ބީއެމްއެލްގެ މި އަހަރުގެ ސްޓާޓްއަޕް ގްރާންޓަށް އެދި ހުށަހުޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެކަން އެ ބޭންކުން ހަނދާންކޮށްދީފި އެވެ.
ބީއެމްއެލްއިން މިއަދު ބުނިގޮތުގައި އަންގާރަ ދުވަހުގެ މެންދުރުފަހު ދޭއްޖެހުމާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި ގްރާންޓްގެ ދަށުން ހޮވޭ ދެ ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ މާލީ އެހީތެރިކަން ދޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. މީގެ އިތުރުން ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް ބީއެމްއެލްއިން ވަނީ ނިންމައިފަ އެވެ.
އެގޮތުން، ބޭންކުގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓް ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމާއި ޝަރުތުތަކާ ބެހޭ އިތުރު މައުލޫމާތު www.bankofmaldives.com.mv/startup-grant އިން ލިބޭނެ އެވެ.
ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަންޑް ހިލޭ ފޯރުކޮށްދިނުމުގެ މަގްސަދުގައި ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރު އެވެ.