މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމްކުރާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" ތައާރަފްކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއައިބީން ބުނީ، އެ އެވޯޑަކީ ވަކިވަކި ގެސްޓްހައުސްތަކުގެ އިތުރުން ރަށު ފެންވަރުގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން އިސްނަގައިގެން މަސައްކަތްކުރާ ރަށްރަށުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑެކެވެ. 

މި އެވޯޑަށް ކުރިމަތިލާ ރަށްރަށް އިންސާފުކުރުމުގައި، ރަށު ކައުންސިލްތަކާއި އާންމު ރައްޔިތުންނާއި ވިޔަފާރިތައް ގުޅިގެން ކުރާ މަސައްކަތްތަކަށާއި، ރަށް އިޝްތިހާރުކުރުމާއި، އިންފްރާސްޓްރަކްޗަ ތަރައްގީކުރުމާއި، ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމާއި، އަދި ފަތުރުވެރިންނަށް ރައްކާތެރި އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބެލޭނެ އެވެ.

"ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށުގައި އެޕްލިކޭޝަން ހުށަހަޅާ ވަގުތު މަދުވެގެން އޮޕަރޭޝަނަލް 50 ގެސްޓްހައުސް ކޮޓަރި ހުންނަން ޖެހޭނެ ކަމުގައި އެމްއައިބީން ބުންޏެވެ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްގެ ދަށުން ޖުމްލަ ތިން ދާއިރާއަކުން 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ގެސްޓްހައުސްތަކަށް ހާއްސަ އަށް އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންނަށް ދެވޭ ތިން އެވޯޑުގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދެވޭ އައިލެންޑް އެވޯޑެވެ.

މި އެވޯޑްސްގެ މުޅި އިވެލުއޭޝަން މަރުހާލާ އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި މުސްތަގިއްލު ތާޑް-ޕާޓީއެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އެޑްވައިޒަރީން ހަރަކާތްތެރިވާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީގެ މަގްސަދަކީ އެ އެވޯޑު މެދުވެރިކޮށް ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ފެންވަރު މަތިކޮށް، އީޖާދީ އަދި ދެމެހެއްޓެނިވި ހިދުމަތްތަކަށް ހިތްވަރުދީ، ދިވެހިވަންތަ މެހެމާންދާރީގެ އަގުވަޒަންކުރުމެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް mib.com.mv/guesthouseaward މެދުވެރިކޮށް އެވޯޑަށް ކުރިމަތިލުމުގެ ފުރުސުތު ވަނީ ހުޅުވާލެވިފަ އެވެ.