އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު އެމްއެމްއޭއިން ވިއްކާ 1،000 ޑޮލަރު ހަ ގައުމަކަށް ހާއްސަކޮށް، އެ ގައުމުތައް މިއަދު އިއުލާންކޮށްފި އެވެ. 

މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން 1،000 ޑޮލަރު ވިިއްކާނީ އިންޑިއާ، ސްރީ ލަންކާ، ތައިލެންޑު، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީއަށް ބޭސްފަރުވާއަށް ދާ މީހުންނަށް ކަމަށެވެ. 

އެކަމަކު، މީގެ ކުރިން ކޮންމެ ގައުމަކަށް ވިޔަސް ބޭސްފަރުވާއަށް ދާ ކަމުގެ ލިޔުން ހުށަހެޅުމުން އެމްއެމްއޭއިން އައީ ބީއެމްއެލް އާއި އެމްއައިބީ މެދުވެރިކޮށް މިދިޔަ އަހަރުން ފެށިގެން 1،000 ޑޮލަރު ވިއްކަމުންނެވެ. 

އެމްއެމްއޭއިން މިއަދު ބުނީ، ވަކި ގައުމުތަކެއް ކަނޑައެޅީ ބޭސްފަރުވާއަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީން ކުރަން ކަމަށެވެ.

އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ޑޮލަރު ވިއްކާނެ ގައުމުތައް ލިމިޓުކުރިއަސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް 2،000 ޑޮލަރު ލިބޭނެ އެވެ. 

ބޭސްފަރުވާގެ ބޭނުންތަކަށް މިދިޔަ މަހުގެ ނިޔަލަށް 41.1 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި އެއީ  މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. 

"މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރު ފައިސާ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1،000 ޑޮލަރު ވިއްކަން ފެށުމާއެކު ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

އަމިއްލަ ހަރަދުގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް މިދިޔަ މަހުގެ ނިޔަލަށް 29.2 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.