މެންހެޓަން ގްރޭންޑް ހޮޓެލްގެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
20 އޯގަސްޓް 2025 - 22:37
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާތަކަށް ހާއްސަ މީޑިއާ ވިލެޖާ އެކު، އާ ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން ބަޔަކާ އެކު މިރޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މީޑިއާތަކަށް ހާއްސަ ކޮށްގެން މީޑިއާ ވިލެޖެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.
ހުޅުމާލޭގެ ސިޓީ ހޮޓާ ޕްރޮޖެކްޓް ހަވާލުކުރީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ހަދާ ފަސް ތަރީގެ އެ ހޮޓާލުގެ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ.
އެ އިމާރާތުގައި މީޑިއާ ވިލޭޖުގެ އިތުރުން ތަރިކަ ކޮލެޖާއި އެމްއެންޔޫ މެޑިކަލް ސްކޫލާއި ޔޫތު ސެންޓަރަށް ހާއްސަ ޖާގައެއް ކަނޑައަޅާނެ އެވެ. އެ ތަންތަން ނިންމަން ފަސް މަސް ދުވަސް ވަނީ ދީފަ އެވެ. އެ ހަތަރު ތަނަށް ދޭ ޖާގަ ހެދުމަށް ހަތް މިލިއަން ޑޮލަރު ހަރަދު ކުރާނެ އެވެ.
ހޮޓާ އެއްކޮށް ނިންމައި ހުޅުވަން ކަނޑައަޅާފައި ވަނީ ކުރިއަށް އޮތް 12 މަސް ދުވަހުގެ މުއްދަތެވެ.
މެންހެޓަން ގްރޭންޑް ހޮޓެލް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ ފަހިޔަސް ޕަންގަޓް ވިދާޅުވީ، އެ ޕްރޮޖެކްޓްގެ ދަށުން ހަތަރު ކެޓަގަރީއެއްގެ ކޮޓަރި ހަދާނެ ކަމަށާއި އެ ހޮޓަލުން އެންމެ ޒަމާނީ ލަގްޒަރީ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ޕްރޮޖެކްޓްގެ މަސައްކަތް ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ނިންމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތެވެ.
ހުޅުމާލޭގައި ހަދާ މެންހެޓަން ގްރޭންޑް ހޮޓަލުގައި 158 ކޮޓަރި ހިމެނޭއިރު ކޮންފަރެންސާއި މަޕްޓި ޕާޕަސް ހޯލާއި ސުވިމިން ޕޫލްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ފުޑް އައުޓްލެޓަށް ޖާގަ ލިބޭނެ އެވެ. އަދި ޖިމާއި ސްޕާގެ ހިދުމަތް ވެސް އެ ހޮޓަލުން ލިބޭނެ އެވެ.
ހޮޓާ ނިންމަން އެއް އަހަރުގެ މުއްދަތެއް ވަނީ ކަނޑައަޅައިފަ އެވެ. އެޗްޑީސީން ބުނީ، އެ ހޮޓާ ވާނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅާ ލެވޭނެ ހޮޓަލަކަށް ކަމަށެވެ. އެގޮތުން 12 އެއާލައިނަކާ އެކު އެއްބަސްވުންތައް ހަދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ ފަހިޔަސް ޕަންގަޓް ވާހަކަ ދައްކަަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ޕްރޮޖެކްޓާ އެކު، އެޗްޑީސީ އަށް ބިމުގެ އަގުގެ ގޮތުގައި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އަދި ކޮންމެ އަހަރު ކުލީގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ލިބޭނެ އެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިއަން ޑޮލަރު (39 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.
އެ ހޮޓާ ހަދާ އިރު ސީއެސްއާރުގެ ދަށުން ސަރުކާރަށް ދޫކުރާ ހަތަރު ތަނުގެ ފެނާއި ކަރަންޓާއި މެއިންޓަނެންސް ހަރަދު ދާއިމީ ގޮތެއްގައި ހަމަޖައްސާނީ .ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުންނެވެ.
އެސްޓީއޯ އިން ހުޅުމާލޭގައި ހޮޓަލެއް އިމާރާތް ކުރަން މީގެ 18 އަހަރު ކުރިން ނިންމީ ރާއްޖެ އަށް އެތެރެކުރާ ކާޑާއި ތެލާއި އަދި އެހެނިހެން ބާވަތްތަކުގެ މުދާ ގަންނަން ބޭނުންވާ ޑޮލަރު ހޯދުމުގެ ނިޔަތުގަ އެވެ.
އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހުޅުމާލެ އިން 2007 ވަނަ އަހަރު ހޯދައި އެމެރިކާގެ ކާލްސަން ގުރޫޕާ އެކު 2011 ގައި ޕާޓްނާޝިޕް އެއްބަސްވުމެއް ވެސް ހެދި އެވެ. އަދި 34 މިލިއަން ޑޮލަރު ހަރަދު ކޮށްގެން 250 ކޮޓަރި ހިމެނޭ ގޮތަށް "ރެޑިސަން ބްލޫ ހޮޓެލް" ގެ ނަމުގައި އެ ތަން ތަރައްގީ ކުރަން ފެށި ނަމަވެސް އެކި ކަންކަން ކުރިމަތިވެ އެންމެ ފަހުން އެ ހޮޓާ ވިއްކާލަން 2018 ގައި އެސްޓީއޯ އިން ނިންމި އެވެ.
އެކަމަކު، އޭގެ ފަހުން ވެސް އެ ހޮޓަލާ މެދު ސަރުކާރުން ގޮތެއް ނިންމުން ދިގުލައިގެން ދިޔަ ނަމަވެސް އެސްޓީއޯއާ ނުގުޅޭ ވިޔަފާރިތަކުން ދުރަށް ދާން އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން މިދިޔަ އަހަރު ނިންމުމާ އެކު، އެ ހޮޓާ ހިންގާނެ އާ ބަޔަކު ހޯދުމުގެ މަސައްކަތްތައް މި ސަރުކާރުން ފެށީ އެވެ. އޭގެ ނަތީޖާއަކީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީއާ ވާހަކަ ދައްކައި އަލުން މަޝްރޫއު ކުރިއަށް ގެންދަން ކަނޑައެޅުން ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
21 August 2025
ރާއްޖޭގެ ގިނަ ރިސޯޓުތަކާ ހޮޓާތަށް ބޭރުމީހުންގެ އަތްމައްޗަށް ދޫކޮށް ނިމެނީ. ދެން ދިވެހިންނަށް ލިބޭނީ މަދު ވަޒީފާ ކޮޅަކާ ސަރުކާރަށް ދައްކާ ޓެކްސް. ދިވެހިންްގެ އެންމެ ބޮޑު އިންޑަސްޓްްރީ ބޭރުމީހުންގެ ކޮންޓްރޯލްގެ ދަށަށް މިހާ ބޮޑަށް ދިޔައިމަ ދިވެހިން ޖެހޭނީ ހަމަ އެކަނި ގެސްޓްހައުސް ހިންގަން. ސަރުކާރަށް ޓެކްސް ލިބޭނެ. އެންވީމަ ......
މިސްޓަރ ވާން
21 August 2025
ދިވެހީންނަށް ތިވަރުން ފުދޭނެ. ގިނަ ގިނައިން ސޮއިކޮށްފަ ބަހައްޓާ!!!!!
ސާންތި
21 August 2025
މި ހުރިހާ ދުވަހު ތިތަނަށް އިންވެސްޓަރެއް ނުލިބުނޯ. މިހާރު މިކިޔަނީ ކީކޭ؟ ތި ސޮއިގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިބާ؟
ކަޑަ
21 August 2025
ތަރިތަކެއް ބޭނުމެއްނޫން. އަހަރުމެން އާދައިގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުމީ.
2025
21 August 2025
ކުރިޔަކަށް ނުކަޑާނެ މީހަމަ އަދުން..... ބޮއިހަލަކި
ރޯނޭ
21 August 2025
މަންހަޓަން ހިންގާ މީހުންނާ އެޗްޑީސީ އަދި ސަރުކާރާދެމެދު އަޑިނޭގޭ ގުޅުމެއް އެބޮތް
ރިޓާޑެޑް
21 August 2025
އިމާރާތްކުރުމުގެ މަޝްރޫއުތަކާ މެދު ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށް، ވަކިން ހާއްސަކޮށް ސަރުކާރުން ބޮޑެތި ހަރަދުތަކާއި އިންފްރާސްޓްރަކްޗާއަށް ބޭރުގެ ފައިނޭންސިންއަށް ބަރޯސާވުމުން ކުރިމަތިވެދާނެ ނުރައްކާތަކަށް އަލިއަޅުވާލައިފި ވޭ. މި މަޝްރޫއުތަކަކީ ގައުމުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް ކުރާ މަޝްރޫއުތަކެއް ނަމަވެސް، ދަރަނި އިތުރުވުމާއި، ރަސްމީ ރިޒާވް ދަށްވުން ހިމެނޭ ގޮތަށް ކުރެވޭ މަޝްރޫތަކެއް.
ވާނުވާ....
20 August 2025
ތިވަރަށް ސޮއެކުރާއިރުވެސް ކުރިޔަށް ކަނޑާތަނެއް އަދި ނުފެނޭ ހާދަ ސޮއެކޭ މި ދެ އަނހަރު ކުރަމުން ތިދަނީ
ނިންމަންވީ
21 August 2025
މީތި ކުރިޔަށް ކަނޑާނެ. ނިމިފައި ހުރި އިމާރާތެއްގައި ފިނިޝިންގް ނިންމާލަން މާބޮޑު ޚަރަދެއް ނުދާނެ. އެކަމަކު އަދަދުތައް އެހެރީ މިލިޔަން ޑޮލަރުން. އަގު ހަދާފައި އެހެރީ އިމާރާތްކުރުމާއި އެކީގައި ކަމަށް ވެދާނެ.