މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދަރަނި އަދާކުރަން އެންމެ ބޮޑު އަދަދެއް ހޭދަކުރަންޖެހޭ ދެ އަހަރު. މި އަހަރު 9.4 ބިލިއަން ރުފިޔާ އަދި އަންނަ އަހަރު 15 ބިލިއަން ރުފިޔާ ދައްކަން ޖެހޭ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ. މިދިޔަ އަހަރު ސަރުކާރުން ވަނީ 5.2 ބިލިއަން ރުފިޔާގެ ލޯނު ނަގާފައި --ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖެނުއަރީ 2025 - 10:43
ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ނުވަ ލޯނަކަށް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ނެގި އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ހޯދީ އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) ބޭންކުންނެވެ. އެ ބޭންކުން ނެގީ 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ. އެ ލޯނު ނެގީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓުގެ ރީފައިނޭންސިން އާއި އަޕްގްރޭޑު ކުރުމަށެވެ.
ތިން ވަނަ އަށް އެންމެ ބޮޑު ލޯނެއް ނެގީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) މެދުވެރިކޮށެވެ. އެ ބޭންކު މެދުވެރިކޮށް ނެގި ދެ ލޯނަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އަރަ އެވެ. އައިޑީބީން ލޯނު ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ
1. ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް: 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)
2. ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް: 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)
3. ޗައިނާ އެގްޒިމް ބޭންކް: 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)
4. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް: 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)
5. އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް: 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ)
6. ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވަލޮޕްމެންޓް: 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)
7. އޭޝިއަން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ބޭންކު: 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ)
8. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ): 4 މިލިއަން ޑޮލަރު (62 މިލިއަން ރުފިޔާ)
9. އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް: 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ)
މިދިޔަ އަހަރުގެ ލޯނުތަކުގެ ތެރެއިން 80 ޕަސެންޓު ލޯނު ނެގީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށެވެ. އެ މަޝްރޫއު މިހާރު ނިމޭނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރަނީ މި އަހަރުގެ މެދުތެރޭގަ އެވެ. ކުރިން އެ މަޝްރޫއު ނިމޭނެ ކަމަށް ސަރުކާރުން ލަފާކުރީ މިދިޔަ އަހަރުގެ ޕީކް ސީޒަނަށެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ދަރަނި މި އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
ދަރަނި އަދާކުރުމަށް ދައުލަތުން މި އަހަރު 9.4 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އަންނަ އަހަރު ދަރަނި އަދާކުރަން 15 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އެހެންވެ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ދަރަނި އަދާކުރަން އެންމެ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ ދެ އަހަރެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ދައުލަތުގެ ސީދާ ދަރަނި، ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެ މިންވަރަށް ދަރަނި ދަށްކުރަން އިސްލާހީ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބޭ
19 January 2025
އިބްރާހިމް މި ޤައުމަށް ކިހިނެތް ހަދާލާފަ އެފޭބީ؟ ދަރަނި އިންތިހާއަށް ނަގާ ކުރަން އުޅުނު އެއްވެސް ކަމެއް ނިންމާވެސް ލެވުނީއެއް ނޫން، އަދިވެސް ހަދަން ފެށި ޕްރޮޖެކްޓްތައް ސްނެއިލް ސްޕީޑްގަ ކުރިއަށް.
ލޯރަތްބެ
20 January 2025
އިބްރާހީމް ގެ ވެރިކަމުގައި ނެގި ލޯނުތައް އެކަންޏެއްނޫން އެ. ޔާމީނުގެ ދައުރާއި އޭގެ ކުރިއަށް ދެބައިވެގެން ދިޔަ ދައުރުގެ ލޯނުތައްވެސް ހިމެނޭނެ.
ސާދަ
19 January 2025
ތިއެއާޕޯޓް ހަދަން ލޯނު ނުނަގާ ބޭންކެއް ދުނިޔޭގަ އެބަހުރިބާ؟
ހަމުދޫން
19 January 2025
ރައީސް ގެ ޑެސިޝަން ހަމަ ބެސްޓު
ހަމްދާ
19 January 2025
ކޮންކަމެއްބާ މިލޯނުންކުރީ. މިރާއްޖޭގައި އެއްވެސް ރަށަކު ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ
އިސްތިއުފާ
19 January 2025
ލޯނު ނަގައިގެން ކުރީ ކޮންކަމެއް. ސިޔާސީ ގޮތުން ވަޒީފާ ދިން މުއައްޒަފުންނަށް މުސާރަދިނުމާއި އިރު އިރުކޮޅާ ދަތުރުދިއުން ނޫން ކޮންކަމެއް ފެންނަން އޮތީ؟
އަލްޖިބްރރާ
19 January 2025
އެލޯނުތައް ދައްކަންތަ ބިދޭސީންގެ ވޯރކްޕަރމިޓް އެޕްރޫވްކޮށްލަން 15000 އިން 18000 އިން ކަޓު ދޭންޖެހެނީ
ޒޫމަލް
19 January 2025
ދަރުވާލާފަ ދިއުމުން އެ ދެއްކުމަށް ކުރާ ކަން ކަން .ހަމަޖެއްސޭނީ ގާބިލް ވެރިއަކަށްތާ
ހުސަ
19 January 2025
ތަރައްގީއަށް ލޯނު ނެގުން މައްސަލައެއްނޫން! މައްސަލައަކީ ނަގާ ލޯނުތަކުން ކޮރަޕްޝަނާއި ފަސާދަ ހިންގުން! ދެން މާލެ ކައިރިން ބިންތައް ހިއްކާ އެތަންތަނުން ބިންތަކާއި ފްލެޓްތައް އަޅާ ފްލެޓްތައް މާލެ މީހުންނަށް ދޭދިނުން! މިވެސް ވަރަށް ތާކުންތާކު ނުޖެހޭކަމެއް! ރައްޔިތުން ތަފާުތުކުރުން މިއީ! ރާއްޖޭގެ ހުރިހާ މީހުންނަށްވެސް މިތަންތަނުން ފްލެޓްތަށް ލިބޭނެގޮތަށް އިސްކަން އޮންނަންޖެހޭ! މާލެއިން މާލެ މީހުންނަށް ބިންދީ އަދި ފްލެޓްވެސްދީ! މައްސަލައެއްނޫން އެއީ!
ޑިވެލޮޕަރ
19 January 2025
އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާޖުގެ ގޮތުގައި ފަސިންޖަރުން އަތުން ފައިސާ ނަގާތާ 10 އަހަރު ވީ. އެ ފައިސާއަށް ކުރަނީ ކީތް؟
މުސްތަފާބެ
19 January 2025
ލޯނު ނަގާއިގެން ހުޅުމާލެ ހިއްކާފަ މާލެ މީހުނަށް ހިލޭ ގޯތި ދީ ، އޭރުން ތި ލޯނު ދައްކަން ވަރަށް ފަސޭހަވާނެ.