މިއަދު ބޭއްވި އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމްގައި ކުރިއަށް ގެންދިޔަ ގެސްޓް ހައުސް އެވޯޑްސްގެ 'ގެސްޓް ހައުސް ޗެމްޕިއަން އައިލެންޑް' އެވޯޑު ޏ. ފުވައްމުލަކަށް ލިބިއްޖެ އެވެ. 

މި އެވޯޑާ އެ ރަށުގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު އެވެ. އެވޯޑާ އެކު، ފުވައްމުލަކުގައި ގެސްޓް ހައުސް ޓޫރިޒަމްގެ ދާއިރާއަށް ފައިދާކުރަނިވި ޕްރޮޖެކްޓެއް ހިންގުމަށް ބައި މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. 

ޖުމްލަ ނުވަ އެވޯޑު އެ ހަފްލާގައި ދިން އިރު، މި އެވޯޑު ދީފައި ވަނީ ގެސްޓް ހައުސްތައް ދެ ޓިއާއަކަށް ބަހާލައިގެންނެވެ. އެގޮތުން ޓިއާ 1އިން ދިން ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ކާމިޔާބުކުރީ ކޮނޑޭ ގާޑަން ވިލާ އެވެ. 

ގެސްޓްހައުސް އެވޯޑުގައި އެވޯޑު ލިބު ފަރާތްތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ގެސްޓްހައުސް އެވޯޑުގައި އެވޯޑު ލިބު ފަރާތްތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓިއާ 2އިން ދިން އެވޯޑުތަކުގެ ތެރެއިން ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓާލިޓީ އެވޯޑު ލިބުނީ އޯޝަން ގްރޭންޑަށެވެ. އަދި އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް އެވޯޑާއި އައިލެންޑް އެކްސްކާޝަންސް އެންޑް އެކްސްޕީރިއަންސް އެވޯޑާއި އިކޯ ފްރެންޑްލީ އެވޯޑު ލިބުނީ ކަމަދޫއިން އަށެވެ. މިއީ މި އެވޯޑު ހަފްލާގައި އެންމެ ގިނަ އެވޯޑު ކާމިޔާބު ކުރި ގެސްޓް ހައުސް އެވެ. 

ގެސްޓްހައުސް އެވޯޑުގައި އެންމެ ގިނަ އެވޯޑު ލިބުނު ކާމިނީ އިންގެ ފަރާތުން އެވޯޑާއި ހަވާލު ވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ގެސްޓްހައުސް އެވޯޑުގައި އެންމެ ގިނަ އެވޯޑު ލިބުނު ކާމިނީ އިންގެ ފަރާތުން އެވޯޑާއި ހަވާލު ވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓިއާ2 އިން ކަލިނަރީ އެކްސްޕީރިއަންސް އެވޯޑު ބްލިސް ދިގުރަށަށް ލިބުނުއިރު، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު ލިބުނީ ސްވޯން ބައި ހޯކްސްއަށެވެ. 

މި އެވޯޑު ހަފްލާގައި ވަކިވަކި ކެޓަގަރީތަކުން ދިން އެވޯޑުތަކުގެ ތެރެއިން އައުޓްސްޓޭންޑިން ޑައިވް މާސްޓާ އެވޯޑު ލިބުނީ މުހައްމަދު ޝައްމޫން އަމީންއަށެވެ. އޭނާއަށް ވަނީ 5.000 ޔޫއެސްޑީ ދީފަ އެވެ. 

ގެސްޓްހައުސް އެވޯޑްސް
ގެސްޓްހައުސް އެވޯޑްސް

އެ އެވޯޑު ހަފްލާގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، މި އެވޯޑު ލިބުނު ފަރާތްތަކަށް، ކަސްޓަމަރުންނަށް ސްކޭންކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ބޭނުން ވަނީ މިއީ ތަނުގެ ކްރެޑިބިލިޓީ ދައްކައިދޭނެ، ތަނުގެ ފެންވަރު ވަޒަން ކުރެވޭނެ ފަދަ އެވޯޑަކަށް ވުން ކަމަށް ވިދާޅުވި އެވެ. އުއްމީދަކީ މި އެވޯޑާ އެކު ދާއިރާގެ ފެންވަރު އިތުރަށް ތަރައްގީކުރުމުގެ ބައިވެރިއަކަށްވުން ކަމަށް ރިޒާ ވިދާޅުވި އެވެ. 

މިއީ ގެސްޓް ހައުސް އެވޯޑު ބޭއްވި ފުރަތަމަ އަހަރެވެ.