ވެރިކަމާ ހަވާލުވި ފަހުން އެމްއެސްއީ ޑިޖިޓަލް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 349 މިލިއަން ރުފިޔާގެ ލޯނު އެހީ ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ތެރޭ 595 ވިޔަފާރިއަކަށް ފައިސާ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ވިޔަފާރިތަކަށް 10 ދާއިރާއަކުން ލުއި ލޯނު ދޫކޮށްފައިވެ އެވެ.

"އެސެޓް ފައިނޭންސިން، ވޯކިން ކެޕިޓަލް ފައިނޭންސިން، ކޮންޓެންޓް ކްރިއޭޝަން، އަންހެން ބޭފުޅުންނަށް ހާއްސަ ފައިނޭންޝަލް ސްކީމްތައް، ގެސްޓް ހައުސް ވިޔަފާރި، މެރިކަލްޗާ، މަހުގެ އެކި އެކި ވެލިއު އެޑިޝަން އާއި ދަނޑުވެރިކަމުގެ ސެކްޓާ ވެސް ހިމެނޭ ގޮތަށް ފައިސާ ވަނީ ދޫކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، ލޯކަލް ވެންޑަރުންނަށް ވޭތުވެދިޔަ ދެ އަހަރު ފިނޭންސް މިނިސްޓްރީން 13 ބިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު ފަސް ބިލިއަން ރުފިޔާ ދޫކުރީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

މި މަހުގެ ކުރީ ކޮޅު ވިޔަފާރިތަކަށް ހާއްސަކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވަނީ ސަރުކާރުން ފައިސާ ދޫކުރުމުގައި ލަސްވާތީ، އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ބިލްތަކަށް ފައިސާ ދޫކުރުން އަވަސްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ޕްރެސްގައި ސައީދު ވިދާޅުވީ، ބީއެމްއެލް މެދުވެރިކޮށް ވެސް އެސްއެމްއީތަކަށް ޓީޓީ ދޫކުރުމުގައި ވެސް އިތުރު ލުއިތައް ދީފައިވާ ކަމަށެވެ. މިދިޔަ އަހަރަށް ވުރެ 46 މިލިއަން ޑޮލަރު އިތުރަށް ޓީޓީ ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓީޓީ ހަދަން ދޭ ޑޮލަރުގެ ސަޕޯޓު ލިމިޓު ވެސް ބޮޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު 2،500 ޑޮލަރަށް ވުރެ ދަށް އަދަދުތަކުގެ އިންވޮއިސްތަކަށް 50 ޕަސެންޓާ ހަމައަށް ލިމިޓް ބޮޑުކޮށްފައިވާ އިރު 5،000 ޑޮލަރުގެ އަދަދުތަކަށް 30 ޕަސެންޓާ ހަމައަށް، އަދި 5،000 އިން މަތީގެ އަދަދުތަކަށް 15 ޕަސެންޓާ ހަމައަށް ވިޔަފާރިތަކަށް ބޭންކް ރޭޓުގައި ޑޮލަރު ހަމަޖައްސައިދޭ ކަމަށެވެ.

ސައީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރު ކަމަށާއި ވިޔަފާރިތަކާ ގުޅޭ ކަންކަން ރޭވިގެން ދާނީ އެކަން ހާސިލުކުރުމަށް ކަމަށެވެ. އަދި ވުޒާރާތަކުގެ އަމާޒުތައް އެގޮތަށް ކަނޑައަޅަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަކި ވަކި ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އޮތީ މެންޑޭޓެއް ކަނޑައަޅާފައި. މިސާލަކަށް ފިޝަރީސް ސެކްޓަ، އެގްރިކަލްޗާ، ޓްރާންސްޕޯޓް، ޓެލެކޮމިއުނިކޭޝަން، އޭވިއޭޝަން މިހެން ގޮސް ހެރިޓޭޗް، އެޑިއުކޭޝާން ޓެކްނޮލޮޖީ އާއި މެނުފެކްޗަރިންނާއި، ކޮންމެ ވުޒާރާއަކުން ކީ ޕާފޯމިން އިންޑިކޭޓަރުކަތެއް ގާއިމް ކުރަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައި،" އޭނާ ވިދާޅުވި އެވެ.