އެންސްޕާ އޮފީސް. ސަބްސިޑީތަކަށް 600 މިލިއަން އިތުރަށް ހޭދަކޮށްފައިވޭ. -- ފޮޓޯ | މިހާރު
14 ޑިސެމްބަރ 2025 - 11:52
ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދައަށް މި އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 600 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އާސަންދަ އާއި އެހެން ވެލްފެއާ ހިދުމަތްތަކަށް 9.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ހަރަދުތަކަށް ކަނޑައަޅާފައިވަނީ 8.6 ބިލިއަން ރުފިޔާ އެވެ.
ސަބްސިޑީ ހަރަދު އެހާ ބޮޑަށް އުފުލިފައިވަނީ އާސަންދަ އާއި އެހެނިހެން ސަބްސިޑީތަކަށް ކުރި ހޭދަ ވެސް އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން އާސަންދައަށް ދެ ބިލިއަން ރުފިޔާ ހޭދަކުރި އިރު އެއީ ކަނޑައެޅި ބަޖެޓަށް ވުރެ 100 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި އެހެނިހެން ވެލްފެއާ ހަރަދުތަކަށް ކުރާ ހޭދަ ވަނީ 3.2 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ ފާސްކޮށްފައިވާ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިއަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކުރާ ހޭދައިން ހަތަރު ސަބްސިޑީއެއް ޓާގެޓް ކުރަން ކަނޑައަޅާފައި އޮތެވެ. އަދި ސަބްސިޑީތަކަށް ޖުމްލަ ކުރާ ހޭދަ ގާތްގަނޑަކަށް 60 ޕަސެންޓް ކުޑަ ކުރުމަށް ރޭވި އެވެ. ނަމަވެސް، އާއްމުންގެ ކަންބޮޑުވުންތަކެއް ހުރުމުން އަހަރުގެ މެދު ތެރެއިން އެކަމާ ގުޅޭ ސަރުކާރުގެ ސިޔާސަތަށް ބަދަލު ގެނެސް ސަބްސިޑީއަށް ކުރާ ހޭދައަށް ބަދަލު ނުގެންނަން ނިންމި އެވެ. މިއީ ސަބްސިޑީގެ ހަރަދު އިތުރުވި އެއް ސަބަބެވެ.
މިއަހަރު ނިމޭ އިރު ސަބްސިޑީއަށް ކުރާ ހޭދަ 10.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ސަބްސިޑީއަށް ކުރާ ހޭދަ 10.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފޫް
15 December 2025
އެކަމަކު މިހާރު ދާއިމީކޮން ބޭނުންކުރާ ބޭސްތައް އެއްވެސް ވަރަކަށް ރާއްޖެއިން ނުލިބޭ. ކުރިން އެސްޓީއޯއަށް ބޭސް ސިޓީ ލައިގެން ކޮންމެވެސް ދުވަހަކުން އެބޭސް ގެނެސްދޭ. މިހާރު މޮޅުކޮށްލަން އާސައިންދައިގެ ވެލްފައ ފޯމް ފުރައިގެން ނޫނީ ބޭސް ސިޓީ ނުލެވޭ ގޮތަށް ހެދީމަ ބޭސް ސިޓީ އާސަންދައާ ހަމައަށް ފޮނުވާލަންވެސް އެތަށް ތަކުލީފެއް އުފުލަންޖެހޭ. ރާއްޖެއިން ބޭސް ލިބެން ނުހުންނަތާގައި މިއީ ރައްޔިތުންނަށް ޖެއްސި އިތުރު ތަކުލީފެއް.
އެމްސް
15 December 2025
ތީގެ %50 އަށްވުރެ ބޮޑުވާނީ ރާއްޖޭގަ އުޅޭ ބިދޭސީން މައްޗަށް ދިޔަ އެއްޗެކެވެ!
ކޮރަލް
14 December 2025
އާސަންދަ އިން ވައްކަން ކުރާތީ ވަ ގޮތެކެވެ .
ސިކުނޑި
14 December 2025
އާސަންދަ ރިފޯމް ކުރީމަ ގޯހެއްނުމިވީ! ބޭހެއްނުލިބޭ! ޚިދުމަތްދޭ ފަރާތަށް ފައިސާއެއް ނުލިބޭ! އެކަަމަކު ޚަރަދުވަނީ ބޮޑު! މީ ކޮންކަހަލަ ފޯމިއުލާއެއް! ދެން އަނެއްކާ ބަޖެޓްކޮށްފައި އޮންނަ އަދަދަށްވުރެ ބޮޑުތަނުން ބޮޑު ވެގެންދާއިރު މިވާގޮތެއް ބަލާލާ މީހަކުވެސް ނޫޅެނީ! މާބޮޑަށް ދެފުށްފެންނީތީ ހީވަނީހަމަ ކަނީހެން!
ޞަނަމް
14 December 2025
ސަބްސިޑީ ދޭންވާނީ ވެސް ޤައުމަށް ކެތްވާވަރުން
ޖާގަ
14 December 2025
ބޭންކޮކާ ޑުބާއީ އެންބިއުލާންސް ހުއްޓާލާ.
މައްކުބޭ
14 December 2025
ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރާނަމަ ބަޖެޓެއް ހެދުމުގެ މާނައެއްނެތް. ޕަބްލިކް ޓައްޕުން ތަޅާ ހުސްކުރަނީ. މިއީ ހުރިހާ ސަރުކާރުތަކަށްވެސް ކަންކަންކުރަން އެނގޭގޮތަކީ، މިއީ ދެރަވަރުކަންކަން. މީގެ ނަތީޖާއަކީ ރާއްޖޭގެ ދަރަނި 150 ބިލިއަނަށްއެރުން. ކާކު ޒިންމާ ނަގާނީ، އަންނަން އޮތް ދިވެހި ޖީލުތައް؟؟ އެމީހުން ދިރިއުޅެން އޮތް ބިންކޮޅުވެސް އެކިއެކި އާއިލާތަކަށް ހިބަކޮށްދީފަ، ވިޔަފާރިކުރަން ހުރި ރަށްތައް 100 އަހަރަށް އެންމެ 2 މިލިއަން ޑޮލަރަށް ކުއްޔަށްދީފި!!