މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓު ސަޕްލިމެންޓުނުކޮށް، ދައުލަތުގެ ހަރަދުތައް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން 2025 ވަނަ މާލީ އަހަރު ނިންމައިލީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރޭގައި ދައުލަތުގެ ހުރިހާ ހަރަދެއް ހަމަޖައްސައިގެންނެވެ.

އެގޮތުން، 2021 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓު ކޮށްފައިވާއިރު، މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރި މިންވަރުގައި ހަރަދުތައް ހިފެހެއްޓުނު ފުރަތަމަ ފަހަރު ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި މައިގަނޑު އިސްކަމެއް ދީފައިވަނީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށެވެ.

މީގެ އިތުރުން، ބޭރު ފައިސާ ވަންނަ މިންވަރު އިތުރު ކުރުމަށް ސިޔާސަތުތައް ބައްޓަން ކޮށްފައިވާއިރު، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތަކާއި ސަބްސިޑީތައް ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރިޕޯޓުގައި ބުނި ގޮތުގައި، ދައުލަތުގެ ހަރަދު ކުޑަކޮށްފައި ވަނީ، ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާ އުސޫލަށް ގެނެވުނު ބަދަލުތަކުންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރު ޖުމްލަ ހަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، މިދިޔަ އަހަރު ޖުމްލަ ހަރަދު ހުރީ 44.2 ބިލިއަން ރުފިޔާގަ އެވެ. މިއީ ބަޖެޓުކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ދައުލަތުގެ ހަރަދުތައް މަޖިލީހުން ފާސްކުރި ބަޖެޓުގެ ތެރޭގައި ހިފަހައްޓާފައިވާއިރު، މިދިޔަ އަހަރަށް ލަފާކުރި އަދަދަށް ވުރެ އާމްދަނީ ވެސް އެ ރިޕޯޓުގައިވާ ގޮތުން ވަނީ އިތުރުވެފަ އެވެ.

މިގޮތުން، މިދިޔަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ ލަފާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދައުލަތުގެ އާމްދަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމަށް ބިނާވެފައިވާއިރު، އާމްދަނީގެ ކުރިއެރުން ހޯދާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު، ލަފާކުރި އަދަދަށް ވުރެ މަދުވުމާ އެކު އެވެ. 

މިގޮތުން، މިދިޔަ އަހަރު 2,248,120 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ 2,246,516 މިލިއަން ޓޫރިސްޓުންނެވެ. މިއީ ލަފާކުރި އަދަދަށްވުރެ 0.1 ޕަސެންޓުގެ ދަށްވުމެއް ކަމަށްވިޔަސް، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ލަފާކުރި މިންވަރަށްވުރެ އިތުރުވެފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުވުމުގެ ސަބަބުން، މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ ފިސްކަލް ޑެފިސިޓްވެސް ވަނީ ލަފާކުރި މިންވަރަށްވުރެ ކުޑަކުރެވިފަ އެވެ.

ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފަ އެވެ.

މިއީ ބަޖެޓުގައި އަންދާޒާކުރި މިންވަރަށް ވުރެ ފަސް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އަދި ޖީޑީޕީގެ ނިސްބަތުން ބަލާއިރު އަހަރުން އަހަރަށް މިއީ 6.3 ޕަސެންޓޭޖް ޕޮއިންޓުގެ ދަށްވުމެކެވެ.

މިއާ އެކު، 2025 ވަނަ އަހަރަކީ މިދިޔަ ހަ އަހަރުގެ ތެރޭގައި އެންމެ ދަށް ފިސްކަލް ޑެފިސިޓެއް ރެކޯޑު ކުރެވުނު އަހަރަށް ވި އެވެ، މިއީ 2019 އިން 2025 އަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރު ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

ޓެކްސް ނޫން އާމްދަނީ އިތުރުވުމަކީ ޖުމްލަ އާމްދަނީ އަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ އިތުރުން ވޯކް ޕާމިޓް ފީ ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 129.8 ޕަސެންޓު ކަމަށް ވާއިރު، ދަރަނި ދެއްކުމަށް ޖުމްލަ 10.1 ބިލިއަން ރުފިޔާ މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ނަތީޖާތަކަކީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކާމިޔާބުކަމާ އެކު ތަންފީޒު ކުރުމުގެ ނަތީޖާ އެވެ. މިކަމުގެ ސަބަބުން ބަޖެޓުގެ އިތުބާރު ބޮޑުވެ، ދައުލަތުގެ މާލިއްޔަތަށް އޮތް ޕްރެޝަރު ކުޑަވެފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.