އެމްއެމްއޭ ގަވަރުނަރު މުނައްވަރާއި ފިނޭންސް މިނިސްޓަރު ޒަމީރު ބަޖެޓު ކޮމިޓީގައި މައުލޫމާތު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
08 މެއި 2025 - 10:58
ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އަޕްޑޭޓުގައި ވޯލްޑް ބޭންކުން ބުނީ، ސަރުކާރުގެ ސީދާ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދު ކަރެންސީ ސްވޮޕާ އެކު އިތުރުވެފައިވާ ކަމަށެވެ.
ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނެގީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގަ އެވެ. ކަރެންސީ ސްވޮޕް ފެސިލިޓީގެ މުއްދަތަކީ ހަ މަހެވެ.
އެނގިފައިވާ ގޮތުގައި ހަ މަހުގެ އިތުރުން، އިތުރު ތިން މަހަށް އެ ފެސިލިޓީ ރޯލްއޯވާ ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެންވެ، ޖުލައި މަހު އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ އެވެ.
އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އަހަރެވެ. އެ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެއްކޮށް ދައްކަން ޖެހޭނެ އެވެ.
ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގެ ފިސްކަލް ހާލަތު އެހާ ގޯސްކޮށް އޮތް އިރު ހަރަދު ކުޑަކުރުމަށް ރިފޯމު ފިޔަވަޅުތައް ނާޅައިފި ނަމަ ބޭރުން އިތުރު ފައިނޭންސިން ނުލިބޭނެ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ މިއަހަރު ހަރަދު ކުޑަކުރުމަށް އަޅަން ނިންމި ގިނަ ކަންކަން ނުކުރަން ނިންމައިފަ އެވެ. ތެޔޮ، ކަރަންޓް، ކާޑު، ނަރުދަމާ ޓާގެޓް ޑައިރެކްޓް ސަބްސިޑީއަކަށް ހެދުން ވަނީ ހުއްޓާލާފަ އެވެ. އަދި އެންސްޕާގެ ތެރެއިން އެހީ ދޭ މީހުން ޓާގެޓުކުރުމާއި ޑަބަލް ޕެންޝަން އުވާލައި، 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން ޓާގެޓުކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް އެކަންކަން ނުކުރަން ވަނީ ނިންމާފަ އެވެ.
އެހެންވެ، އެ ހަރަދުތައް ކުޑަ ނުކުރުމުގެ ސަބަބުން މިއަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބަޖެޓު ދިރާސާކުރައްވާ ފަރާތްތަކުން ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބަލް މުދިމު އަލިފުޅު
08 May 2025
ހައުސިން މިނިސްޓަރަކަށްހުރެ އަދި މާލޭ ސިތީކައުންސިލު މޭރަކަށް ހުރެ ހިޔާނާތުގެ ގޮތުގައި ނަގާފައިފައިވާ ފައިސާތައް އަބުރާ ހޯދައިގެން ދަރަނީގެ ބައެއް ދެއްކޭނެ. އޭސީސީން ފުރަތަމަ ބަލަން ޖެހޭ މައްސަލަ
ޓިނު
08 May 2025
މިދައްކާ ވާހަކަ ދިމައެއްނުވޭ. ކޮންމެ ދުވަހަކު އެތައް މަސައްކަތްތަކެއް ބޮޑެތި އަގުތަކުގައި އެދަނީ ކުންފުނިތަކާއި ހަވާލުކުރަމުން
ކޮރަލް
08 May 2025
މިގައުމުގައި މިއުޅެނީ ދަރަންޔަށް ފައިސާ ނެގުމަށް ވުރެ ބޮޑު މައްސަލަ އެކެވެ. އެއީ އެކި ސަރުކާރު ތަކުގަ ސިޔާސީ ވެރީން ވަގަށް ނަގާފައިވާ އެތައް ބިލިއަން ރުފިޔާ އެއް އެއްވެސް ސަރުކާރަކަށް ނުހޯދުމުގެ މައްސަލަ އެވެ. މުއިއްޒު ވެސް ކޮރަޕްޝަންގެ ގޮތުގަ މީހުން ނަގާފައިވާ ފައިސާ ނުހޯދަ ދޭނަމަ އިތުރު ދައުރަކަށް ހޮވާނެ ކަމެއް ނެތެވެ. ރައްޔިތުން ހޭލަ ބަލާށެވެ.
ރުންކުރު
08 May 2025
ސަރުކާރުން ބިލިއަނުން ދަރަނި ނަގާފަ ކޮންމެ ރައްޔިތަކަށް މަސްދަޅު ކޭހެއް. ހަމަ ކޮންމެ މީހަކަށްވެސް އޯކޭ. ހާދަ މޮޅޭ ދޯ!!!
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
08 May 2025
ރައްޔިތުން ދެން މަސްދަޅު ކޭސް ލިބުނީމަ ހެވިފަ ތިބޭނީ...ހައްޤު މިންވަރު ކަމަށް ބަލައިގެން
ރާވެރިބެ
08 May 2025
ވަރލްޑް ބޭންކުން މިބުނަނީ އަސްލު ރާއްޖޭގެ ހާލަތު. އެކަމަކު ސަރުކާރުން ރައްޔިތުންނަށް ދައްކަނީ އަވާމެންދުރު! 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ވާހަކަ އާއި ބްރިޖުތަކާ ޕްރިންސެއްގެ ފައިސަަގެ ވާހަކަ. އެކަމަކު މިދެއަހަރު ދަރަނި ދައްކަން ޖެހޭ ދެ ބިލިއަނަށް ވުރެ ގިނަ ފައިސާ ހޯދާނީ ކިހިނެތް؟ އަބަދު އޮޅުވާނުލެވޭނެ ދޯ؟ އަދިވެސް ބަލަނީ އިންޑިއާއިން ދަރަނި ރޯލްއޯވަރ ކުރެވޭނެ ކަމަށް. ހަގީގަތާ ކުރިމަތި ލައިގެން ސަލާމަތް ހޯދޭނީ.
ބަހާބަހާ
08 May 2025
އެއްވެސް ކުއްޖަކު ފެނަކައިން ވަޒީފާއެއް ބޭނުންތަ؟
ޕ.ނ.ސ
08 May 2025
ކޮބާ ސީލެވިއްޖެ
ސަސި
08 May 2025
ސަރުކާރުން މިހާރު ވަނީ މިއަހަރު ހަރަދު ކުޑަކުރުމަށް އަޅަން ނިންމި ގިނަ ކަންކަން ނުކުރަން ނިންމައިފަ އެވެ. ޝުކުރިއްޔާ ސަރުކާރު
ރަބީދް
08 May 2025
މިލިޔުން ކިޔާފަ ސަރުކާރުން މިއަދު މޮޅުވާހަކައެއް ދައްކާނެ..
ކިޑކީ01
08 May 2025
އަޖައިބެއް ކަހަލަ ބަައެއްމީ - ހާދަ ޒިންމާދާރުކަން ކުޑަ ބައެކޭ!