ވިޔަފާރި / ތައުލީމް

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭ އެކްސްޕޯއެއް

މެޑިކަލް އެޑިއުކޭޝަން އެކްސްޕޯ ކުރިއަށް ދަނީ: އެ އެކްސްޕޯ މިރޭ ވެސް ކުރިއަށް ދާނެ --- ފޮޓޯ/އެޑިއުވެސްޓް

20 ޑިސެމްބަރ 2025 - 15:15

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި އެޑިއުވެސްޓްއާ ގުޅިގެން ބާއްވާ ބަންގްލަދޭޝް މެޑިކަލް އެޑިއުކޭޝަން އެކްސްޕޯ ފަށައިފި އެވެ.

އެއީ ބަންގްލަދޭޝްގައި މެޑިސިން ކިޔެވުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، އެ ގައުމުގައި ހުރި އެކި ޔުނިވާސިޓީތަކާއި އެތަންތަނުގައި ހުންނަ އެކި ފެސިލިޓީތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭ އެކްސްޕޯއެކެވެ. އިއްޔެ ހަވީރު ނަސަންދުރާ ބާސެލޯގައި ފެށި އެ އެކްސްޕޯ މިއަދު ވެސް ހަވީރު 4 އިން ރޭގަނޑު 9 ޖަހަންދެން ކުރިއަށް ދާނެ އެވެ. އެ ތަނުގައި ބަންގްލަދޭޝްގެ 15 ކޮލެޖާއި ޔުނިވާސިޓީތަކުގެ މައުލޫމާތު ލިބޭނެ އެވެ.

ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް މެޑިކަލް އެޑިއުކޭޝަން އެކްސްޕޯގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެޑިއުވެސްޓް

އެ އެކްސްޕޯ ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް ވިދާޅުވީ އެއީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް, އެ ގައުމުން ދިވެހިންނަށް ހުރި ފުރުސަތުތައް ފޯރުކޮށްދިނުމަށް ތަނަވެސްވެގެންދާ މަގެއް ކަމަށެވެ. އަދި ރާއްޖެއަކީ އަވަށްޓެރި ގައުމަކަށް ވާތީ, އެ ގައުމުން ލިބެން ހުރި ތައުލީމީ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އޭނާ ގޮވާލެއްވި އެވެ.

ހައިކޮމިޝަނަރު ވިދާޅުވީ އެ ގައުމުން ތައުލީމު ހާސިލްކޮށް, ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ދިވެހި ޑޮކްޓަރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އިތުރު ދިވެހި ޑޮކްޓަރުން އެ ގައުމުން ތައުލީމު ހާސިލް ކުރުމަށްފަހު ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ފަހިކޮށްދޭ ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އަދި އެ ގައުމުން ދެމުންދާ ސްކޮލަޝިޕްގެ ފުރުސަތުތަކުގެ ބޭނުން އަވަހަށް ހިފުމަށް އޭނާ އެދިވަޑައިގަތެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު, އައިމިނަތު ޝިރްނާ މެޑިކަލް އެޑިއުކޭޝަން އެކްސްޕޯގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެޑިއުވެސްޓް

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރްނާ ވިދާޅުވީ އެ އެކްސްޕޯ އަކީ ބަންގްލަދޭޝްގައި ހުރި ފުރުސަތުތަކާއި ދިވެހި ދަރިވަރުން ގުޅުވާލަދޭނެ ބްރިޖެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި ފެންވަރު ރަނގަޅު ޑޮކްޓަރުން ބިނާ ކުރުމަށް ލިބިގެން ދާނެ ފުރުސަތެއް ކަމަށާއި ބަންގްލަދޭޝަކީ މެޑިސިންގެ ދާއިރާގައި ފެންވަރު ރަނގަޅު ތައުލީމީ މަރުކަޒުތަކެއް ހުރި ތަނެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ބަންގްލަދޭޝްގެ ޑިރެކްޓަރެޓް އޮފް މެޑިކަލް އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލް, ޕްރޮފެސާ ނަޒްމުލް ހުސެއިން ވިދާޅުވީ އެ ގައުމަކީ މެޑިކަލް އެޑިއުކޭޝަނަށް ހާއްސަ ސަމާލުކަމެއް ދޭ ގައުމަކަށް ވާތީ މެޑިކަލް ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން, ބަންގްލަދޭޝް ސަރުކާރުން އެތަންތަން ގާތުން މޮނީޓާކުރަމުންދާ ކަމަށެވެ. އަދި އެ ގައުމަކީ ދިވެހި ގިނަ މެޑިކަލް ދަރިވަރުން އިންޓާންޝިޕަށް ދާ ގައުމަކަށް ވާއިރު, އެ ގައުމުން ކިޔަވާ ދަރިވަރުންނަށް އެފަދަ އިންޓާންޝިޕްތަކުގައި މަސައްކަތް ކުރުމަށް އިތުރަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ބަންގްލަދޭޝަކީ ދިވެހިންގެ އާދަކާދަތަކާއި ރައްޓެހި އަދި ދިވެހިންނާ އެއްގޮތް ގިނަ ކަންތައްތައް ހުރި ގައުމަކަށް ވާތީ އެ ގައުމަކީ މެޑިސިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ދިރިއުޅެން ފަސޭހަ ތަނަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބަންގްލަދޭޝަކީ އާއްމުކޮށް ޑޮކްޓަރުކަން ކިޔަވާ ދިވެހިން އިންޓާންޝިޕަށް ދާ ގައުމެވެ. އެގޮތުން އެ ގައުމަށް އާއްމުކޮށް 200 އެއްހާ ދަރިވަރުން ކޮންމެ އަހަރަކު ވެސް އިންޓާންޝިޕަށް ދެ އެވެ.

ބަންގްލަދޭޝް މެޑިކަލް އެޑިއުކޭޝަން އެކްސްޕޯގައި، އެމްބީބީއެސް ކިޔަވަން ބޭނުންވާ ދަރިވަރުންގެ އެލިޖިބިލިޓީ ވަގުތުން ޗެކުކޮށް, ޔުނިވާސިޓީގެ ޕްލޭސްމަންޓް ވެސް ހޯދޭނެ އެވެ. އަދި ބަންގްލަދޭޝްއިން ދިވެހި ދަރިވަރުންނަށް ޑޮކްޓަރުކަން ކިޔެވުމަށް ދޭ ސާކް ސްކޮލަޝިޕަށް ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެ އެޕްލިކޭޝަން ހުށައެޅުމަށް އެ އެކްސްޕޯގައި ހަރަކާތްތެރިވާ ބަންގްލަދޭޝްގެ އޮފިޝަލުންގެ އެހީތެރިކަން ލިބޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454