ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ)ތަކުގެ އަދަދަށް ބަލައި، ކުރިއަށް އޮތް ތިން ހަފުތާ އަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރު ކުރަން ނިންމާފައިވާ ކަމަށް އެ ބޭންކުން މިރޭ ބުނެފި އެވެ.

ބީއެމްއެލް އިން މީޑިއާ އަށް ބުނީ، މި ބަދަލު ގެންނަން ނިންމީ، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން ކަމަށެވެ. 

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރީ، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށާއި އޭގެ އިތުރުން ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް މިކަމުން ލިބޭނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް 186 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު މިއީ 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ފޯރުކޮށްދީފައި ވެ އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ. 

އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.