މޯލްޑިވިއަން އެއާލައިނުން އަނެއްކާ ވެސް ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއާލައިން ހިންގާ އައިލެން އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ޑާކާއަށް އަލުން ދަތުރުތައް ފަށަން ނިންމީ، ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވީ، ބަންގްލަދޭޝް އިން އަންނަ ޓޫރިސްޓުން އިތުރުވަމުން އަންނަ އިރު މުދާ އެތެރެކުރާ މިންވަރު ވެސް އިތުރުވެ، ޑިމާންޑް އުފެދިފައިވާ ކަމަށެވެ. އެހެންވެ، އަންނަ މާޗް މަހުން ފެށިގެން ދަތުރުތައް ފަށަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޗް 12 އިން ފެށިގެން ޑާކާއަށް ސީދާ ދަތުރުތައް ފަށާ އިރު ޓިކެޓްގެ އަގަކީ 399 ޑޮލަރެވެ. އަދި ކޮންމެ ހަފްތާއަކު ދެ ފްލައިޓް ބާއްވަން ވަނީ ނިންމާފަ އެވެ.

މޯލްޑިވިއަނުން ޑާކާ އަށް ދަތުރުތައް މީގެކުރިންވެސް ބާއްވަމުން އައި ނަމަވެސް، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑާކާއަށް ކުރި ދަތުރުތައް މެދުކަނޑާލި އެވެ.

މާލެ އިން ޑާކާ އިން މޯލްޑިވިއަނުން ދަތުރުތައް ކުރުމަށް ބޭނުން ކުރަނީ އެ އެއާލައިންގެ އޭ320 މަރުކާގެ މަތިންދާ ބޯޓެވެ.