މަންޓާގެ މަތިންދާ ބޯޓު. އެ އެއާލައިންގެ ދަތުރުތައް މަޑިވަރަށް ފެށީ މިދިޔަ ޑިސެމްބަރު މަހު -- ފޮޓޯ: މިހާރު
08 ޖެނުއަރީ 2025 - 15:39
ރާއްޖޭގައި އެންމެ ފަހުން އެތެރޭގެ އުދުހުންތައް ފެށި އަމިއްލަ އެއާލައިން މަންޓާ އިން ޅ. މަޑިވަރަށް ދަތުރުތައް ފަށައިފި އެވެ.
އެ އެއާލައިންގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން (މާނު) މިއަދު ވިދާޅުވީ، މިދިޔަ ޑިސެމްބަރު 22 ގައި މަޑިވަރަށް ދަތުރު ފެށި އިރު ކޮންމެ ދުވަހަކު ތިން ފްލައިޓު އަޅަން ތާވަލް ކޮށްފައިވާ ކަމަށެވެ.
"މިހާތަނަށް ޑިމާންޑު ވެސް ވަރަށް ރަނގަޅު،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަޑިވަރުގެ އިތުރުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ވެސް އެ އެއާލައިނުން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އޭގެ ހުރިހާ ތައްޔާރީތަކެއް ވެފައިވާ އިރު، މިދިޔަ އަހަރު މަންޓާ އިން ވަނީ މާފަރު އެއާޕޯޓަށް ދަތުރުތައް ކުރަން އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަންގެ ހުއްދައަށް އެދިފަ އެވެ.
މާނު ވިދާޅުވިގޮތުގައި، އެ ހުއްދަ ލިބުނުހާ އަވަހަކަށް މަންޓާގެ ދަތުރުތައް މާފަރަށް ފަށާނެ އެވެ. އެ ކުންފުނީގެ އުންމީދަކީ މި މަހު އެ ދަތުރުތައް ފެށުމެވެ.
މަންޓާ އެއާއިން ވައިގެ ދަތުރުތައް ފެށީ 2019 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ދަތުރުތައް ފެށީ ދ. ކުޑަހުވަދުއަށެވެ. އެ އެއާލައިނުން ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސީޕްލޭން އަދި ޑޮމެސްޓިކް ދަތުރުތައް ވެސް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.
މަންޓާ އެއާއިން މިވަގުތު އަންނަނީ ހަތަރު މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. މަޑިވަރުގެ އިތުރުން އެ އެއާލައިނުން މިހާރު ދަތުރުތައް ކުރަނީ ކުޑަހުވަދު އާއި ބ. ދަރަވަންދު އާއި ރ. އިފުރަށެވެ. މަންޓާ އެއާގެ ފްލީޓުގައި 20 އެއާކްރާފްޓު އޮތް އިރު އޭގެ ތެރޭގައި ތިން އޭޓީއާރު ބޯޓު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ސަރީގު
08 January 2025
ބުކިންގް އެއް ހައްދަންވެސް ޖެހެނީ އޮފީހަށް ސިޓީ އެއް ފޮނުވަން! 1930 ގެ މީހުން އެއާލައިން ހިންގިހެން ހިންގަން އުޅޭ ބައެއްތީ!
ފަލަގެރި
08 January 2025
އަހަރެމެން ދެން ތިޔަހާ ހިކިތޮޅި ބައްތެއްޔަކަށް ނާރާނަން! އަހަރުމެން ދެން ދަތުރުކުރާނީ ފުޅާ ބައްތެލީގަ!
ރަންގަޅު
09 January 2025
ބާމަތިފުޅާބޯޓްގައިދޯ؟
ރިހާކުރުމަޖާ
08 January 2025
މަޑިވަރަށްދާ 1380ރ ނަގާއިރު ކުޅުދުއްފުއްޓަށް 1470އެހާވަރުނަގާ އިރު ދެފޭގާތްނުވޭ. ތަންފުކެއް ބޮޑުވަރުދޯ؟؟
އަޅި އަލީ
08 January 2025
މައްސަލަ އަކީ އޮންލައިން ބްކިން ސިސްޓަމް ގަނޑެއް ވެސް ނެތުން!