ޑޮލަރު ބޮޑިއެއް. ބޭންކްތަކަށް ޑޮލަރު މާރުކުރި އަދަދު 150 މިލިއަނަށް އަރާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައި -- ފޮޓޯ: މިހާރު
27 މާޗް 2025 - 14:37
ޓޫރިޒަމް ހިދުމަތްދޭ ތަަންތަނުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ފެށި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެ އަދަދަކީ ކުރިން ބޭންކްތަކަށް މާރުކުރާ އަދަދަށްވުރެ 40 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި ބޭރު ފައިސާގެ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން 95 ޕަސެންޓް ފަރާތްތަކުން އެގޮތަށް އަމަލުކުރާ ކަމަށް ވިދާޅުވި އެވެ.
"ބާކީ ފަސް އިންސައްތަ ވެސް އިރާދަކުރެއްވިއްޔާ [ގާނޫނު ތަންފީޒު ކުރާނަން]، އެފަރާތްތަކާ އެކީގައި މަސައްކަތް ކުރަމުން މިދަނީ. ވަރަށް އެއްބާރުލުން ވެސް ލިބޭ ހުރިހާ ފަރާތްތަކެއްގެ. މީގެ ނަތީޖާއަކަށް ވާނީ ޓޫރިޒަމް ދާއިރާ ކުރިއަރާ މިންވަރަށް އަޅުގަނޑުމެން ކަނޑައަޅާފައި ހުރި ޓާގެޓުތަކަށް ވާސިލުވުމަށްޓަކައި ކުރެވޭ މަސައްކަތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އެމްއެމްއޭ އިން ޑޮލަރު މާރުކުރުން އެންމެ ފުރަތަމަ ލާޒިމުކުރީ ގަވާއިދަކުންނެވެ. ނަމަވެސް ފަހުން ވަނީ އެކަމާ ގުޅޭ ގާނޫނެއް ފާސްކުރުމަށްފަހު އެއަށް އަމަލުކުރަން ފަށައިފަ އެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިދިޔަ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ބޭންކްތަކަށް ޑޮލަރު މާރުކުރާ މިންވަރު އިތުރުވި އިރު، އެކަމާ ގުޅިގެން ޑޮލަރުގެ ރިޒާވް ވެސް ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން ޔޫޒަބަލް ރިޒާވްގައި 179 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. އަދި ރަސްމީ ރިޒާވް ވަނީ 832 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
ރައީސް ވިދާޅުވީ ކުރިން ކަނޑައަޅާފައިވާ ގޮތަށް ބޭރަށް ފުރާ ދިވެހިންނަށް 1،000 ޑޮލަރު ލިބޭނެ ގޮތް ހެދުމާއި ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކުރުމަށް ވެސް އޭގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ. އަދި މިހާތަނަށް ޑޮލަރުގެ ތާށިކަމާ ހެދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުން ކަމަށާއި ނަމަވެސް މިއަހަރުގެ މެދު ތެރޭގައި އެކަން ހުއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި އަހަރުގެ މެދަކާ ހަމައަށް ދާއިރު އެއްގޮތަކަށް ވެސް ޕެރެލަލް މާކެޓުން އެސްއޯއީތަކުން ނުގަންނާނެ ޑޮލަރެއް. އެވެސް ވަރަށް ބޮޑުތަކުން ޑޮލަރުގެ ރޭޓު ވެއްޓޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިންކީބަނާނާ
29 March 2025
ބޭންކަށް ޑޮލަރު މާރު ކުރާގޮތުގެ ތަފްސީލް : 60 ޕަސްންޓް އެމް އެމް އޭ އަށް ނަގާ، ބާކީ 40 ޕަސެންޓް އަބުރާ މާރުކުރިފަރާތަށް ބޭންކް ރޭޓްގަ ވިއްކާ. މި ގޮތަށް އެއްބަސް ނުވެޖެއްޔާ އެއްބަަސް ވާ ބޭންކަކަށް މާރުކުރަނީ، އެހެންވެ ހުރިހާ ބޭންކަކުންވެސް މިގޮތަށް އެއްބަސްވެއްޖެ. ވީމާ އެ 40 ޕަސެންޓް އަބުރާދަނީ ބްލެކް މާކެޓަށް. މިހާރު ނޫހުން މި ވާހަކަ އެޅެ ބީއެމްއެލް ގަ އަހާލަބަލަ. އަޅުގަޑަށް މިވާހަކަ ކިޔާދިނީ ސީދާ ސީއީއޯ ޝަރީފް.
އެކޮއި
29 March 2025
ޓޫރިސްޓް ރިސޯޓުތަކުން 150 މިލިއަންޑޮލަރު މާރުކުރި އިރު ދިވެހިން ނައް ޑޮލަރު މިލިބެނީ ބުލެކުމާ ކެޓުން އަގުބޮޑުކޮއް މީަރަތެއް މިސަރުކާރަކީ ރައްޔަތުން ނަށް ދޮގާމަކަރު ހަދާސަރުކާރެއް
ބަކަރިބޯ އާދަނު
28 March 2025
އެހެންވެ ދޯ އިއްޔެ ވެސް ޑޮލަރެއް ގަންނަން ލިބުނީ 20 ރ އަށް
ޖައްސާޖައްސާ
28 March 2025
ޑޮލަރު މާރުކުރާ ގާނޫނު ޒިންދާބާދު އަދި ވެސް ދައުލަތަށް ޑޮލަރުން އާމްދަނީ އިތުރުވާނެއޭ ހުޅުލެ އިރުން އޮތް ހާބަރު ބޭސިން ހިއްކާލާ އެތަނުގެ ހުޅަނގުން ފުނަދޫ އާއި ޖެހެންދެން އޮތް ކަނޑުގައި ބޮޑު ހިލަ ތޮށި ޖަހާ އެއީ ހުޅުލޭ ހާބަރު ކަމުގައި ހަދާނީ ޔޮޓް ތަކާއި ޕެސެންޖަރ ލައިން ވެސް އެންކަރ ކުރެވޭ ގޮތަށް އެއްގޮތަކަށް ވެސް މާލެ އަށް ޕެސެންޖަރ ލައިން މީހުން ފައިބާ ގޮތަށް ނަހަދާ ހުޅުލޭގައި ހުންނަ ހޮޓާ ތަކަށް އެމެން ފައިބާ ގޮތަށް ހަދަން ޖެހޭނީ މިގޮތަށް މިކަން
ވަދޫދު
28 March 2025
ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކުރިޔަސް ރައްޔިތުންނަށް ގަންނަން ލިބެނީ 18 ރުފިޔާއިން މަތިން. ތިކަމުންވެސް ހުރިހާ އުފަލެއް>>>>>...
މިވަރެއްނެތް
27 March 2025
މާރުކުރުމުން ކުރާ ފައިދާއަކީ ކޮބާ! ބޭންކަކުން ޑޮލަރު ގަންނާކަށެއް ނުލިބޭ އިރު ޓީޓީ އެއް ފޮނުވަން ވެސް ސަޕޯޓެއް ނުލިބޭ. ބޭންކުން ޑޮލަރު ދެނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް. ބާކީ ވަލުދޮރޯށިންވަންނަ "ފްރެންޑުން"ނަށް! ތެދުވެރި ވިޔަފާރިވެރިންނަށް އެކައްޗެއްވެސް ނެތް! އެވަރުން ނުވެގެން 20 ދުވަހުގެ ޗުއްޓީދިނީމަ އެންމެން ފުރަފުރާއިގެން މެލޭޝިޔާއަށް ގޮސް ހޭދަކޮށްލަނީ. ބާކީ އުމްރާ "ޗުއްޓީ' ދަތުރަށް 30 މިލިޔަން ޑޮލަރު ގައުމުން ބޭރުކޮށްލީ! ސުމެއް ދޯ!
އަފްރާސިޔާބު
27 March 2025
މާރު ކުރީމާ ވާފައިދާ އަކީ. ބޭންކްތަކުގެ މީހުން އެކި މީސްމީހުންގެ ނަމުގައި ބޭންކުން ޑޮލަރު ނަގައިގެން ބޮޑުއަގުގައި ވިއްކުން.
ބޭންކް
27 March 2025
ތި ޑޮލަރު މާރު ކުރާވަރަކަށް ބޭންކް ޑޮލަރު ރިޒާވް ދަނީ ދަށަށްތަ! ޓީޓީއަށް ޑޮލަރު ސަޕޯޓްވެސް މިހާރު 2% އަށް ހަދާފި
ވެއްޓޭނެއޭދޯ
27 March 2025
ޑޮލަރު މާރުނުކުރާ މީހުންނަށް ގާނޫނުގެ ތެރޭން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެއޭ މިއަދު %5 އޮވެއްޖެނަމަ މާދަން އެއަދަދު އަރައިގެން ދާނެއޭ %100 އަށް އެއްގޮތަކަށް ވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެއެ ޑޮލަރު މާރުކުރުމުގެ ގާނޫނު އެއީ މިސަރުކާރުން ގެނައި ޑައިމަންޑް ގާނޫނެކޭ މަމެންނަށް ޔަގީނޭ މިއަހަރު ނިމެންވާއިރަށް ޑޮލަރެއްގެ އަގު 10 ރުފިޔާ އަށް ތިރިވާނޭ ކަން ސަބަބަކީ އެސްއޯއީ ތަކަށް ކަޅު ބާޒާރުން ޑޮލަރު ގަތުން ހުުއްޓުން އެއީ ޑިމާންޑް
އެނދިމަރިޔަނބު
27 March 2025
ބޭކާރު ވާހަކައެއް، އާންމު ރައްޔިތަކު ބޭންކުން ޑޮލަރު ގަންނާކަށް ނުލިބޭ، ޓިކެޓަށް ދެނީ ލަނަކާއަށް ދިޔަޔަސް އެމެރިކާއަށް ދިޔަޔަސް 500 ޑޮލަރު. އިތުރަށް ގަންނަން ޖެހެނީ މާރުކުރާ ތަންތަނުން ވިއްކި އަގެއްގަ، މިހާރު ހުރީ 19 އިން މަތީގަ. 15.42 އެއީ ހަމަ އެކަނި ލިޔުމުގަ އޮންނަ އެއްޗެއް.
އާރީ
27 March 2025
ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި، ނަމަވެސް ޑޮލަރު ރައްޔިތުންނަށް ގަންނަން ލިބެނީ 19 ރުފިޔާއިން މަތިން.!