިޔާލުތަކެއް ވަނީ ލިބިފަ އެވެ.

އަދި މި ދާއިރާ މިހާރަށް ވުރެ ފުރިހަމައަށް ހިނގައިގަތުމަށް އެފަދަ ޕްލެޓްފޯމެއްގެ މުހިއްމު ކަމާއި, ދާއިރާގެ ތަޖުރިބާކާރުންނާއި އެކު ހިޔާލު ބަދަލުކުރަން ލިބުމަކީ އިތުރު ގޮތްގޮތަށް ލޯކަލް ޓޫރިޒަމް ތަރައްގީކުރަން ހިތްވަރު ލިބުނު ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.

ގެސްޓް ހައުސް ސިމްޕޯޒިއަމްގައި، ގެސްޓްހައުސް ހިންގަމުން އަންނަ ބަޔަކަށް މައުލޫމާތު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގެސްޓް ހައުސް ސިމްޕޯޒިއަމްގައި، ގެސްޓްހައުސް ހިންގަމުން އަންނަ ބަޔަކަށް މައުލޫމާތު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ސިމްޕޯޒިއަމްގައި ގެސްޓްހައުސްތައް މެނޭޖުކުރުމަށް ބޭނުން ކުރެވޭނެ ބައެއް ޕްރޮޑަކްޓުތައް ޒުވާން ކްރިއޭޓަރުން ވަނީ ހިއްސާކޮށްފަ އެވެ. އަދި މި ދާއިރާއަށް އެކި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އެ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ މައުލޫމާތުތަކާއި ޕްރޮޑަކްޓުތައް ހުށަހެޅުމުގެ ފުރުސަތު ވެސް ދިނެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި މިހާރަށް ވުރެ ފުރިހަމައަށް ހިންގާނެ ގޮތްތަކާ މެދު މަޝްވަރާކުރި ޕެނަލް ޑިސްކަޝަންތައް ވެސް މި ސިމްޕޯޒިއަމްގައި ކުރިއަށް ގެންދިޔަ އެވެ. އަދި ލޯކަލް ޓޫރިޒަމް އަކީ ރާއްޖޭގައި ކަލްޗަރަލް ޓޫރިޒަމްގެ ގޮތުގައި ޕްރޮމޯޓުކޮށް, ތަރައްގީކުރެވެން އޮތް ސިނާއަތެއްގެ ގޮތުގައި ފާހަގަކޮށް, އެކަން ތަރައްގީކުރާނެ ގޮތުގެ ހިޔާލުތައް ޕެނަލިސްޓުން ހުށަހެޅުއްވި އެވެ.

މި ދާއިރާއިން ލިބެން ހުރި ޕްލެޓްފޯމުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަމާއި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކި އެވެ.

ގެސްޓް ހައުސް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ގަވަރުނަރު އަލީ ހާޝިމް (މ) އާއި ކުރީގެ ޕީޖީ ހެސެއިން ޝަމީމް(ވ) އަދި އާތިފް ޝަކޫރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގެސްޓް ހައުސް ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ގަވަރުނަރު އަލީ ހާޝިމް (މ) އާއި ކުރީގެ ޕީޖީ ހެސެއިން ޝަމީމް(ވ) އަދި އާތިފް ޝަކޫރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ސިމްޕޯޒިއަމްގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގައި ހުރި އިގްތިސާދީ އަދި އުމްރާނީ ގޮންޖެހުންތައް ވެސް ފާހަގަކުރި އެވެ.

އެމްއައިބީން ބުނީ މި ސިމްޕޯޒިއަމް އަށް އެ ބޭންކުން އުއްމީދުކުރި ވަރަށް ވުރެ ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މި ހަރަކާތުން އަލަށް ވިޔަފާރިފަށައިގަންނަ ޒުވާނުންނަށް އިންޑަސްޓްރީގައި ފައިހަމަކުރުމަށް ރަނގަޅު ބިންގަލެއް އަޅައިދެވުނު ކަމަށް ވެސް ބުންޏެވެ.

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް އަކީ މި ދާއިރާއިން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތުގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ގެސްޓްހައުސްތަކުން ބައިވެރިވި އެވެ.