ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބީއެމްއެލް އިން މިރޭ ބުނެފި އެވެ. 

ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައި ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައެއް ނުވެ އެވެ،" ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި އެ ބޭންކުން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށެވެ. އެ ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށް ކަމަށާއި އޭގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށް ވާތީ، ބީއެމްއެލް އިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ މިފަދަ ހަގީގަތާ ހިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބޭންކުން ދެކޭ ކަމަށެވެ.