ލޯނެއް ނުދެއްކުމުން ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދިން ހުއްދައާ އެކު، ލ. ކުޑަފަރެސް ވިއްކާލަން އެ ބޭންކުން މިއަދު އިއުލާނުކޮށްފި އެވެ.

ލޯނުގެ ރަހުނު ގޮތުގައިވާ ތިން ރަށުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުންޏާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގައި ވެސް މޫސަ އާއި އޭނާގެ ކުދިންގެ ހިއްސާ އޮވެ އެވެ.

ހެވީލޯޑް ކުންފުންޏަށް ބީއެމްއެެލްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ކުރިން ވެސް ހުއްދަ ދިނެވެ. އެކަމަކު، އެ ހުކުމް ހައި ކޯޓުން ބާތިލުކުރީ އެވެ. 

ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަނެއްކާވެސް ވަނީ ތިން ރަށް ވިއްކާލަން ބީއެމްއެލްއަށް ހުއްދަ ދީފަ އެވެ. ކޯޓުން އެ އަމުރު ނެރުނުއިރު ރަށްތައް ވިއްކާލުމަށާއި އެ އަށް ބީއެމްއެލްއިން އެދުނު އަގަށް ހެވީ ލޯޑް ކުންފުނިން އެއްބަސްވެފައިވެ އެވެ.

ބީއެމްއެލް މިއަދު ކުރި އިއުލާނުގައިވާ ގޮތުން ކުޑަފަރެސް ވިއްކާނެ އެންމެ ކުޑަ އަގަރީ 45.6 މިލިއަން ޑޮލަރެވެ. 

އެ ރަށް ގަންނަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުަވަހުގެ މެންދުރު 12:00 އެވެ. 

ރަހާ ރިސޯޓްގެ ލޭކް-ވިއު ވިލާއެއް. ފޮޓޯ: ރަހާ ރިސޯޓް
ރަހާ ރިސޯޓްގެ ލޭކް-ވިއު ވިލާއެއް. ފޮޓޯ: ރަހާ ރިސޯޓް

ކުޑަފަރެހަކީ ރަށުގެ މެދުގައި ލޮނުފެނުގެ ސާފު ކުޅިއެއް އޮންނަ، ހާއްސަ ސިފަތަކެއް ހުރި ރަށެކެވެ. 

އެ ރިސޯޓްގައިވާ ޓޫރިސްަޓް ވަސީލަތްތަކުގެ ތެރޭގައި ލޭކް-ވިއު ވިލާތަކާއި ބީޗް-ވިއު ވިލާތަކާއި ރެސްޓޯރެންޓަކާއި ދެ ބާ ހިމެނެ އެވެ.

ހެވީލޯޑަށް ދޫކޮށްފައިވާ ކުޑަފަރެސް ތިން މަސް ތެރޭގައި ވިއްކާލުމުގެ ހުއްދަ ދީފައިވާއިރު، ކޯޓު އަމުރުގައިވާ ގޮތުން ފުރަތަމަ މަހު ރަށްތައް ވިއްކުމުގެ ފެށޭ އަގަކީ 46 މިލިއަން ޑޮލަރެވެ. ފުރަތަމަ މަހުގެ ތެރޭ ނުވިކިއްޖެ ނަމަ ދެން ފެށޭ އަގަކީ 40 މިލިއަން ޑޮލަރެވެ. ތިން މަސްތެރެއަށް ބަލާއިރު ވިއްކުމުގެ ފެށޭ އަގަކީ 38 މިލިއަން ޑޮލަރު ކަމަށް އަމުރުގައިވެ އެވެ. 

ވިއްކާލަން ހުއްދަދީފައިވަނީ ކުޑަފަރެސްގެ އިތުރުން ފަރެސް އަދި ބޮޑުހުރާ އެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. ބޮޑުހުރާ ދޫކޮށްފައިވަނީ ދަނޑުވެރި ކަމަށެވެ.

އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.