އެންސިސް ކޭނަރީއަކީ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ ބިޔަ އިންވެސްޓްމަންޓެއް.
ހުޅުމާލޭގައި ހިންގި އެންސިސް މަސް ފެކްޓަރީގައި މަސައްކަތް ކުރަނީ.
09 އޯގަސްޓް 2025 - 23:24
ރާއްޖޭގައި އަމިއްލަ ފަރާތަކުން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަށް އިންވެސްޓް ކޮށްފައިވާ އެންސިސް މަސް ފެކްޓަރީއާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހަވާލުވާން ނިންމައިފި އެވެ.
މިފްކޯއިން، އެންސިސް ކޭނަރީ ގަންނަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، މިފްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މަސައްކަތް ހުއްޓާލިތާ ދޮޅު އަހަރު ވެފައިވާ "އެންސިސް ކޭނަރީގެ ޕްރޮސެސިން ކެޕޭސިޓީ" މިފްކޯ އަށް ލިިބިގަތުމަށްޓަކައި ދިރާސާތައް ނިންމާފައިވާ ކަމަށެވެ. އެންސިސްއާ އެކު އޭގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ބުނިގޮތުގައި، އެންސިސް ފެކްޓަރީއަކީ ފަހުގެ މެޝިނަރީ އާއި އާލާތްތަކާ އެކު އިންވެސްޓް ކޮށްފައިވާ ތަނެވެ.
ނަމަވެސް އަމިއްލަ ފަރާތަކުން ކޮށްފައިވާ ބިޔަ އިންވެސްޓްމަންޓެއް މިފްކޯ އަށް "ލިބިގަތުމަށްޓަކައި" ނިންމާ ގޮތްތަކެއް އަދި އޭގެ އަގެއް އަދި ހާމައެއް ނުކުރެ އެވެ. މިފްކޯ އަށް އެންސިސް "ލިބިގަންނަނީ" ކުއްޔަށް ކަމެއް، ގަންނަނީ ކަމެއް ވެސް ނޭނގެ އެވެ.
● ކޭނަރީ ހުޅުވީ ޑިސެމްބަރު 9، 2019 އިގައި. މިއީ މާލެ ސަރަހައްދުގައި ހެދި މި ފަދަ ފުރަތަމަ ފެކްޓަރީ.
● އިންވެސްޓްމަންޓުގެ އަގު: 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)
● މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްފައިވޭ.
● ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭ.
● ސެޕްޓެމްބަރު 2023 ގައި ކޭނަރީ ބަންދުކުރުމާ ހަމައަށް 200 އެއްހާ މުވައްޒަފުން މަސައްކަތްކުރި. އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުން.
● ކޭނަރީގެ ބިމުގެ ޖާގަ: 50،000 އަކަފޫޓު.
● ކޭނަރީ ބަންދުކުރަން ޖެހުނީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން.
ހުޅުމާލެ 1 ގައި 50،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އެންސިސްގެ ކޭނަރީ ހުޅުވީ ޑިސެމްބަރު 9، 2019 ގައި އެ އަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށެވެ. އެ އިންވެސްޓްމަންޓަށް 385 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އެއީ 23 އަހަރުވީ އެންސިސް ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓު ވެސް މެ އެވެ.
ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ގާބިލްކަން ހުރި އެންސިސް ކޭނިން ފެކްޓަރީ ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މަހުގެ އެއްވެސް ބާވަތެއް ބޭކާރު ނުކޮށް ހުރިހާ ބާވަތަކުން އެކި ރަހަތައް އެކުލަވާލައިގެން މަސްދަޅާއި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުން ކަމަށް އެ ކުންފުނިން އޭރު ބުނެފައި ވެ އެވެ. އޭގެ ތެރޭގައި ތެލާއި ފެނުގައި ބަންދުކުރާ ދަޅުމަހާއި ޗިލީ ސޯސް އާއި ސަން ފްލާވާ އޮއިލްގައި ބަންދުކުރާ ދަޅު މަސް ވެސް ހިމެނެ އެވެ.
ދުއިސައްތައެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އައި އެންސިސްގެ ކޭނަރީ ސެޕްޓެމްބަރު 2023 ގައި ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުންނެވެ.
އެހާ ހިސާބާ ޖެހެންދެން ރާއްޖޭގައި އެންމެ ފުޅާކޮށް މަސް ގަންނަމުން އައި އަމިއްލަ ކުންފުނި, އެންސިސް ފިޝަރީސްގެ ޑިރެކްޓަރު އަބްދުލް ވާހިދު އެ ދުވަސްވަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، މަސްވެރިންގެ އަތުން ކަނޑު މަސް ގަތުން ހުއްޓާލީ 25ރ. އަށް ގަނެގެން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެތީ ކަމަށެވެ.
ވާހިދު އޭރު ވިދާޅުވީ، މަސް ކޭނަރީއަކާއި ބޮޑު ފެކްޓަރީއެއް ހެދީ ބޭރުން ލޯނު ނަގައިގެން ކަމަށާއި އެހާ ބޮޑު ގެއްލުމެއްގައި އެ ވިޔަފާރި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރީ، އަމިއްލަ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯ އިން ބުނީ، އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މިފްކޯ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ، މެޝިނަރީ އަދި އެހެނިހެން އާލާތްތަކަށް މަޖުބޫރު ރިޕެއާ އެންޑް މެއިންޓަނެންސް ވަރަށް ބޮޑު ތަނުން ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތަކެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ އަދި އަސާސީ މަރާމާތުތަކާއި އަދި ބަދަލު ކުރަންޖެހޭ ތަކެތި ބަދަލުކުރުމަށް މިފްކޯ އިން ވަނީ އިސްކަންދީފަ އެވެ،" ބަޔާނުގައި ބުންޏެވެ.
މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތާ އެތައް ދުވަހެއް ވެފައިވާ މިފްކޯ އިން ބުނިގޮތުގައި، މަރާމާތުގެ މަސައްކަތްތަކަށް އިސްކަންދީފައިވީ ނަމަވެސް، އެ ކުންފުނީގެ ޖުމުލަ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި މެނޭޖުމަންޓުން އަންނަނީ އެކި ދާއިރާތަކުން މަސައްކަތް ކުރަމުންނެވެ.
"މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިއު އެޑް ކުރުމުގެ ގާބިލްކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އެންމެ މުހިންމު އެއް އަމާޒެވެ،" މިފްކޯގެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޭދާ
11 August 2025
ބަފައި ކަށާވަރުނުވާ ތަނެއްތަ؟
raajje
11 August 2025
އަޅައިގަތީމިޕޮއިންޓުގަ "ކޭނަރީ ބަންދުކުރަން ޖެހުނީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަމަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން." މިހާރު މިފުކޯއިން މިތަންގަންނަނީ؟ ސަރުކާރުންސިޔާސީބޭނުމަށް ނުއަގުގައިމަސްގަނެ އަމިއްލަވިޔަފާރިތައް ހުއްޓާލަންމަޖުބޫރުވާހެން ކަންކަންކޮށްފައި މިހާރު ނުއަގުގައި މީހުންގެ އިންވެސްޓުމަންޓުތައްފޭރުން ނޫންތަމީ؟ ޕުރައިސްރެގިއުލޭޓުކުރުމުގެހަމައެއްނެތް، ވޯޓުތަކާދިމާކޮށް ސަރުކާރުތަކުން ޓެކުސްފައިސާތަޅާބުރުވުން ހުއްޓުވަންޖެހޭ
އެކްސިް
10 August 2025
ފައިދާ އަކީ މިފްކޯގެ ޑީއެންއޭގަވެސް ނެތް އެއްޗެެއް. ހިސާބު ހޯދާލަބަލަ މިފްކޯގެ 30 އަހަރުގެ ފައިދާވީ ކިތައް އަހަރުތޯ؟ ތި ވާނީ ބޮޑު ގެއްލިމަކަށް.
އިންތިޚާބް
10 August 2025
ލޯކަލް ކައުންސިލް އިންތިޚާބް އަށް ވަގުތު ކުޑަތަންވަނީ. ސަރުކާރު ކުންފުނިތަކުން ބިލަށް ފައިސާ ނުދައްކާތީ ކޯޓަށް ދަނީ. ސަރުކާރުން ކުންފުނިތަކަށް ފައިސާ ދޫކުރަނީކީނޫން. ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ހިންގާން ޖެހުމުން އެހަސަނެއ މިހަސަނެއް ބެލުމެއްނެތި ތިޖޫރީ އިން ފައިސާނަގާ ކުންފުނިތަކަށް ފައިސާ އޮއްސާލަނީ. އެފްއައިޔޫ ހެޑް ވަކިކޮށް އާމީހަކު ހަމަޖެއްސީމާ އޭނާއަށްވެސް މިހާރު ފިލާވަޅެއް ލިބިފައިހުންނާނެ. ކައުންސިލަށް ދޮންނަމެށީން ޖައްސާންޖެހޭނެތާ
އަހުމަދުބޭ
10 August 2025
އެންސިސް އަށް ގެއްލުންވީކީ މަހުގެ އަގަށް ގެނައި ބަދަލްއަކުން ނޫން، އެންސިސްއިން ލަގްޒަރީ އެޕާރޓްމަންޓް ތިމަންނާމެންނަށްވެސް ހެދޭނޭކިޔާ އައިރާ އެޕާރޓް މަންޓަށް ފެކްޓްރީއަށް ލިބުނު ލާރިއަޅަން އުޅެން ހަދައިގެން ފަނުފުލުންދިޔައީ، މީވީގޮތަކީ އައިރާވެސް އަދިވެސް ނިމުނީކީނޫން ފެންޓްރީ ހަދަން ނެގީ ލޯންދެއްކުނީކީނޫން، މަސައްކަތް ކުރިމީހުންނަށް ލާރިދެވުނީކީނޫން، މިހާރު މިޖެހުނީ ސަރުކާރުން އެކަމާހަވާލްވާން
ހަހަހހަހަ
10 August 2025
ލޯން ދެއްކިއްޖެ. ޝުކުރިއްޔާ
ޓްރަލަލާ
10 August 2025
މާކެޓް އަގުގަ ފައިސާ ދައްކާކަން ކަށަވަރު ކުރޭ. ރައްޔިތުންގެ ފައިސާއަށް ޖަވާބުދާރީ ވާންޖެހޭނެ.
ދިވެހިބިން
10 August 2025
ވިދިފައޮތްތަނެއް ކޮންމެ ސަރުކާރަކުންވެސްއައިސް އިތުރަށް ފުނޑާލަނީ.. މިފްކޯ އުވާލާ!!!!
ފަޅުމަސް
10 August 2025
25 ރުފިޔާގެ ރޭޓުގައި މަސް ގަނެގެން، އެންސިސްއަށް ފައިދާގައި ނުކުރެވުނު ވިޔަފާރިއެއް، މިފްކޯއިން ނަގަންވީ ކީއްކުރަން؟ ބަޔަކަށް ރުފިޔާގަނޑެއް ދޭން އުޅޭ ގޮތެއް ހެން ހީވަނީ...
ނޫނު. ޖަވިޔަނި
10 August 2025
ޙަވާލުވަނީތަ ނޫނީ ގަންނަނީތަ؟ މަވެސް ހަވާލުވެދާނަން..
އަކްބަރު
10 August 2025
ކޮމެންޓު ކުރާއިރު މަހިތަށް އަރާ ހަމައިގަ ތިބެގެންބާއޭ ކޮމެންޓު މިކުރަނީ، ބަލަ މިފްކޯއަށް ގެއްލުން ވެޔޭ ކިޔާފަ މަސްވެރިން ބާނާ މަސް ކަނޑަށް އެޅޭތަ؟؟؟ އަޖައިބެއް މީ މިދިޔަ ހަފްތާގަ ގޯސްވީ ޗައިނާ ކުންފުންޏަކުން ދިވެހި މަސް ބަންދު ކުރާތީ އެކަމާ މޮޔަވީ.. މިއަދު ދިވެހިން ހަދާފަ ހުރި މަސް ފެކްޓްރީއެއް ހިންގަން މިފްކޯއިން އުޅޭތީ އެކަން ގޯސްމމިވަނީ، ބަލަ އެތަން ނަގައިގެންވެސް މަސް ބަނދު ކުރީމަ އޭގެ ފައިދާ ވަނީ ދިވެހިންނަށޭ
ކައިދެގެ އަހައްމާ ބެއްޔާ
10 August 2025
ބަލަ ތިކަމުން ވެސް ކުރާނީ ވައްކަން . ޢެހެންވެ ގޯސްމިވަނީ ..އަކުބަރު ކަލާ މިގައުމުގައި ކަންކަން ހިގަމުން ދާގޮތް ރަގަޅަށް ބަލާލަބަލަ..
ޢަރުތަ
11 August 2025
ފައިދާވާނީ ދިވެހިންނަށޭ! ފުރަތަމަ މިފްކޯއަށް ފައިދާއެއް ވެގެންތާ އެހެން ފަރާތަކަށް ފައިދާއެއް ވާނީ، ދުވަހަކުވެސް މިފްކޯއަށް ފައިދާއެއްނުވޭ، އެކަމަކު އެތަނުގަ އެކި ދުވަސްވަރު އުޅުނުމީހުން ތިބީ ފައިދާވެގެން އަރާ އާސުމަނުގަ މިހާރުވެސް ހަމަ އެހެން، ވެދާނެ ހުސްފަޔާ ހިނގީމަ ފައިދާ ވީކަމަށްވެސް.