މަންޓާ އެއާ. އެ އެއާލައިންގެ ޕައިލެޓުން ވެސް ޑޮލަރުން މުސާރަ ދޭން ޑިމާންޑްކޮށްފި -- ފޮޓޯ: މިހާރު
22 ޖުލައި 2025 - 18:37
މަންޓާ އެއާގެ ޕައިލެޓުން ހިމެނޭ ގޮތަށް، އެ ކުންފުނީގެ ބޯޓުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އެއްކޮށް ޑޮލަރުން ދޭން އެދި މެނޭޖްމެންޓާ އެކު އަލުން މަޝްވަރާތައް ފަށައިފި އެވެ.
އެ އެއާލައިންގެ ޕައިލެޓެއް ބުނީ، މީގެ ދެ މަސް ކުރިން އެ އެއާލައިނުގެ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ދިވެހި ރުފިޔާއިން ދޭން ނިންމައި އެގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އެ ނިންމުން ބަދަލުކުރުމަށް ޕައިލެޓުންނާއި ކްރޫއިންގެ އިތުރުން އިންޖިނިއަރުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މި ހުށަހެޅުމަށް އަދި މެނޭޖްމެންޓުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނަށް އަމަލުކުރަން ޖެހޭތީ އެބައި ހަމަޖެއްސުމަށް މަންޓާ އެއާއިން ވަނީ މުވައްޒަފުންގެ މުސާރަ އެއްކޮށް ޑޮލަރުން ދެމުން އައުމަށް ފަހު އެކަން ބަދަލުކޮށް މުސާރައިގެ 50 ޕަސެންޓު ރުފިޔާ އިން ދޭން ފަށައިފަ އެވެ.
މިކަމާ ބެހޭ ގޮތުން އެއާލައިނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި އިރު އެންމެ ފުރަތަމަ ބެލީ މާރުކުރާ ފައިސާއިން އެހެން ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތްތަކެއް ހޯދަން ކަމަށެވެ.
އެކުންފުނިން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް އާއި މޯލްޑިވިއަންއާ އެކު ވެސް ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންނެވެ. ޖެޓް ފިއުލް އާއި ސްޕެއާ ޕާޓްސް އާއި އެހެނިހެން އޮޕަރޭޝަނަލް ހިދުމަތްތަކަށް ވެސް ރުފިޔާއިން ފައިސާ ދެއްކުމަށް އެ ކުންފުނިތަކުން އެއްބަސް ނުވާ ކަމަށް މަންޓާއިން ބުންޏެވެ. އެހެންވެ، އެ މުއާމަލާތްތަކުގައި ވެސް އެ ކުންފުނިން އެމްއޭސީއެލް އާއި މޯލްޑިވިއަން އަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. މަންޓާއިން ބުނި ގޮތުގައި މުވައްޒަފުންގެ މުސާރައިން އެއްބައި ރުފިޔާއިން ދޭން ނިންމީ އެ ކުންފުނިތަކާ އެކު ކުރި މަޝްވަރާއިން އެދެވޭ ހައްލެއް ނުލިބުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލް ސީއީއޯއަކަށް ހުންނަވާ މަންޓާ އެއާ އިން ބުނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު ކުންފުންޏަށް ގެންނަން ޖެހުނު ކުއްލި ބަދަލުގެ ސަބަބުން ލުއިތަކެއް ހޯދަން އެމްއެމްއޭއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 100 ޕަސެންޓު ޑޮލަރުން ދެވޭނީ، އެ އިދާރާއިން ލުއި ދިނުމުން ކަމަށް ބުންޏެވެ.
އެކަމުގައި މުވައްޒަފުންގެ ހިތްހަމަނުޖެހުންތައް މީގެ ކުރިން ވެސް މެނޭޖްމެންޓާ ހިއްސާކޮށްފައިވެ އެވެ. އެއާލައިންގެ މުވައްޒަފުންގެ މިކަމުގައި ކަންބޮޑުވުން ފާޅުކުރި އިރު ޕައިލެޓުންނާއި ކްރޫއިން އަދި އިންޖިނިއަރުން ހިމެނޭ ގޮތަށް އެ ކުންފުނީގައި 600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ޕައިލެޓު ބުނީ ބޭނުންވަނީ ކުރިއެކޭ އެއްގޮތަށް މުސާރަ އެއްކޮށް ޑޮލަރުން ދިނުން ކަމަށެވެ.
މި ހަފްތާގައި ވަނީ ޓީއެމްއޭގެ ޕައިލެޓުން ވެސް ވަނީ އެ ކުންފުނީގެ މުސާރައިގެ 20 ޕަސެންޓު ދިވެހި ރުފިޔާ އިން ދޭން ނިންމުމުން އެކަމާ ހިތްހަމަނުޖެހި، ދަތުރުތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެކަމާ ގުޅިގެން ޓީއެމްއޭ އިން ވަނީ ކުރިއެކޭ އެއްގޮތަށް މުސާރަ އެއްކޮށް ޑޮލަރުން ދޭން ނިންމައިފަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން، ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރުކުރުމެވެ. "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢއޗބުނީ
23 July 2025
ހުރިހާ ދިމާލަކުން ޑޮލަރ ލިބޭ ތަންތަނުން މުވައްޒަފުންގެ މުސާރަ ޑޮލަރުންދޭން ދައްޗެއް ނުވާނެ. ތިޔަ ކުންފުނިން ދިވެހި ރުފިޔާއިން ވިޔަފާރިކުރުން މުޅިން ހުއްޓާލީ ޑޮލަރ ލިބޭ ވިޔަފާރި ކުރަން. އެވިޔަފާރީގައި ތިޔަ ކުންފުންޏަކީ ދިވެހި އެންމެ ކުރީގައި އުޅޭ ކުންފުނި.
ކޮރަލް
23 July 2025
ތިއޮތީ ނުލަފާ ބަޔަކާ ޖެހި ފައެވެ. ކާމިޔާބު ވާނީ ވ މަސައްކަތް ކޮށްގެންނެވެ.
ވާލަންމަސް
23 July 2025
ސާބަހޭ! ދިވެހި ރުފިޔާގެ ބޭނުން ކަނޑުވާ، އޭގެ އަގު ވައްޓާލާ، ލީގަލް ޓެންޑަރ ގާނޫނީ ހިލާފުވީމަވެސް ދޫކޮށްލީމަ ވާނެ ހައެތި ވަނި!!!!!!!
އަބުދު
23 July 2025
ސަރުކާރުންވެސް ޕޭކުރަނީ ރުފިޔާ ފުރަތަމަ އެކަން ހައްލު ކުރަންވީނު
މިވަރެއްނެތް
23 July 2025
އިސާހިތަކު ދެން ފެންނާނީ ރިސޯޓުތަކާއި އެމްއޭސީއެލް ފަދަ ތަންތަނުގެ މުވައްޒަފުންވެސް ޑޮލަރަށް ޑިމާންޑްކޮށް މުޒާހަރާކުރާ މަންޒަރު. މިއީ ގައުމަށް ބޭރުގެ ފައިސާ ނުލިބޭވަރަށް ލޯނު ނަގާ، ބޭކާރު އެމްބަސީތައް ހަދާ އިސްރާފުކުރުމާޢި އަދި ގައުމުގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމުގައި އިންސާނީ ވަޞީލަތްތައް އުފެއްދުން ތެރިކަމުން އެކަހެރިކޮށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބަދަލުކުރުމުގެ ސަބަބުން ބޭރުފައިސާ ލިބޭވަރު މަދުވުމުގެ ނަތީޖާ.
ޙުހުހުހ
23 July 2025
ވެމްކޯގެ ސްޓާފުންވެސް މިއަންނަ ހަފްތާގައި ނިކުންނާނެ. ކަންކަން މެނޭޖް ކުރަބް ނޭނގުނީމާ ވާނެގިތް ވަނީ
ޑޮލަރުން ދޭން ޖެހޭ ސަބަބެއް ނުވިސްނޭ
23 July 2025
ދިވެހިންނަށް ވަކި ޑޮލަރުން މުސާރަ ދޭންޖެހޭ ސަބަބެއް ނޭންގެ. ޓުއަރިޒަމްއާއި ގުޅުން ހުރި މަސައްކަތް އަހަރުމެން ޓުއަރިޒަމް މިނިސްޓްރީގައިވެސް ކުރަން. ކުޑަ މުސާރަ އަދި ރުފިޔާއިން ލިބެނީވެސް. އެއްވެސް % އެއް ޑޮލުން ނުޖެހޭނެ ދޭކަށް. އެމްއެމްއޭގެ ގާނޫނު ބުނާގޮތުން ތީ ޓުއަރިޒަމް ދާއިރާގެ ވަކި ޚިދުމަތްތަކަކށް ދޭ އެއްޗެއް. ގޭދޮށު އެންމެނަށް ދޭކަށް ނޫން. މީ ތި އަސްލު ޑޮލަރު އަގު ބޮޑުކޮށް އަހަރުމެނަށް ވިއްކާ މީހުންނަކީ. ތި މުސާރަވެރިން.
ތިމާވެށި
23 July 2025
ބިދޭސީންނަށް ވެސް ޑޮލަރުން ދޭކަށް ނުޖެހެ އެވެ. ތިޔަ ބުނާ ގާނޫނަކުން ...
މުލޭ
22 July 2025
ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެންނަށް ވެސް ޑޮލަރުން މުސާރަ ދޭންވާނީ. ދިވެހި ރުފިޔާ އުވާލަންވީ. ކިހާ ބޮޑުވެއްޖެ ކަމެއް މިއީ. ތިޔަ ހުރިހާ ޑޮލަރަކީ ބްލެކް މާކެޓަށް ވަންނަ ޑޮލަރު. މިކަން ހުއްޓުވަން ފިޔަވަޅުތައް އަޅަން އެބަޖެހޭ. އެންމެންނަށް ވެސް މުސާރަދޭންވީ ރުފިޔާއިން. ޑޮލަރު ބޭނުންވާ މީހާ ބޭންކުން ނުވަތަ ބޭރު ފައިސާ ގަނެވިއްކާ ތަނަކުން ޑޮލަރު ގަންނަންވާނީ. ގާނޫނު ބަދަލުކޮށްގެން ވިޔަސް މިކަން ޙައްލު ކުުރަން އެބަޖެހޭ.
ރަންވޭ
22 July 2025
ރާއްޖޭގެ ހުރިހާ އެއަރޕޯޓްތަކުގެ މުވައްޒަފުންނަށް ވެސް މުސާރައިގެ 1/2 އެއްބައި ދޭންވާނީ ޑޮލަރުން. އެމް.އޭ.ސީ.އެލް އިންވެސް ދެނީ އެގޮތަށް.
ޑޮލަރުބެ
22 July 2025
މިގައުމުގެ ރަސްމީ ކަރަންސީއަކަށް ޑޮލަރު ހަދަންވެއްޖެ ! ނުވަތަ އެމެރިކާ ސްޓޭޓަކަށް ހަދައިގެންވެސް މިގައުމުގެ ރައްޔިތުންނަށް ޑޮލަރު މުސާރަދެވޭނެ ގޮތެއް ހޯދަންޖެހިއްޖެ ! ދެންއަންނަ މީހަކު މިކަމަށް ވިސްނެވުން އެދެން .
އެމެރިކާސްޓޭޓް
23 July 2025
އާނ ދެން އޮންނަ އިންތިހާބަކައް ކުރިމަތިލާން މިއުޅެނީ. ހަމައެކަނި ވައުދަކީ ޑޮންލްޑް ޓްރަމްޕް އައް އާދޭސްކޮއްގެން އެމެރިކާގެ ސްޓޭޓަކައް ރާއްޖެހަދާ މިގައުމުގެ ރަސްމީ ފައިސާއަކީ ޑޮލަރުކަމުގަ ހެދުން އޭރުން ހުރިހާ ކުދިންނައްވެސް ޑޮލަރުން މުސާރަލިބޭނެ.