ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިތުރު ދެ އޭޓީއާރް މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ގައުީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް "މިހާރު" އަށް ވިދާޅުވީ ދެ އޭޓީއޭރް ގެންނަން އޯޑަރު ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ބޯޓު މިއަހަރުގެ ފަހު ކުއާޓާގައި ރާއްޖެއަށް ގެންނާނެ ކަމަށެވެ. އަދި ދެވަނަ މަތިންދާބޯޓު ގެންނާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އިޔާސް ވިދާޅުވީ އާ މަތިންދާ ބޯޓުތައް އުފައްދަން ވަގުތު ނަގާ ކަމަށާއި އަދި އެ ދެ ބޯޓަށް އޯޑަރުކުރި ފަހުން ދުވަސްތަކެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މެނުފެކްޗާ ކުރުމަށް އާންމުކޮށް ލީޑް ޓައިމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާ. އޯޑާ ޕްލޭކޮށްފައި މިހާރު އޮތީ. އާ ދެބޯޓާ އެކު ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރާ ހުރިހާ ބޯޓެއް އާ ވާނެ،" އޭނާ ވިދާޅުވި އެވެ.

އަލަށް ގެންނަނީ ވެސް 46 މީހުންގެ ޖާގައިގެ ދެ ބޯޓެވެ.

މޯލްޑިވިއަންއިން އަންނަނީ އެ އެއާލައިނުން ޑޮމެސްޓިކް ދަތުރުތަކަށް ބޭނުން ކުރަމުންދާ މަތިންދާ ބޯޓުތައް އާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ އެއާލައިނުން 2023 ވަނަ އަހަރު މުޅިން އާ ތިން މަތިންދާބޯޓު ގެނެސްފައިވެ އެވެ. އަދި އެއަށްފަހު 2024 ވަނަ އަހަރު އިތުރު ބޯޓެއް ގެނެސްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިތުރު އޭޓީއާރް މަތިންދާ ބޯޓެއް ގެނެސްފައިވެ އެވެ.

އެއާއެކު އެއާލައިނުން މިހާރު ފަސް އޭޓީއާރް މަތިންދާ ބޯޓު ބޭނުންކުރެ އެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރާ ބޯޓުތައް އާ ކުރުމަށްޓަކައި ގާތްގަނޑަކަށް 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ލަފާކުރެ އެވެ.

އޭޓީއާރްގެ އިތުރުން ވައިޑްބޯޑީ އޭ330 ގެ އިތުުރު މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ވެސް އެއާލައިނުން ދަނީ ކުރަމުންނެވެ. އިޔާސް ވިދާޅުވީ އެ ބޯޓު ގެނައުމުގެ މަސައްކަތް ލަސްވެފައިވަނީ ބޯޓުންވާ ކޮލިޓީގެ ބޯޓެއް ނުލިބޭތީ ކަމަށެވެ. އަދި އެކަމަށްޓަކައި ދެތިން ފަހަރެއްގެ މަތިން އެކުންފުނިން ބިޑަށް ވެސް ކުރިން ހުޅުވާލާފައިވެ އެވެ.

މޯލްޑިވިއަން އެއާލައިންގެ ފްލީޓުގައި 26 މަތިންދާބޯޓް ހިމެނެ އެވެ. އޭގެ ތެރޭގައި ފަސް އޭޓީއާރް އާއި އޭ330 މަތިންދާބޯޓަކާއި އެއާބަސް އޭ320 އާއި ޑޭޝް މަރުކާރުގެ އަށް ބޯޓާއި 11 ސީޕްލޭން ވެސް ހިމެނެ އެވެ.