23 އޯގަސްޓް 2025 - 17:43
ބޭންކް އޮފް މޯލްޑިވްސްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
އެއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ. އެ ކްލާސް ތައްޔާރުކޮށްފައިވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކޮށް، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެންނެވެ. އަދި ވޭމަންޑޫ ސްކޫލްގެ އަމާޒަކީ އެ ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހުމަދު ޝައުގަތު ވިދާޅުވީ އެ މަޝްރޫއުގެ މަގުސަދަކީ އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ކްލާސް އިމާރާތް ކުރުމުގައި ސްކޫލުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މިއަހަރުގެ މިހާތަނަށް ބީއެމްއެލްއިން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީ ކޮށްފައި ވެއެވެ. އެ ދެ މަޝްރޫއުއިން 200 އަށް ވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައިވެ އެވެ.
ފާއިތުވި 5 އަހަރު ތެރޭގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy