އެމްޕީއެލް ސަރަހައްދުގައި އޮންނަ އުފުއްޔަށް އުކާލަން ގެންދާ ކުނިން ފީ ނަގަނީ ކުންފުނީގެ ހަރަދުތައް ހަމަޖައްސަން ކަމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ކުނި އުކާލުމަށް ނަގާ ފީ ބޮޑުވުމާ ގުޅިގެން މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީގައި މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ އެ ކުންފުނިން މި އަހަރުގެ ޖެނުއަރީން ފެށިގެން ކުނި އުކާލުމުގެ މަސައްކަތް ފެށުމަށް ފަހު ކުނި ނުވާ ޒާތުގެ ކުނި އުކާލުމަށް ވަކި ފީތަކެއް ނަގަން ފަށާފައިވާ ކަމަށެވެ. އަދި އެ ފީ ނެގުމުގެ ބޭނުމަކީ ކުންފުނިން ބޭނުންކުރާ ލޭންޑިން ކްރާފްޓުން އުކާލުމަށް ހިންގާ ހަރަދު ހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މާލެ އިން ކުނި އުކާލުމުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދަން. އެހެންވީމަ އެކަމަށް ފީއެއް ނަގަން ޖެހޭ. އަޅުގަނޑުމެން މި ބަލަނީ މިހާރު ހުރި ވެހިކަލްތަކާއި ލޭންޑިން ކްރާފްޓް މަރާމާތުކޮށްގެން ބޭނުންކުރަން ފެށުމުން ކުރަން ޖެހޭ 30 ޕަސެންޓްވަރު ކުޑަވާނެ،" ފުއާދު ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު (ކ) އަދި ޗެއާމަން އަލީ ހާލިދު މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު (ކ) އަދި ޗެއާމަން އަލީ ހާލިދު މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ މާލެއިން ތިލަފުއްޓަށް ކުނި އުކާލުމަށް މަހަކު ދެ ލައްކައެއްހާ ރުފިޔާ އަށް ހަތަރު ދޯނި އަދި މަހަކު 1.4 މިލިއަން ރުފިޔާ އަށް ތިން ލޭންޑިން ކްރާފްޓް ކުއްޔަށް ހިފާފައިވާ ކަމަށެވެ. އަދި ކުއްޔަށް ހިފާފައިވާ އުޅަނދުތަކާއި ވެހިކަލްތައް ދޫކޮށްލުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ފުއާދު ވިދާޅުވި އެވެ.

އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަންނަ އަހަރުން ފެށިގެން މި ކުންފުންޏަށް ލިބޭ އާމްދަނީއަކުން ކުންފުނީގެ ހަރަދުތައް ހަމަޖައްސަން. ސަރުކާރުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުނި އުކާލަން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ، ވެމްކޯ

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަންނަ އަހަރުން ފެށިގެން މި ކުންފުންޏަށް ލިބޭ އާމްދަނީއަކުން ކުންފުނީގެ ހަރަދުތައް ހަމަޖައްސަން. ސަރުކާރުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުނި އުކާލަން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ. އެއީ ގާތްގަނޑަކަށް އަހަރަކަށް 30 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ކުނި އުކާލުމަށް ނަގާ އަގުތައް ރިވައިސްކުރުމާ މެދު ނިންމާފައިވާ ގޮތެއް އަންނަ ހޯމަ ދުވަހުގެ ކުރިން ކޮމިޓީ އަށް އެންގުމަށް މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ދެންނެވުމުން އެ ކޮމިޓީގެ ނައިބު މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މެމްބަރުންގެ ވޯޓަކަށް އަހައިގެން ނޫނީ އެގޮތަށް ނިންމައިގެން ނުވާނެ ކަމަށެވެ. އަދި އެއީ ކޮމިޓީގެ ނިންމުމެއް ކަމަށް ބަލައިނުގަތުމަށް އޭނާ ވަނީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރާއި ޗެއާމަން އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ކޮމިޓީ ނިންމާލިއިރު ވެސް ޝަރީފް ގެންދެވީ މުގައްރިރާ ދެމެދު ބަހުގެ އެކި ހަމަލާތައް ދެއްވަމުންނެވެ.