ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "ކާނިވާ 44" ގެ ނަމުގައި ހާއްސަ ކާނިވަލެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކާނިވަލުގައި ތަފާތު ކުރިވަޅުތަކުގައި ބައިވެރިވެ، އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ވިޔަފާރި އާއި އާއިލީ ގުޅުން ބަދަހިކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "ސްވައިޕް ވޮލެޓް" ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަނެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ އިނާމުތަކުގެ ތެރޭގައި 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލް ވެސް ހިމެނެ އެވެ.
ކާނިވަލުގައި ހުންނަ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
މި ކާނިވަލުގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ފަހިކޮށްދީފައިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ ކާނިވާ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.